އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމަންޓް ފަޅާލައި ސެންޓާއި ކޮފީ މެޝިނެއް ވަގަށް ނަގައިފި

އައިޖީއެމްއެޗު ގެ އޮންކޮލޮޖީ ޑިޕާޓްމަންޓުން ގެއްލިފައިވަނީ ކޮން އެއްޗެއްކަން ކަށަވަރު ވެފައެއް ނުވޭ --- ފޮޓޯ: އެމްޑަބްލިއުއެސްސީ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އޮންކޮލޮޖީ ޑިޕާޓްމަންޓް ފަޅާލައި، އެތަނުން ވައްކަންކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ އެ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމަންޓުން ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި ވަގަށް ނެގި ތަކެތީގެ ތެރޭގައި ދެ ފުޅި ސެންޓާއި ވަޔަލެސް ސްޕީކަރަކާއި ކޮފީ މެޝިނަކާއި ކޮފީ ކެޕްސިއުލްތައް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އައިޖީއެމްއެޗުގައި ކެންސަރަށް ހާއްސަ ޑިޕާޓްމެންޓެއް ހުޅުވީ 2018 ވަނަ އަހަރެވެ. އެ ޑިޕާޓްމެންޓުން ކެންސަރުގެ ތަހުލީލުތައް ކުރުމާއި ބަލީގެ އެކި ފަރުވާތައް ލިބެން ހުރެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ކްލިނިކެއް ވެސް އެ ޑިޕާޓްމެންޓުގައި ހުރެއެވެ.

comment ކޮމެންޓް