ބަދުއަހުލާގީ ވީޑިއޯގެ ޚަބަރުތައް ގެންނަ ގޮތާ މެދު އެޑިޓަރުންގެ ޖަމްއިއްޔާގެ ކަންބޮޑުވުންތަކެއް

ނޫސް މަޖައްލާތަކުގެ އެޑިޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ލިވާތުކުރުން ފަދަ ފާހިޝް އަމަލުތަކަކީ "އޯކޭ" ކަމެއްކަމަށް ދޭހަވާގޮތަށް އެ ވާހަކަތައް އެހާ ފުޅާ
މިނުގައި މީޑިއާތަކުގައި އާންމު ނުކުރުމަށް އެޑިޓާސް ގިލްޑް މޯލްޑިވްސް އިން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅިގެން އެޑިޓާސް ގިލްޑުން ނެރުނު ބަޔާނެއްގައި ބުނީ މި ފަހުން ރާއްޖޭގައި ފެންމަތިވެފައިވާ ބަރަހާނާ ވީޑިއޯތަކާއި ބައެއް މަރުތަކާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތާ
ގުޅޭ ގޮތުން އެ ޖަމްއިއްޔާގެ ކަންބޮޑުވުންތަކެއް އެބަހުރިކަމަށެވެ.

އެގޮތުން ބިދޭސީއަކު ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުންހިންގި ކަމަށް ބުނެ ލީކުވެފައިވާ ވީޑިއޯތައް ބައެއް މީޑިއާތަކުންް އެއްވެސް ވަރެއްގެ ސެންސަރެއް ނެތި އާންމުކުރުމާއި، މުޖުތަމައުއަށް އެއީ އެއްވެސް ކަމެއް ނޫންކަމަށް ހީވާ މިންވަރަށް އެވާހަކަ ދައްކާތީ ކަންބޮޑުވާކަމަށް އެ ބަޔާނުގައިވެއެވެ.

" ކޮންމެ ދުވަހަކު ވަކިވަކި ސުރުހީތަކުގެ ދަށުގައި އެއަމަލު ހިންގި ގޮތް ތަފްސީލުކޮށް ލިޔެ ފޮޓޯތަކާއި ވީޑިއޯތަކާއި ލިޔުންތައް އެކި ސިފަސިފައިގައި ޝާއިއުކުރުމުގެ ަބދަލުގައި، އެ ފާހިޝް އަމަލު ހިންގި ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަށް ކަމާ ގުޅުން ހުރި މުއައްސަސާތައް ޒިންމާދާރުކޮށް ބާރުއެޅުމަށް މަސައްކަތް ކުރުމަށް މި ޖަމްއިއްޔާއިން މީޑިއާތަކަށް ގޮވާލަމެވެ،" އެ ބަޔާނުގައިވެއެވެ.

އަދި އެފަދަ މައްސަލަތައް މީޑިއާތަކުން ރިޕޯޓް ކުރާ އިރު، ފަރުދީ ފަރާތެކޭ ޒިންމާދާރު މަގާމެއްގައި ހުރި މީހެކޭ ތަފާތު ކުރުމެއް ނެތި ހެޑްލައިން ހަދައިގެން އާންމު މީސްމީހުން ފަލީހަތް ނުކުރުމަށް ވެސް އެ ޖަމިއްޔާއިން އިލްތިމަސްކުރިއެވެ.

" ހަމަ އެއާ އެކު އެފަދަ ފަރާތްތަކުގެ އާއިލާއަކާ ކުޑަކުޑަ ކުދިންގެ މުސްތަގުބަލަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާ ދޭތެރޭ ވެސް މީޑިއާތަކުން އިތުރަށް ވިސްނުމަކީ މި ޖަމިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ،" އެ ބަޔާނުގައިވެއެވެ.

މީގެއިތުރުން އެ ޖަމިއްޔާއިން އިލްތިމާސްކޮށްފައިވަނީ ގައުމުގައި ހިނގާ މަރުތަކުގެ މައްސަލަތައް ރިޕޯޓް ކުރާ އިރުވެސް އެފަދަ ކަންކަން ކުރާ މުޖުރިމުން "އެކްސްޕޯސް" ކުރުމަށް ސަމާލުކަންދީ، އަދި އެ މީހުންނަށް އިންސާފުގެ ކުރިމައްޗަށް ގެނެސްދިނުމަށް ބާރު ލިބޭ ގޮތަށް ރިޕޯޓުތައް ބައްޓަން ކުރުމަށެވެ.

" އެއާ ޚިލާފަށް އެފަދަ ކަންކަމުގައި ވިކްޓިމައިޒުވާ ފަރާތްތަކުގެ ފަތިފުއް ހާމަކޮށް އެފަދަ ކަންކަމާ ދުރުހެލިވުމަށް އިލްތިމާސްކުރަމެވެ،" އެ ބަޔާނުގައިވެއެވެ.

ފާހިޝް އަމަލުތައް ހިންގާ ވީޑިއޯތައް ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ވެސް ދައުރު ކުރަމުންދާއިރު އެކަން އެގޮތަށް ނުކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް