ޕްރިމިއާ ލީގު: ބޯންމައުތު އަތުން ސިޓީއަށް ފަސޭހަ މޮޅެއް

ކެވިން ޑިބްރޫނާ ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ---

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ފަސޭހަ ކަމާއެކު އޭއެފްސީ ބޯންމައުތު ބަލިކޮށްފިއެވެ.

ސީޓީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗު ފަށައިގެން ސިޓީން ވަނީ ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި އާލިން ބްރައުޓް ހާލަންޑްގެ އެހީތެރިކަމާއެކު އިލްކޭ ގުންޑޮގަން ވަނީ ސިޓީއަށް މެޗުގެ ލީޑު ނަގައިފައެވެ.

މީގެއިތުރުން މެޗުގެ 31 ވަނަ މިނެޓުގައި ސިޓީގެ އިތުބާރު މިޑްފީލްޑާ ކެވިން ޑިބްރޭނާ ވަނީ ގޯލެއްޖަަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ގޯލަކީ އެ ޓީމުގެ ފިލް ފޯޑެން ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެން އޭނާ ޖަހައިފައިވާ ގޯލެކެވެ.

މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ--

އެ ގޯލު ޖެހިތާ ފަސް މިނެޓު ފަހުން ސިޓީން ވަނީ ތިންވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ޑިބްރޭނާގެ އެހީތެރިކަމާއެކު ފިލް ފޯޑެން ޖަހައިފައިވާ ގޯލެކެވެ.

މެޗުގެ ހަތަރު ވަނަ ގޯލު ސިޓީން ޖަހައިފައިވަނީ މެޗުގެ 79 ވަނަ މިނެޓުގައިއެވެ. އެ ގޯލަކީ ސިޓީގެ ޖައޯ ކޮންސޭލޯ ބޯންމައުތު އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ބޯންމައުތުގެ ޖެފާސަން ލޭމާ އަތުން ވަތް ބައި ގޯލެކެވެ.

comment ކޮމެންޓް