އާތިފް ޝުކޫރުގެ މައްސަލަ މަދަނީ މިންގަނޑުން ބެލޭނެ ކަމަށް ނިންމައިފި

އާތިފް ޝަކޫރު --- ސަން ފައިލް ފޮޓޯ

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނާ ޚިލާފުވިކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އިބްރާހީމް އާތިފް ޝަކޫރުގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އާތިފް ޝަކޫރުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ އެފްއައިޔޫގެ ކުރީގެ އިސްވެރިޔާގެ މަގާމުގައި ހުންނަވައި އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް ޝައްކު ކުރެވޭ މުއާމަލާތްތައް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ނުކުރާ ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވަނީ އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިިފައެވެ. އެގޮތަށް ނިންމީ ދައުލަތުން ހުށަހަޅާފައިހުރި ހެކިތަކަށް ބެލުމަށްފަހު ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ. ޝަރީއަތް ފެށުމުގެ ކުރިން ހުރި ހުށަހެޅުންތައް ހުށަހެޅުމަށް ގާޒީ ވަނީ ދެ ފަރާތަށް 10 ދުވަސް ދީފައެވެ.

އެއަށްފަހު އެ މައްސަލައިގެ އަޑުއެހުމަށް މި މަހުގެ 28 ވަނަ ދުވަހު ބާއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ދިފާއުގައި މީގެ ކުރިން އޭނާ ވިދާޅުވީ އެ މުއާމަލާތް ހިނގި އިރު އޭނާ ހުންނެވީ ޗުއްޓީގައި ރަށުން ބޭރުގައި ކަމަށެވެ. އެއީ މަނީ ލޯންޑަރިންގެ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗުއްޓީއަށް ފަހު ރާއްޖެ ވަޑައިގެން، ބެލި ބެލުމުން އެކަން ފާހަގަވުމުން ގަވަރުނަރުގެ ސަމާލުކަމަށް ގެނައި ކަމަށް ވެސް އާތިފް ވިދާޅުވިއެވެ. އެއީ ވަޒީފާގެ ބަޔާނުން ވެސް އޭނާއަށް މަތިކޮށްފައިވަނީ އެކަހަލަ ކަމެއް ފާހަގަކުރެއްވިއްޖެ ނަމަ ގަވަރުނަރަށް އެންގުމަށް ބުނެފައިވާތީ ކަމަށް އާތިފް ވިދާޅުވިއެވެ.

މަގާމުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ, މަގާމުގެ މައްސޫލިއްޔަތު އަދާކުރުމުގެ ސަބަބުން އޭނާގެ ނަފްސަށް ގެއްލުންވުން ނޫން އިތުރު ކަމެއް ވާން އޮތްތަން ނުފެންނަ ކަމަށެވެ.

comment ކޮމެންޓް