ދިއްގަރާއި ގާދިއްފުށީގެ ގޮނޑި ލިބުމަކީ އެމްޑީޕީއަށް ލިބުނު މުހިންމު ކާމިޔާބީއެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް -- ފޮޓޯ/ ރައީސް އޮފީސް

އިއްޔެ ބޭއްވި މ. ދިއްގަރާއި ތ. ގާދިއްފުށީގެ ބައި އިލެކްޝަން ކާމިޔާބު ވުމަކީ އެމްޑީޕީއަށް ލިބުނު މުހިންމު ކާމިޔާބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އިއްޔެގެ ބައި އިލެކްޝަންގައި އެމްޑީޕީން އެ ދެ ގޮނޑި ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުންނާ ވާދަކޮށެެވެ.

މި ދެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް، ޒުލައިޚާ އަހްމަދާއި އަބްދުﷲ އާރިފް ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް ވަނީ އެ ދެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ އެމްޑީޕީއަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. އެހެންކަމުން ކެމްޕެއިނަށް އެހީތެރިވި މެންބަރުންނަށާއި ކެމްޕޭން ޓީމަށް ވެސް ރައީސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުالله އާރިފް ކާމިޔާބު ކުރެއްވީ 375 ވޯޓުންނެވެ.

އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލްހަން އަހްމަދަށް ލިބިވަޑައިގަތީ 325 ވޯޓެވެ.

ގާދިއްފުށީ ކައުންސިލުން އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރީ ނުވަ ވޯޓުގެ ތަފާތުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިޚާ އަހްމަދަށް 210 ވޯޓު ލިބުނު އިރު ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީއަށް ލިބިވަޑައިގަތީ 201 ވޯޓެވެ.

ދިއްގަރު ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކޮށް ހޮވިވަޑައިގަތް އިބްރާހީމް ޚަލީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ގާދިއްފުށީ ކައުންސިލްގެ ބައި އިލެކްޝަން ބާއްވާފައިވަނީ އެ ކައުންސިލްގައި ހިމެނިވަޑައިގަންނާ އެމްޑީޕީ މެންބަރު މަރްޔަމް ހަސަން އިސްތިއުފާ ދެއްވުމުންނެވެ.

comment ކޮމެންޓް