މިނިސްޓްރީއާއި އީޕީއޭއިން ކުރި ޖޫރިމަނާ ދެއްކުމަށް ތުލުސްދޫ ކައުންސިލުން ދެކޮޅުހަދައިފި

ކ.ތުލުސްދޫ

އެންވަޔަރުމެންޓް މިނިސްޓްރީ އާއި އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ކ. ތުލުސްދޫގައި ކާބޯތަކެތީގެ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުން އަންނަކަމަށް ބުނެ ކުރި ޖޫރިމަނާ ދައްކަން އެރަށު ކައުންސިލުން ދެކޮޅުހަދައިފިއެވެ.

އެކަމާ ގުޅިގެން ތުލުސްދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އީޕީއޭއިން އެ ކައުންސިލް ޖޫރިމަނާ ކޮށްފައި ވަނީ އެ ކައުންސިލުން ހަދައިގެން އަމަލުކުރި ގަވާއިދެއްގެ ދަށުންކަމަށް ބުނި ނަމަވެސް ތުލުސްދޫ ކައުންސިލުން އެފަދަ އެއްވެސް ގަވާއިދެއް ހަދައި އަދި އަމަލުކޮށްފައި ނޯންނާނެކަމަށެވެ. އެެހެންކަމުން އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް އެ ކައުންސިލުން ދެކޭކަމަށް އެ ބަޔާނުގައިވެއެވެ.

އެންވަޔަރުމެންޓް މިނިސްޓްރީގެ ގަވާއިދުގައި ބުނާގޮތުގައި، ކުނި މެނޭޖުކުރުމުގެ ގަވާއިދާ ޚިލާފުކަމެއް ހިނގާނަމަ، ޖޫރިމަނާކުރުމުގެ ކުރިން ތަންފީޒީ އިދާރާއަކުން ބަލާ ފާސްކޮށް، ކުނި މެނޭޖުކުރާ ފަރާތަށް ރިޕޯޓެއް ހަދާ ހުށަހަޅަން ޖެހޭނެ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ކޮށްފައިނުވާކަމަށް އެ ބަޔާނުގައިވެއެވެ.

މީގެއިތުރުން 18 ނޮވެމްބަރު 2020ވަނަ އަހަރު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް އީޕީއޭ އިން ހަމައެފަދަ މައްސަލައެއް އެ ކައުންސިލަށް އަންގާފައިވާކަމަށް އެ ބަޔާނުގައިވެއެވެ.

"ނަމަވެސް ކުނި މެނޭޖުކުރުމުގެ އެއްވެސް ވަސީލަތެއް ނެތް، މިކައުންސިލުން އޭރު އީޕީއޭގެ އެންގުމަށް ރަށުގައި ބަހައްޓާފައިހުރި ޑަސްބިންތައް ނެގުނުމުގެ ސަބަބުން ރަށް އިތުރަށް ހަޑިވެ، މެހީގެ އުނދަގޫ ބޮޑުވެ ރަށުތެރޭގައި ބަލިމަޑުމަކެއް އުފެދިދާނެކަމުގެ ބިރުވެރިކަން ބޮޑުވެގެންދިޔައެވެ،" އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނީ އެހެންކަމުން މިހާރު ކުނި މެނޭޖުކުރަނީ އެލްޖީއޭއިން އެ ކައުންސިލަށް އަންގާފައިވާގޮތުގެ މަތިންކަމަށެވެ.

އަދި މިދިޔަ އަހަރު އެންވައެންވަޔަރުމެންޓް މިނިސްޓްރީއާއި ތުލުސްދޫ ކައުންސިލާއެކު އެރަށުގައި ވޭސްޓް މެނޭޖްމަންޓު ސެންޓަރެއް ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެ އެއްބަސްވުމާ އެއްގޮތައް އެއްވެސް މަސައްކަތެއް އެރަށުގައި ކޮށްފައިނުވާކަން އެ ބަޔާނުގައި ފަހަގަކޮށްފައިވެއެވެ.

އަދި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ރަށުގެ ކުނިގޮނޑު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ނުވަތަ އެކަމާ ގުޅޭ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މިނިސްޓްރީއަށް ދެންނެވިކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

" އިސްވެ ދެންނެވުނު ކަންކަމުގެ ސަބަބުން ރަށުގެ އާންމުންނަށް ސިއްހީގޮތުން ނުރަނގަޅު އަސަރުތައް ކުރުމާއި އަންމު އިޖްތިމާއީ މައްސަލަތަކެއް ރަށުގައި އުފަންވެ ރަށު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި މިކަންކަމަށް އަވަސް ހައްލެއް މިނިސްޓްރީއަށް ތަކުރާރުކޮށް އެދުމުންވެސް އިޖާބީ ޖަވަބެއް ނުލިބި ވާކަން ފާހަގަކުރަމެވެ،" އެ ބަޔާނުގައިވެއެވެ.

އީޕީއޭއިން އަމަލުކުރިގޮތުން ރަށުގެ ނަން ކިލަނބުވެ ލޯކަލް ޓޫރިޒަމަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ތުލުސްދޫގައި ކާބޯތަކެތީގެ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުން އަންނަ މައްސަލައިގައި އެ ރަށު ކައުންސިލް ޖޫރިމަނާކުރީ މިދިޔަ އާދިއްތަދުވަހުއެވެ.

އީޕީއޭއިން ވަނީ ޖޫރިމަނާގެ ގޮތުގައި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ 30 ދުވަހުގެ ތެރޭގައި 45،000 ދެއްކުމަށް އެ ކައުންސިލަށް ސިޓީއަކުން އަންގާފައެވެ.

އަދި ރަށު ކައުންސިލުން، ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ޕްލޭނެއް އެކުލަވާލުމަށް ވެސް އީޕީއޭއިން ވަނީ އެ ކައުންސިލަސް އަންގާފައެވެ.

comment ކޮމެންޓް