އިންޑިއާގެ "ހިއްސާގެ ބާޒާރުގެ ރަސްގެފާނު" މަރުވެއްޖެ

ރާކޭޝް ޖުންޖުންވާލާ-- ފޮޓޯ: ގެޓީ އިމޭޖްސް

ހިއްސާގެ ބާޒާރުން މުއްސަނދިކަން ހޯދި އިންޑިއާގެ ބިލިނިއަރު ރާކޭޝް ޖުންޖުންވާލާ މިއަދު މަރުވެއްޖެއެވެ.

އުމުރުން 62 އަހަރުގެ ޖުންޖުންވާލާ މަރުވީ މުމްބާއީ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވީ ކިޑްނީ ފެއިލް ވެގެން ކަމަށް ބީބީސީއިން ވަނީ ބުނެފައެވެ.

އިންޑިއާގެ ވޮރެން ބަފެޓް ކަމަށް ކިޔާ ޖުންޖުންވާލާގެ މިލްކިއްޔާތަކީ ގާތްގަނޑަކަށް 5.8 ބިލިއަން ޑޮލަރު ކަމަށް ފޯބްސް މަޖައްލާއިން ބުނެއެވެ.

އިންކަމް ޓެކްސް އޮފިސަރެއްގެ ދަރިއެއް ކަމަށްވާ، ޖުންޖުންވާލާ ކުރިން ބުނިގޮތުގައި ކުޑައިރު ސްޓޮކްތަކަށް އޭނާ ޝައުގުވެރިވީ ބައްޕަގެ މާކެޓް އިންވެސްޓްމަންޓްތައް ބެލުމުގެ ތެރެއިންނެވެ.

ޖުންޖުންވާލާ ސްޓޮކް މާކެޓަށް އިންވެސްޓް ކުރަން ފެށީ 1985 ވަނަ އަހަރު، އުމުރުން 25 އަހަރުގައެވެ. އޭނާ އެ މަސައްކަތް ފަށައިގަތީ ގާތް މީހެއްގެ އަތުން 100 ޑޮލަރު ހޯދައިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންވެސްޓްމަންޓްތަކުގައި ރިސްކް ނަގާ މީހެއްގެ ޝަރަފު އޭނާއަށް ލިބިފައިވާއިރު، އޭގެ ތެރެއިން ގިނަ އިންވެސްޓްމަންޓްތަކުގެ ނަތީޖާ ވެސް ރަނގަޅެވެ.

ގުޅޭ ޓެގު
comment ކޮމެންޓް