ރައީސްގެ ގަރާރުން އިންޑިއާ އައުޓް ކެންޕޭން ކާމިޔާބު ވެއްޖެކަން ހާމަވެއްޖެ: ރައީސް ޔާމީން

ޖަލު ހުކުމުން މިނިވަންވެ ވަޑައިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރެއްވުން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިންޑިއާ އައުޓް ކެންޕޭނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ގަރާރުން އެ ކެންޕޭން ކާމިޔާބުކަން ހާމަވާކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ކެންޕޭނެއް ފަށާފައެވެ.

ރައީސް ޔާމީނަށް މި ވެރިކަމުގައި އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ ޚާރިޖީ އެއްވެސް ގުޅުމަކަށްވުރެ ގައުމުގެ މިނިވަންކަން އެމަނިކުފާނަށް މުހިންމުކަމަށެވެ.

އެއްވެސް ހާލަތެއްގައި ގައުމުގެ މިނިވަންކަން އެއްވެސް އެއްޗެއްގެ ބަދަލުގައި ނުދެވޭނެ ކަމަށާއި އިންޑިއާއާ އެކުވެސް އޮންނަން ޖެހޭ އިމުގެ ތެރޭގައި ޚާރިޖީ ގުޅުން ބޭއްވިދާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތްތަކުން އެކަށީގެންވާ ކުރިއެރުމެއް ލިބިފައިވޭތޯ ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅަށް ރައީސް ޞާލިޙު ނެރުއްވި ގަރާރުން އެކަން ސާފުވާ ކަމަށެވެ.

"ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ފެށި ކެންޕޭނާ ދެކޮޅަށް ބޮޑު ގަރާރެއް ނުރުމުން ދޭހަވަނީ ކޮންކަމެއްތޯ. މި ހަރަކާތުން އެއްވެސް ކަހަލަ ނަތީޖާއެއް ނުފެންނަ ނަމަ އެކަން އެގޮތަށް ވާނެތޯ. ނުވާނެ ދެއްތޯ. އެ ގަރާރުން އެބަ ސާފުވޭ އިންޑިއާ އައުޓް ކެންޕޭން ކާމިޔާބު މިންވަރު، ދޭހަ ނުވޭތޯ. އައި ރެސްޓް މައި ކޭސް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ފަހަކަށް އައިސް އިންޑިއާ އައުޓް ހަރަކާތްތަކުގެ މިންވަރު މަދުވަނީ ރައީސް ނެރުއްވި އެ ގަރާރާ ދެކޮޅު އަމަލުތަަކެއް ހިންގައިގެން އިތުރު ހަމަނުޖެހުންތައް އުފައްދަން ބޭނުން ނުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ އައުޓް ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު އެ ކެންޕޭނާ ގުޅުވައިގެން ރައީސް ގަރާރެއް ނެރުއްވީ އޭޕްރިލް މަހުގެ 21ގައެވެ.

އެ ގަރާރުގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށާއި އޭގެ ސަބަބުން ގައުމަށް ނުރައްކާ އޮތް ކަމަށް ގަރާރުގައިވެއެވެ.

އަދި "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ހަމަޖެހުން ގެއްލި، އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހިދާނެ ކަމަށްވެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ވެސް ގަރާރުގައިވެއެވެ.

އެ ގަރާރު ނެރުނު ފަހުންވެސް އިދިކޮޅުން ވަނީ ހުއްޓުމެއްނެތި އިންޑިއާ އައުޓް ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ގޭގޭގައި ބެނާ ދެމުމާއި ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމާއި "އިންޑިއާ އައުޓް" ޖަހާފައިވާ ކަރުދާސް މަގުމައްޗަށް އެޅުން ފަދަ ކަންތައްތައް އެ ކެމްޕޭންގެ ބައިވެރިން ކޮށްފައިވެއެވެ.

comment ކޮމެންޓް