އަނެއްކާވެސް ޑިޖިޓަލް ބޭންކިން ލައިސަންސަށް މި އަހަރު ފަހުކޮޅު ހުށަހަޅަނީ

އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސައިން އަމްރު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެސްޓީއޯއިން ގާއިމު ކުރުމަށް މަސައްކަތްކުރާ ޑިޖިޓަލް ބޭންކް، އިވޯލްވް ގާއިމުކުރުގެ ހުއްދައަށް މި އަހަރުގެ ފަހުކޮޅު ހުށަހަޅާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން ކުރަމުން އަންނަ ވިޔަފާރިތައް ފުޅާ ކުރުމުގެގޮތުން ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ޤާއިމު ކުރުމަށް އެ ކުންފުނިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމްއެމްއޭއަށް ލައިސަންސް ހޯދަން ހުށަހެޅިއެވެ.

ނަމަވެސް އެމްއެމްއޭއިން ވަނީ ބައެއް ކަންކަން ފާހަގަކޮށް ލައިސެންސް ނުދޭން ނިންމައި އެހުށަހެޅުން އަނބުރާ ފޮނުވާލާފައެވެ.

އެސްޓީއޯ އިން ގާއިމުކުރަން އުޅޭ ބޭންކާ ގުޅިގެން ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި އަމްރު ވިދާޅުވީ އެމްއެމްއޭއިން ފާހަގަކޮށްފައިވާ ކަންތައްތައް ރަނގަޅު ކުރުމަށްފަހު ލައިސެންސަށް އެދި މިއަހަރު ފަހުކޮޅު ހުށަހަޅާނެ ކަަމަށެވެ. އަދި ލައިސެންސް ލިބޭތާ ހަ މަސް ދުވަހު ގެތެރޭ ޙިދުމަތް ދޭން ފަށާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

"ޑިޖިޓަލް ބޭންކިންގެ ދާއިރާއަށް ކުރީބައިގައި ވަނުމަކީ އޭގެން ގިނަ ފައިދާތަކެއް ކުރާނެ ކަމެއް. ރާއްޖެއިން ބޭރުގައި ވެސް މި ޚިދުމަތް ދިނުމަށް އެސްޓީއޯއަށް މަގު ފަހިވާނެ. އެހެންވީމަ އަމާޒަކީ ރާއްޖެއިން ބޭރުގައި ބޭންކިން ޚިދުމަތް ދިނުން،" އަމްރު ވިދާޅުވިއެވެ.

މީގެ ކުރިންވެސް އަމްރު ވަނީ ޑިޖިޓަލް ބޭންކް އުފެއްދުމުގެ ސަބަބުން މުޅި ބޭންކިން ސިނާއަތަށް އިންގިލާބީ ބަދަލެއް އަންނާނެ ކަން ފާހަގަކުރައްވައި އެކަމުގެ ފައިދާ އަމިއްލަ ވިޔަފާރިތަކަށް ވެސް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ޑިޖިޓަލް ބޭންކިންގެ ސިނާއަތަކީ މުޅި ދުނިޔެއަށް ވެސް އާ އަދި ކުރިއަރަމުން އަންނަ ސިނާއަތެއް ކަމަށާއި އެހެންކަމުން ވީހާވެސް އަވަހަކަށް އެ ސިނާއަތަށް ވަންނަން ބޭނުންވާކަމަށް އަމްރު ވިދާޅުވިއެވެ.

comment ކޮމެންޓް