މައާފު އެދެމޭ ޔާރާ... 13

އެއްޗެހި ބަދަލުކޮށްގެން، އަހަރެން ހުރީ ކޮޓަރީގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. ކައިވެނީގެ ހަފްލާއަށް ލީ ހެދުން އޮތީ އެނދުމަތީގައެވެ. އަހަންނަކީ ހިތަށް އެރި ތަނަކަށް އެއްޗެހި އުކާ މީހެއް ނޫނެވެ. އެކަމަކު، މިއަދު އެއްވެސް ތަނެއް ތަރުތީބު ކުރާ ހިތެއް ނުވިއެވެ. އަރައިގެން ހުރި ބޫޓާއި ބުރުގާވެސް އޮތީ، މުށިތަކުގެ މަތީގައެވެ. އަހަރެންގެ އަންނައުނުތައް އަޅާފައިވާ ފޮށްޓާއި ދިމާއަށް ބަލައިލީމެވެ. ފޮށި ހުޅުވައި، އެއިން ބައެއް އަންނައުނު މަދުކޮށްލީމެވެ.

"ކާރު އައިއްސި..." ކޮޓަރީގެ ދޮރު ހުޅުވައިލާފައި މަންމަ ބުންޏެވެ. "ޔާނިޝް އެބަ އާދޭ ދަރިފުޅުގެ ފޮށި ބަލާ..."

********

އަހަރެން އެއްޗެއް ނުބުނުމުން މަންމަ އެތެރެއަށް ވަނެވެ. އެކި ތަންތަނަށް އުކާފައިވާ އަންނައުނުތައް ނަގައި، ކޮޓަރިތެރެ ތަރުތީބުކޮށްލިއެވެ. ރޮވޭވަރުން އަހަރެން ހުރީ އިސްޖަހާލައިގެންނެވެ. މަންމަގެ އޯގާތެރިކަން އެހެން ތަނަކުން ހޯދާނީ ކިހިނެތް ހެއްޔެވެ؟ މަންމަ އާއި ނުލައި ކެތްކުރާނީ ކިހިނަކުން ހެއްޔެވެ؟ ދުވަހުގެ އިރު އަރަނީ، މަންމަ އަހަރެންގެ ކައިރީގައި ހުއްޓައެވެ. ކައްކައި ކާންދިނުމުގައި ދެގޮތެއް ނުވެއެވެ. އަހަރެންގެ ކަންކަމާއި ހިތްހަމަނުޖެހިގެން ޝަކުވާކުރި ނަމަވެސް، މަންމަމެން ދުވަހަކުވެސް އަޑު ހަރުކޮށް އަހަންނާއި ދިމާއަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

"މަންމައަށް ހީވަނީ ދަރިފުޅު މިހާރު މާ ކުޑަވެއްޖެހެން..." މަންމަ ބުނެލިއެވެ.

"މަންމާ..." އަހަންނަށް މަންމަގެ ގައިގައި ބައްދައިލެވުނެވެ.

އަހަރެން ދެރަވިއެވެ. މަންމަގެ މުހިއްމުކަން އިހުސާސް ކުރެވުނީ އެ މަންމަ އާއި ވަކިވާންޖެހުމުންނެވެ. އޭގެ ކުރިން، އަހަންނަށް އެކަން ނުވިސްނުނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ހިތުގައި އަބަދު އޮތީ ޝަކުވާއެވެ. ހިތްހަމަނުޖެހުމެވެ. މަންމަގެ އަމުރުތަކަށް ކިޔަމަންވުމުގައި ދެމިހުރި ނަމަވެސް، ހިތާއިހިތުން އެތައް ޝަކުވާއެއް ކުރީމެވެ. އަހަންނަށް ނުވިސްނުނު ކަމަކީ، މަންމަގެ މުޅި ދިރިއުޅުން ގުރުބާން ކުރީ، އަހަންނަށްޓަކައި ކަމެވެ. އަހަންނަށް ކިޔަވައި ދިނުމާއި، ކައްކާ، ކާންދިނުމުގައެވެ. ބަދަލުގައި އަހަންނަށް ކޮށްދެވުނީ ކޮން ކަމެއް ހެއްޔެވެ؟ މުސްކުޅިވީ ދުވަހު މިޖެހުނީ އެމީހުން ދޫކޮށްލާފައި އެހެން ބައެއްގެ ކައިރިއަށް ދާށެވެ.

"މަންމަ ދެރައެއްނުވޭތޯ އަޅުގަނޑު ދާތީ؟..." ކުރެހެމުންދިޔަ އަޑަކުން އަހަރެން ސުވާލުކުރީމެވެ. އެ ސުވާލުގެ ޖަވާބު އެނގޭ އިރުވެސް މެއެވެ.

"ދެރަވިޔަސް، މީ އަންނާނެ ދުވަހެއް ކަން މަންމައަށް އެނގޭ..." މަންމަ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.

"ދެން ކީއްވެތޯ މަންމަ ޝަރުތު ނުކުރުވީ؟... އަޅުގަނޑާ ކައިވެނިކުރާ މީހެއްގެ ކައިރީ މިގޭގަ އުޅެން ނުބުނުއްވީ ކީއްވެތޯ؟..." ޝަކުވާގެ ރާގަކަށް އަހައިލީމެވެ.

"އެއީވެސް މީހެއްގެ ދަރިއެއްނު..." މަންމަ ބުނެލިއެވެ. "ދަރިފުޅު މިހާރު އުޅެންޖެހޭނީ ފިރިމީހާ ދައްކާ ތަނެއްގައޭ..."

"މަންމާ!... އެކަމަކު..." އަހަރެން ބޯ ހޫރައިލީމެވެ. އިތުރު އެއްޗެއް ބުނާނެ ހިތްވަރު ނުލިބުމުން، އަހަންނަށް އިތުރަށް ރޮވުނީއެވެ.

ޔާނިޝް އައީ އަހަރެން މަންމަގެ ގައިގައި ބައްދާލައިގެން ރޯން ހުއްޓައެވެ. ދޮރުގައި ޓަކި ޖަހާލާފައި އެތެރެއަށް ވަން ނަމަވެސް، އަހަރެމެން ފެންނަ ކަމަކަށް ނުހަދައެވެ. ފޮށި ހިފައިގެން ޔާނިޝް ނުކުތީ ބޭރަށެވެ. ދަމުން ދޮރު ލައްޕައިލިއެވެ. މަންމަ ކޮންމެވެސް ވާހަކައެއް ދައްކަން އުޅުނުހެން ހީވިއެވެ. އެކަމަކު، ކޮންމެ ފަހަރަކުވެސް އެ ވާހަކައެއް ނުބުނެވިގެން ހުއްޓާލާ ފަދައިން ފުން ނޭވާއެއް ދޫކޮށްލައެވެ.

"ހިނގާ އަވަހަށް ނުކުންނަން... ކާރު މާ ގިނައިރަކު މަޑެއް ނުކުރާނެ..." އަހަންނަށްވުރެ ކުރިން މަންމަ ހިނގައިގަތެވެ. ކޮޓަރިން ނުކުންނަމުން ކަރުނަ ފޮހެލިތަން ފެނުނެވެ.

ފާހާނާއަށް ވަދެ، މޫނު ދޮވެލައިގެން ތައްޔާރުވެލީމެވެ. ފިނޑިކަން އެއްފަރާތްކޮށް، ކެރޭ މީހަކަށްވުމަށް އަޒުމު ކަނޑައެޅީމެވެ. އަތްދަބަހަށް އެޅި އެއްޗެހި ހަމައަށް ހުރިތޯ ބަލައިލީމެވެ. އަހަރެން އެއަށް އެޅީ، ނިޔަފަތި ކަނޑާ ދައްޗަކާއި، ކުޑަ ފިޔޮއްސަކާއި، ބޮޑީ ސްޕްރޭ ފުޅިއަކާއި، ގަލަމަކާއި، ބެލްޓަކާއި، ޓޯޗަކާއި، ކަތުރަކާއި، އިސްޓާކީނު ޖޯޑަކާއި، އަސޭމިރުހާއި ފެން އަޅައިގެން ހަދާފައިވާ ކުޑަ ސްޕްރޭ ފުޅިއެކެވެ. އެއީ ޔާނިޝްގެ ނުރައްކާތެރި ހަމަލާތަކުން ސަލާމަތްވުމަށް އަހަރެން ތައްޔާރުކުރި އެއްޗެއްސެވެ.

އަހަރެން ނުކުތްއިރު، ޔާނިޝް ކާރަށް ފޮށި އަރުވާފައި ޑިކީ ލައްޕައިލަނީއެވެ. ލަސްވެގެން، ފުރަތަމަ އައި ކާރުގައި ޔާނިޝްގެ މަންމަމެން ގޮސްފިކަމުގައި މަންމަ ބުންޏެވެ.

"މަންމާ... ފޯނު ހިފައިގެން ހުންނައްޗޭ..." ކާރަށް އަރަން ދަމުން، އަހަރެން އެދުނީމެވެ. "އެއްވެސް ގަޑިއަކު ނިވާނުލައްޗޭ... ދަންވަރުވެސް ބާއްވައްޗޭ ރިންގަށް ލާފަ..."

"ދަރިފުޅު އެހާ ގިނައިން މަންމައަށް ގުޅާނަންތަ؟..." މަންމައަށް ވީ މަޖާ ކަމަކަށެވެ.

އަހަރެން ބޯ ޖަހައިލީމެވެ.

ބައްޕަ އަހަރެންގެ ބޮލުގައި ފިރުމައިލާފައި، ރަނގަޅަށް އުޅުމަށް ނަސޭހަތްތެރިވިއެވެ. އެއަށްފަހު، ކާރުގެ ދޮރު ހުޅުވައިލަދިނެވެ. އަހަރެން ކާރަށް އެރުމުން، ބައްޕަ ޔާނިޝްގެ ކައިރީގައިވެސް ކޮންމެވެސް ވާހަކަތަކެއް ދެއްކި ތަން ފެނުނެވެ.

ކާރު ދުއްވައިލުމުގެ ކުރިން އަހަރެން ފޯނު ނެގީމެވެ. މަންމަގެ ނަންބަރު ހުޅުވައި، ގުޅަން ތައްޔާރުކޮށްލައިގެން އިނީމެވެ. ޔާނިޝް އަހަރެން ގެންގޮސް މަރާލަން އުޅުނަސް، އެކަން މަންމަމެންނަށް އެންގޭނީ އަހަރެން ހުށިޔާރުވެގެން އިނިއްޔާތާއެވެ. ޔާނިޝް އެރީ ކުރީ ޝީޓަށެވެ. އަހަންނަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.

ދިހަވަރަކަށް މިނެޓުގެ ދަތުރަކަށްފަހު، ކާރު ހުއްޓައިލިއެވެ. ކުރިމަތީގައި ހުރީ އުސް އިމާރާތެކެވެ. އެތެރެއަށް ވަންއިރު، ތިރީބައި ހަދާފައި ހުރީ، މެހެމާނުން މަޑުކޮށްލާފަދަ ގޮތަކަށެވެ. ބޮޑު ހޮޓެލްއެކޭ އެތަނެކޭ ތަފާތެއް ނެތެވެ. މުށިތައް އޮމާންކަމުން، ކައްސައިލަފާނެހެން ހީވާވަރު ވެއެވެ. ފާރުތަކުގައި ލާފައިވާ މަޑު ޕީޗްކުލަ އާއި، ތަން ފަރުމާ ކުރުމަށް ބޭނުންކޮށްފައިވާ ލަކުޑިތަކާއި ނުހަނު ގުޅެއެވެ. ތަންކޮޅަކަށް ހިނގައިލުމުން، ކައުންޓަރު ފެނުނެވެ. އެތަނުގައި އިނީ ރާއްޖެއިން ބޭރު އަންހެނެކެވެ. ކައުންޓަރާއި ދިމާއިން ފާރުގައި ބޮޑު އަކުރުން ހޮޓަލުގެ ނަން ޖަހާފައި އޮތެވެ.

"ހެލޯ ސަރ... ހެލޯ މޭމް..." އަންހެންމީހާ ތެދުވެފައި، އިހުތިރާމާއިއެކު ބުނެލިއެވެ.

ޔާނިޝް ފެނުމުން، އެމީހާއަށް ކާކުކަން އެނގުނު ކަހަލައެވެ. ތަޅުދަނޑިއެއް ނަގައި ކައުންޓަރުގެ މަތީގައި ބާއްވައިލިއެވެ.

"ރޫމް، ޓޫ ޑަބަލް ޒީރޯ ފައިވް..." އަންހެން މީހާ ބުންޏެވެ. "ކޮންގްރެޖުލޭޝަންސް...."

ޔާނިޝް ލިފްޓާއި ދިމާއަށް ހިނގައިގަތެވެ. އަހަރެން ހުރީ، ބިރުން ގުޑިލަންވެސް ނޭނގިފައެވެ. ޔާނިޝްގެ ގެއަށް ކަމުގައި ބުނެ އަހަރެން އެ ގެނައީ ކޮންތާކަށް ހެއްޔެވެ؟ އެއީ ސަލާމަތްވެވޭނެ ހަމަ އެއްވެސް މަގެއް ނެތްކަހަލަ ތަނެކެވެ. ވަގުތުން އެތަނުގެ ނަން އަރާނާހެން ފޮޓޯއެއް ނަގައި މަންމައަށް ފޮނުވަން ތައްޔާރުކޮށްލީމެވެ. ޔާނިޝް އަހަރެން އެތަނުގެ ތެރޭގައި މަރާލިޔަސް، މަންމައަށް އެތަނަށް އަންނަން އެނގޭނީ، އޭރުން ކަމުގައި ވާތީއެވެ.

މަންމައަށް ފޮޓޯ ފޮނުވާފައި އެނބުރުނުއިރު، ކައުންޓަރުގައި ހުރި ކުއްޖާ ފާޑަކަށް ބަލަން ހުއްޓެވެ. އަވަހަށް ނޫންކަމަށް ހަދާލާފައި އެހެން ދިމާއެއް ބަލައިލަން އުޅުނީމެވެ.

"ދެޓް ވޭ މޭމް..." އަހަރެން ނުދާން ހުއްޓާ، އެ ކުއްޖާ ދާންވީ މިސްރާބު ދައްކައިލިއެވެ.

ލިފްޓްގެ ދޮރު ލެއްޕުނަ ނުދީ، މަޑުކޮށްލައިގެން ޔާނިޝް ހުއްޓެވެ. ދަބަހުގައި އޮތް ކުޑަ ސްޕްރޭ ފުޅި މުށުތެރެއަށް ލައި ފޮރުވީމެވެ. ލިފްޓް ތެރޭގައި އަހަރެން ހުރީ ޔާނިޝް އާއި ވީހާވެސް ދުރުގައެވެ. ކެމެރާއެއް ހުރިތޯ ހޯދައިލީމެވެ. އަހަންނަށް ހަމަޖެހުމެއް ލިބުނީ ކެމެރާ ހުރިކަން ޔަގީންވުމުންނެވެ. ޔާނިޝްވެސް ކޮންމެހެން ކައިރިވާކަށް ނޫޅުނެވެ. އެކަމަކު އެއް އަތް ޖީބަށް ކޮށްޕާލައިގެން ހުރުމުން، އަހަންނަށް އެނޫން ދިމާއެއް ނުބެލުނެވެ. ހީވަނީ ދެންމެދެންމެ ޖީބުން ވަޅިއެއް ނަގައި، އަހަރެންގެ ގަޔަށް ހަރާލަފާނެހެންނެވެ.

ލިފްޓްގެ ދޮރު ހުޅުވުނެވެ. އަހަރެންގެ ހިތް ތެޅިގަތެވެ. ފޮށި ދަމަމުން ޔާނިޝް ލިފްޓުން ނުކުތެވެ. އަހަރެން ނުކުންނަންވެސް ނޭނގިފައި ހުއްޓައި، ދޮރު ލެއްޕެން އުޅުނެވެ. ޔާނިޝް ހުށިޔާރުކަމާއިއެކު ދޮރު ލެއްޕުނަ ނުދީ ހިފެހެއްޓިއެވެ.

"ނޮޓް ކަމިންގް؟..." ޔާނިޝް އަހައިލިއެވެ.

"މީ... ގެ..ގެއެއް... ނޫނެއްނު..." ބިރުން ހުރުމުން އަހަރެންގެ އަޑުވެސް ނުކުތީ، ކެނޑިކެނޑިގެންނެވެ.

"ވިހި ވަނަ ފްލޯވީމަތަ، ރުއާގެ ރޭންޖްވެސް އެހާ ދަށީ؟..." ލާނެތް ރާގަކަށް ޔާނިޝް ބުނެލިއެވެ. "ރުއާޔަށް މިތަން ކަމުނުދަނީތަ؟... ގެއަށްތަ ދާން ބޭނުން ވަނީ؟..."

"ވިހި ވަނަ ފްލޯއޭ؟... ކީއްވެ ވިހި؟..." އަހަރެންގެ ހިތް ތެޅިގަތެވެ. ޔާނިޝް ފަހުން ބުނި ޖުމްލަ އަހަންނަކަށް މުހިއްމެއް ނުވިއެވެ. އެއަށްވުރެ، އަހަންނަށް ލިބިފައިވާ ސިހުން ބޮޑެވެ.

އަނެއްކާ ޔާނިޝް އުޅެނީ އެ އިމާރާތުގެ އެންމެ މަތިން އަހަރެން ވައްޓާ، މަރާލަން ހެއްޔެވެ؟ އެ މަންޒަރު ލޯ ކުރިމަތިން ފެނުނުހެން ހީވިއެވެ. ބިރުންގޮސް ދެފައި ތުރުތުރު އަޅައިގަތެވެ.

"ހާދަ މޮޔަ ސުވާލެކޭ... ތިހާ މޮޔަ ކުއްޖެއް އަދި ނުދެކެން..." ޔާނިޝް ހީގަތެވެ.

އެހުރިހާއިރު މަޑުން ހުރެފައި ކުއްލިއަކަށް ޔާނިޝްއަށް ވީ ކިހިނެތް ހެއްޔެވެ؟ މާ އުފާވެގެން އުޅެނީ ކީއްވެ ހެއްޔެވެ؟

"ވީހާވެސް މަތިންނެއްނު ރަނގަޅު ވާނީ... ޓެރެސްއަށް އަރަންވެސް ކިހާ ފަސޭހަވާނެ.... މިހިސާބުގަ ހުރެފަ ތިރި ބަލާލީމަ، ވަރަށް ރީތިވާނެ ވިއު... ދާނަންތަ ބަލާލަން؟..." ޔާނިޝް އަހައިލިއެވެ.

"ނުދާނަން.... ކޮޓަރިއަށް ދާނީ..." އަހަރެން ބިރުން އަވަސް އަވަހަށް ލިފްޓުން ނުކުތީމެވެ.

ކޮޓަރިއަކީ އަދި މާ ނުރައްކާތެރި ތަނެއްކަން ވިސްނައިލެވުނުއިރު، އެތެރެއަށް ވަދެވިއްޖެއެވެ. ނުކުންނަން އެނބުރިލިއިރު، ޔާނިޝް ހުރީ ދޮރު ކައިރީގައެވެ. ފަހަތަށް ޖެހިލައިފިނަމަ، ޖެހޭނީ ބާލުހާނާގެ ދޮރުގައެވެ. އަހަރެން ހުރީ މެދުގައި ތާށިވެފައެވެ. މުޅި ކޮޓަރިއަށް ނަޒަރު ހިންގައިލީމެވެ.

ރީތި ކުޑަ ކޮޓަރިއެކެވެ. ހުދު ބެޓްޝީޓް އަޅާފައިވާ ބޮޑު އެނދުގެ ދެފަރާތުގައި ދެ ލޭމްޕް ބަހައްޓާފައި ހުއްޓެވެ. މުށިތަކުގެ މަތީގައި އޮތީ، ކާޕެޓް އަޅާފައެވެ. އިސްކޮޅާއި އެއްވަރުގެ ބޮޑު ލޯގަނޑެއް ހުރިއިރު، ކޮފީ އާއި ސައި ބޮވޭނޭހެން މޭޒު މަތީގައި އެއްޗެހި ބަހައްޓާފައި ހުއްޓެވެ.

އަތްދަބަސް ކޮނޑުގައި އެޅުވިގޮތަށް އެ ދޫނުކުރާން އަހަރެން ހުރީ ކޮޅަށެވެ. އެގޮތުގައި އަހަންނަށް ހުރެވޭނީ ކިހާ އިރަކުބާއޭ ހިތަށް އެރިއެވެ. ގެނައި އެއްޗެހިތައް އަލަމާރިއަށް ލާފައި ޔާނިޝް ހިންދެމިލިއެވެ. އޭނާގެ ކޮންމެ ހަރަކާތަކާއިއެކު، އަހަރެން ދަނީ ސިއްސައިގެންނެވެ.

"ފެންވަރަން ދާނަން؟..." ޔާނިޝް އަހައިލިއެވެ.

"އޭނ؟..." އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

ޔާނިޝް އެ އުޅެނީ ކީއްކުރަން ހެއްޔެވެ؟ އަހަރެން މަރާލަން އުޅެނީ ފާހާނާތެރޭގައި ހެއްޔެވެ؟ ތުރުތުރު އަޅަމުންދިޔަ އަތުން ދަބަސް ތެރެއަށް އަތް ކޮއްޕައިލީމެވެ. ފިޔޮހީގައި އަތްޖެހުނީ އިރުކޮޅަކު މަސައްކަތްކޮށްލައިގެންނެވެ.

"ނިދުމުގެ ކުރިން ފެން ނުވަރަންތަ؟..." ޔާނިޝް އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.

"ނުވަރާނަން..." އަހަންނަށް ބުނެވުނެވެ.

"ހާދަ ހަޑި ކުއްޖެއް..." ޔާނިޝް ލާނެތްގޮތަކަށް ބުނެލިއެވެ.

"ހެނދުނުވެސް ފެނެއް ނުވަ..ރަން... ދަ..ތެއް..ވެސް ނޫނގު..ޅަން...." އަހަރެން ދޮގެއް ހަދައިލީމެވެ.

"ތި ހެދީ ހާދަ ބޮޑު ތެދެކޭ..." ޔާނިޝް އެއްމިޔަކަނުން ހީލިއެވެ.

ޔާނިޝް އަހަންނާއި ކައިރިނުވާނެހެން ހީވާ ހުރިހާ ވާހަކައެއް ދައްކަން އަހަރެން ބޭނުންވިއެވެ. އެކަމަކު ހިތްވަރެއް ނުލިބުނެވެ. ޔާނިޝް ފާޑަކަށް ހިނިއައިސްފައި ހުރެ، އަހަރެންގެ ގާތަށް އަންނަން ފެށިއެވެ. އަހަންނަށް ޖެހެވުނީ ފަހަތަށެވެ. އިސާހިތަކު ބާލުހާނާގެ ދޮރުގައި ޖެހިފައި މަތަވިއެވެ. ފިޔޮހި ހުޅުވަން އުޅެއުޅެ ނުހުޅުވުނެވެ. އޭގައި އޮތީ ދަބަރު ޖަހާފައެވެ. އަތަކަށް ގުޑައިވެސް ނުލިއެވެ. އެހާ ވަރަށް ތައްޔާރުވެގެން އައުމުންވެސް އަހަންނަށް އެއްވެސް ކަމެއް ފުރިހަމައަށް ނުކުރެވުނީތީ، އަމިއްލަ ނަފުސަށް އަޑުލެވުނެވެ.

ޔާނިޝް އައިސް، އަހަރެންގެ އެއްފަރާތުން ދޮރުގައި އަތް އަޅުވައިލިއެވެ. އެ ބާރުގަދަ އަތުގެ މުލައްދަނޑިން ފެށިގެން، މޫނަށް ނަޒަރު ހުއްޓައިލެވުނެވެ. އެއްބުމަ އުފުލާލައިގެން ޔާނިޝް ހުރީ، އަހަރެންގެ މޫނަށް ބަލާށެވެ. ތޫނު ދެލޮލެވެ. އެސްފިޔަ ޖަހާވެސް ނުލައި އޭނާ އަހަންނަށް ބަލަން ހުރިއިރު، އަހަރެންގެ އިހުސާސްތައް ދެނެގަންނަން އުޅޭ ކަހަލައެވެ. އަހަރެން ހުރީ ގަނޑުވެފައެވެ. ދެފައިން ވާގިދާހެން ހީވިއެވެ.

އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައީ، ޔާނިޝް އަހަރެންގެ މޫނާއި ކައިރިވެލުމުންނެވެ. އެ ތުންފަތުގެ ބީހިލުން ކޮންމެވެސް ވަރަކަށް ކޯތާފަތުން އިހުސާސް ކުރެވިގެން ދިޔައެވެ. ޔާނިޝް ފުންކޮށް ނޭވާއެއް އެތެރެއަށް ދަމަލައިލިއެވެ. އެވަގުތު އަތުގައި އޮތް ފިޔޮހި ދޫވެގެން ވެއްޓުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު