ދެ އަހަރުގެ ސަސްޕެންޝަނަށް ފަހު ސްޓޭޓް މިނިސްޓަރު ޞާލިޙު އެނބުރި ވަޒީފާއަށް

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސާލިހް ---

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙުމަދު ޞާލިޙުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތު ނުވުމުން އެނބުރި ވަޒީފާއަށް ނިކުންނަވަން ފަށްޓަވައިފިއެވެ.

ޑރ. ޞާލިޙުގެ މައްޗަށް ދައުވާކޮށްފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އުފެއްދެވި ރިޔާސީ ކޮމިޝަނެއް ކަމަށްވާ އެސެޓް ރިކަރަވީ ކޮމިޝަނުން ވަކި ރަށްތަކަކާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާކަން އަންގާފައިވަނިކޮށް އެ މައުލޫމާތު އެނގިހުރެ، އެފަދަ ތަހުގީގެއް ކުރިއަށް ނުދާ ކަމަށް ވިދާޅުވެ ދެ ފަރާތަކަށް ސިޓީ ފޮނުވުމާއި އިތުރު ފަޅެއްގެ ސަބް ލީސް ބަދަލު ކުރަން ހުއްދަ ދެއްވުމުންނެވެ. އަދި ފަޅެއް، ސަބްލީސް ކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް އެ ތަން ކުއްޔަށް ނަގާފައިވާ ފަރާތަށް ޞާލިޙު ސިޓީއަކުން އެންގި ކަމަށް ވެސް ވަނީ ބުނަފައެވެ.

އެ މައްސަލައިގައި މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ, ދައުލަތުން ހުށަހެޅި ހެއްކަށް ބަލާއިރު އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެކި ލިބިފައި ނުވާ ކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީގައި 25 ވަރަކަށް އަހަރު މަސައްކަތް ކުރައްވާފައިވާ ޑރ. ޞާލިޙު މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އޭނާގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.

comment ކޮމެންޓް