ގުދްސުގައި ދިން ބަޑީގެ ހަމަލާތަކެއްގައި އިސްރާއީލުގެ ހަތް މީހަކު ޒަޚަމް ވެއްޖެ

ބަޑިން ހަމަލާދިން ސަރަހައްދު

ހިފާފައިވާ ގުދްސު (14 އޮގަސްޓް 2022): އިސްރާއީލު ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ރަށެއްކަމަށްވާ އަލްގުދްސުގައި ދަތުރުކުރަމުން ދިޔަ އިސްރާއީލުގެ ބަހަކާއި ދެކާރަށް ބަޑިން ހަމަލާދިނުމުގެ ސަބަބުން ހަތް މީހުން ޒަޚަމްވެއްޖެއެވެ.

އިސްރާއީލުގެ މީޑީއާ ބުނާގޮތުން ބަޑިން ހަމަލާދިނީ އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިން ގޮވައިގެން ދަތުރުކުރި ބަހަކަށާއި ދެކާރަށެވެ. މި ތިން އުޅަނދުވެސް ދަތުރު ކުރަމުން ދިޔައީ މަސްޖިދުލްއަގްސާގެ ކައިރީގައިވާ ބުރާގު ފާރު ކައިރިންނެވެ. އެއީ މަސްޖިދުލްއަގްސާގެ ބާބުލްމަޣާރިބާ ސަރަހައްދާ ކައިރިއެވެ.

އެހަމަލާތަކުގައި ޒަޚަމްވި ހަތް މީހުންގެ ތެރެއިން ދެ މީހުންގެ ހާލު ވަރަށް ސީރިޔަސް ކަމަށްވެއެވެ. ޒަޚަމްވި ހަތް މީހުން ވެސް ވަނީ ފަރުވާ ދިނުމަށް ޓަކައި އެތާކައިރީގައިވާ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. އިސްރާއީލުގެ ފުލުހުން ތުރުހުމަތުކުރާ ގޮތުގައި ޔަހޫދީ ވެހިކަލްތަކަށް ހަމަލާދިނީ ގުދްސުގެ ސިލްވާން އަވަށުގެ މީހެކެވެ. އެމީހާ 12 ސިކުންތާއި 15 ސިކުންތުގެ ތެރޭގައި 10 ވަރަކަށް ވަޒަން އިސްރާއީލުގެ ތިން އުޅަނދަށް ފޮނުވާލުމަށްފަހުވަނީ ފިލާފައެވެ.

ސިލްވާން އަވަށަކީ ގުދްސުގެ އެހެން އަވަށްތަކެކޭ އެއްގޮތަށް އިސްރާއީލު ގަދަބާރުން ވެރިވެގަނެގެން އުޅޭ އަވަށެކެވެ. މި ހަމަލާތަކަށްފަހު އިސްރާއީލުގެ ފުލުހުން ވަނީ ސިލްވާން އަވަށުގެ އެތައް ގެއަކަށް ހަތިޔާރާއެކު ވަދެގަނެ ބަލައި ފާސް ކުރަން ފަށައި ފަލަސްތީނުގެ ހަތަރު މީހަކު ހައްޔަރުވެސް ކޮށްފައެވެ.

އިސްރާއީލުގެ ޓީވީ ޗެނެލް އެއްކަމަށްވާ ޗެނެލް 12 ބުނާގޮތުން ޔަހޫދީން ދަތުރުކުރި ބަހަށް ބަޑިން ހަމަލާދިން ކަމަށް ބެލެވެނީ ފަލަސްތީނުގެ ޒުވާނެކެވެ. ސިލްވާން އަވަށުން ހައްޔަރުކުރި ހަތަރު މީހުންގެތެރޭގައި ބަހަށް ހަމަލާދިން މީހާ ނުހިމެނެއެވެ. އިސްރާއީލުގެ ފުލުހުން ބުނާގޮތުން އޭނާ ހޯދުމަށްޓަކައި ގުދްސާއި އެސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުގައި ފުލުހުން ގެންދަނީ އަތްފުނާ އަޅަމުންނެވެ.

ގުދްސުގައި އިސްރާއީލުގެ އުޅަނދުތަކަށް ހަމަލާދީފައި މިވަނީ އިސްރާއީލުން ޣައްޒާއަށް އުދުވާނީ ހަމަލާތަކެއްދީ ފަލަސްތީނުގެ 40 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލުމަށްފަހު އަނެއްކާ ހުޅަނގު އައްސޭރީގައިވެސް އަނިޔާވެރި ޖަރީމާތަކެއް އިސްރާއީލު ސިފައިން ހިންގަމުން ގެންދާ ދަނޑިވަޅެއްގައެވެ. ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ ޖަރީމާތަކުގައިވެސް ފަލަސްތީނުގެ ފަސް މީހަކުވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް