އެމްޑީއޭގެ ލީޑަރުގެ ނަން ރައީސަށް ބަދަލުކުރަން ފާސްކޮށްފި

އިއްޔެ ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރުގެ ނަން ރައީސަށް ބަދަލުކުރަން އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފިއެވެ.

އެގޮތަށް ފާސްކޮށްފައި ވަނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައެވެ.

އެމްޑީއޭގެ ލީޑަރުގެ ނަން ރައީސްއަށް ބަދަލު ކުރުމަށް ކޮންގްރެސްއަށް ހުށަހެޅުއްވީ އެ ޕާޓީގެ އެއް ޑެޕިއުޓީ ލީޑަރު އަލީ މައުރޫފެވެ. އަދި ތާއިދު ކުރެއްވީ ޑެޕިއުޓީ ލީޑަރު ޑރ. ޢާއިޝަތު ރަފިއްޔާއެވެ.

އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ ކޮންގްރެސްއަށް ހާޒިރުވި ތިން މެންބަރުންނެވެ. ދެން ތިބި ހުރިހާ މެންބަރުން ވެސް ވޯޓު ދެއްވާފައިވަނީ ލީޑަރުގެ ނަން ރައީސަށް ބަދަލު ކުރުމަށެވެ.

އެގޮތަށް ފާސްވެގެން ދިއުމުން ނައިބު ލީޑަރުގެ ބަދަލުގައި ދެން ތިއްބަވާނީ ނައިބު ރައީސުންނެވެ.

ރައީސްގެ ނަމަކީ ޑިމޮކްރަސީއާ ވަރަށް ގުޅޭ ނަމެއް ކަން އެ އިސްލާހު ހުށަހެޅުއްވި އަލީ މައުރޫފް ވިދާޅުވިއެވެ. އަދި ޑިމޮކްރަސީ ތައާރަފް ވަމުން އަންނަ ގައުމުތަކުގައި ވެސް ބޭނުން ކުރަމުން އަންނަނީ ރައީސްގެ ނަން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދުނިޔޭގެ ތަހުޒީބުވެފައިވާ ހުރިހާ ޑިމޮކްރަސީތަކެއްގައި ވެސް އަދި މިރާއްޖެއާ ކައިރި ގައުމުތަކަގެ ޕާޓީތަކުގައި ވެސް ބޭނުން ކުރައްވަމުން ގެންދަވަނީ ރައީސްގެ ނަން," މައުރޫފް ވިދާޅުވިއެވެ.

comment ކޮމެންޓް