ދިއްގަރާއި ގާދިއްފުށީގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކޮށްފި

މިއަދު ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ގާދިއްފުށީ ޒުލައިޚާ އަދި ދިއްގަރު އަބްދުالله އާރިފް --- ސަން ގްރެފިކްސް/ އަލީ ޝާހީން

މިއަދު ބޭއްވި މ. ދިއްގަރާއި ތ. ގާދިއްފުށީގެ ބައި އިލެކްޝަން ވެރިކަންކުރާ އެމްޑީޕީން ކާމިޔާބު ކޮށްފިއެވެ.

އެމްޑީޕީން އެ ދެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުންނާ ވާދަކޮށެެވެ.

އެގޮތުން ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުالله އާރިފް ކާމިޔާބު ކުރެއްވީ 375 ވޯޓުންނެވެ. އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލްހަންނާނަށް ލިބިވަޑައިގަތީ 325 ވޯޓެވެ.

ގާދިއްފުށީ ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރީ ނުވަ ވޯޓުގެ ތަފާތުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިޚާ އަހްމަދަށް 210 ވޯޓު ލިބުނު އިރު ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީއަށް ލިބިވަޑައިގަތީ 201 ވޯޓެވެ.

ދިއްގަރު ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކޮށް ހޮވިވަޑައިގަތް އިބްރާހީމް ޚަލީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ގާދިއްފުށީ ކައުންސިލްގެ ބައި އިލެކްޝަން ބާއްވާފައިވަނީ އެ ކައުންސިލްގައި ހިމެނިވަޑައިގަންނާ އެމްޑީޕީ މެންބަރު މަރްޔަމް ހަސަން އިސްތިއުފާ ދެއްވުމުންނެވެ.

ބައި އިލެކްޝަންތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވަނީ ޖުމުލަ 1.5 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 1.4 މިލިއަން ރުފިޔާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންތަކަށް ޚަރަދުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް