ރާއްޖެއާއެކު ގިނަ ގައުމުތަކުން ވަނީ ވަން ޗައިނާ ސިޔާސަތު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދީފަ: ޗައިނާ ސަފީރު

ޗައިނާގެ ސަފީރު ވާން ލިޝިން -- ފޮޓޯ/ ޗައިނާ އެމްބަސީ

ރާއްޖެ ހިމެނޭ ގޮތަށް 170އަށް ވުރެ ގިނަ ގައުމުން ވަނީ 'ވަން ޗައިނާ' ސިޔާސަތު ދަމަހައްޓާނެ ކަމުގެ ޔަގީންކަން އަލުން ދީފައި ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޝިން ވިދާޅުވެއްޖެއެވެ.

ވަން ޗައިނާ ސިޔާސަތަކީ ޗައިނާގެ ނަމުގައި އޮންނަނީ އެންމެ ދައުލަތެއް ކަމަށާއި ޓައިވާނަކީ ޗައިނާގެ ބަޔެއް ކަމަށް ބަލައިގަތުމަށް އެކުލަވާލާފައިވާ ސިޔާސަތެކެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ރައީސް ނޭންސީ ޕެލޯސީ ވަނީ މިދިޔަ ހަފުތާގައި ޓައިވާނަށް ދަތުރުފުޅެއް ކުރައްވާފައެވެ.

ޗައިނާ ސަފީރު ވިދާޅުވީ ޕެލޯސީގެ ދަތުރުފުޅަކީ ޗައިނާގެ ސިޔާދަތަށް ގޮންޖެހުން ކަމަށާއި، އެއީ އެމެރިކާއިން ޗައިނާއާއެކު ވެފައިވާ އެއްބަސްވުންތަކާ ހިލާފަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ. އަދި އޭގެ ސަބަބުން ޓައިވާނުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އެހެންކަމުން ޗައިނާގެ ސިޔާދަތާއި ސަރަހައްދީ އިން ދިފާއު ކުރުމަށްޓަކައި ފިޔަވަޅު އެޅުމުގެ ހައްގު ޗައިނާއަށް ލިބިގެންވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޓައިވާނުގެ މައްސަލައަކީ ޗައިނާގެ ދާހިލީ ކަމެއް ކަމަށާއި އެކަމަށް ނުފޫޒު ފޯރުވުމުގެ ބާރު އެމެރިކާއަށް ވެސް އެހެން ގައުމަކަށް ވެސް ލިބިގެންނުވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ވަން ޗައިނާ އުސޫލާ ބެހޭ އދ.ގެ ގަރާރަށް އަމަލުކުރަމުން ދާނެ ކަމުގެ ޔަގީންކަން އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ދެއްވާފައިވާ ކަމަށެވެ.

ސަފީރު ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަން ޗައިނާ ސިޔާސަތަށް ތާއިދު ކުރުމުން ދޭހަވަނީ، ވަކި ގައުމަކުން އެހެން ގައުމުތަކަށް ނުފޫޒު ފޯރުވުމަށާއި އދ.ގެ ބާރުތަކަށް ގޮންޖެހުން ހުއްޓުވުމާ ދެކޮޅަށް އެގައުމަތަކާއި ޖަމިއްޔާތަކުން ތެދުވާ ކަމެވެ.

ހަމައެއާއެކު، ރާއްޖެއާއި ޗައިނާގެ މަސްލަހަތާ ގުޅުން ހުރި ކަންކަމުގައި އެއް ގައުމުން އަނެއް ގައުމަށް އަބަދުވެސް އެހީ ފޯރުކޮށްދޭކަން ފާހަގަކުރައްވައި ސަފީރު ވަނީ ރާއްޖެއިން ޒަމާނުއްސުރެ ވަން ޗައިނާ ސިޔާސަތު ދަމަހައްޓާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއާއި ޗައިނާގެ ގުޅުން އާ ހަރުފަތަކަށް ގެންދިޔުމަށް އެގައުމު އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށް ސަފީރު ވިދާޅުވިއެވެ.

ވަން ޗައިނާ ސިޔާސަތު ބަލައިގަނެ، އދ.ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވަނީ 1971ގައެވެ.

ޗައިނާ ދައުލަތެއްގެ ގޮތުގައި އުފެއްދި ފަހުން ވަން ޗައިނާ އުސޫލުގެ ދަށުން 181 ގައުމަކުން ވަނީ އެގައުމާ ސިޔާސީ ގުޅުންތައް ގާއިމުކޮށްފައެވެ.

comment ކޮމެންޓް