ޝަހީބު މީޑިއާއިން ހިލޭ ނޫސްވެރިކަމުގެ ކޯހެއް ހިންގަނީ

ޝަހީބު މީޑިއާ އިން ހިލޭ ހިންގާ ނޫސްވެރިކަމުގެ ކޯހުގައި ކިޔަވައިދެއްވާ ފަރާތްތައް --- ފޮޓޯ/ ޝަހީބު މީޑިއާ

ރާއްޖޭގެ އެންމެ ތަޖުރިބާކާރު ނޫސްވެރިން ކިޔަވައިދޭ ނޫސްވެރިކަމުގެ ކޯހެއް އަންނަ ހަފުތާގައި ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ "ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް" ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހާ ހަމައަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައެވެ.

އެ ކޯސް އޮންނާނީ ރޭގަނޑު 08:00 އިން 10.30 އަށެވެ.

އެ ކޯހަކީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއެކު މިދިޔަ އާދިއްތަ ދުވަހު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ޝަހީބު މީޑިއާއިން ހިލޭ ހިންގައިދޭ ކޯހެކެވެ.

ނޫސްވެރިކަމުގެ އެ ކޯހުގެ މަގުސަދަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރު ވެސް މަސައްކަތްކުރާ ޒުވާނުންނާއި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންގެ ލޯހުޅުވައިދީ، އޮއްޓަރު ހުރި، ފޭރާން ހެޔޮ ޚަބަރު ލިޔާނެ ގޮތްތަކާއި ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމެވެ.

އެ ކޯހުގައި ބައިވެރިވުމަށް 30 ޖާގަ ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 20 ޖާގަ ހާއްސަކުރެވިފައި ވަނީ މީޑިއާތަކަށެވެ. އެ 20 ޖާގައަށް ބައިވެރިން ކަނޑައަޅާނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަމަށްވާއިރު، އަނެއް 10 ޖާގައަށް ބައިވެރިން ހޮވާނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހުއެވެ.

އާންމުކޮށް ހުޅުވާލާ 10 ޖާގައަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން 9934333 އަށް އައިޑީ ކާޑާއި ގުޅޭނެ ނަންބަރު ވައިބާ ކޮށްދިނުމަށް ޝަހީބު މީޑިއާއިން އެދެއެވެ. އެ ކޯހުގައި ބައިވެރިވުމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހުގެ މެންދުރު 2:00އެވެ.

އެ ކޯހުގައި ބައިވެރިވުމަށް މީޑިއާތަކަށް މިހާރު ދައުވަތު ފޮނުވާފައިވާއިރު އެ ކޯހުގައި ކިޔަވައިދެއްވާނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރި ވެވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު ނޫސްތަކުގެ އެޑިޓަރުން ފެންވަރުގެ ބޭފުޅުންނެވެ.

އޭގެ ތެރޭގައި ތިއްބަވާނީ ނޫސްވެރިކަމުގެ ގައުމީ އިނާމާއި، ނޫސްވެރިކަމުގެ އަލިމަސްގަލަން ނުވަތަ ނޫސްވެރިކަމުގެ ރަންގަލަން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

ނޫސްވެރިކަމުގެ ކޯހުގައި ކިޔަވައިދެއްވާ ބޭފުޅުން:
1. މުހައްމަދު ޝަހީބު، އަދިވެސް އޮންލައިންގެ ސީއީއޯ/ އެޑިޓަރު
2. މޫސާ ލަތީފު، ދައުރު އޮންލައިންގެ އެޑިޓަރު
3. އިސްމާއީލް ނަސީރު، މިހާރު އޮންލައިންގެ އެޑިޓަރު
4. ހުސެއިން ފިޔާޒު މޫސާ، އަދަދު އޮންލައިންގެ އެޑިޓަރު
5. އާދަމް ހަލީމު، "މި"ގެ ސީއީއޯ/ އެޑިޓަރު
6. ސިނާން އަލީ، ވަން އޮންލައިންގެ ސީއީއޯ/ އެޑިޓަރު
7. އަހުމަދު ޒާހިރު މުހައްމަދު (ހިރިގާ)، ދައުރު އޮންލައިންގެ މެނޭޖިން އެޑިޓަރު
8. އިމާދު ހަސަން ލަތީފު، ނިއުސް އެނަލިސްޓް
9. މުހައްމަދު އާސިފު، މޮންދުު ޕްރޮޑަކްޝަންސްގެ ސީއީއޯ
10. މުހައްމަދު އާމިރު އަހްމަދު (ފަރެސް)، ދިވެހިބަހުގެ ތަޖުރިބާކާރެއް

ޝަހީބު މީޑިއާއަކީ ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދީ ކުރިއަރުވައިދޭނެ ޒިންމާދާރު ނޫސްވެރީން ތަމްރީނުކުރުމާއި، ޒުވާނުންނަށް މީޑިއާގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި މީޑިއާ މެނޭޖުކުރުމާއި މީޑިއާ މާކެޓިން އަދި ޕްރޮމޯޝަނާ ގުޅޭ އެކިއެކި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ މީޑިއާ ހައުސްއެކެވެ.

ޝަހީބު މީޑިއާއިން އިންތިޒާމްކުރި ނޫސްވެރިންގެ ތަމްރީނު ޕްރޮގްރާމްތައް 2010 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގައިފައެވެ.

އެގޮތުން މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުށީގައި ވެސް ނޫސްވެރިކަމުގެ ތަފާތު ކޯސްތައް ހިންގައިފައިވެއެވެ.

comment ކޮމެންޓް