ޑެންގީ ހިމެނޭހެން ތިން ބައްޔެއް ފެތުރޭ މިންވަރު އިތުރުވެއްޖެ

ތިން ބައްޔެއް ފެތުރޭ ވަރު ވަނީ އިތުރުވެފަ --- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ތިން ބައްޔެއް ޖެހޭ މިންވަރު އިތުރުވެ، ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

މިއަދު އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުގައި، ވޭތުވެ ދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އިތުރުވި ބަލިތަކުގެ ތެރޭގައި ޑެންގީއާއި އަރިދަފުސް ރޯގާއާއި ބޭރަށް ހިނގުމާއި ހޮޑުލުމުގެ ބަލި ހިމެނެއެވެ.

އެގޮތުން މިއަހަރުގެ ޖޫން މަހު ޑެންގީގެ 294 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 68 ކޭސް ރިޕޯޓުކޮށްފައި ވަނީ އެ މަހުގެ ފަހު ހަފުތާގައެވެ. އަދި މިދިޔަ ޖުލައި މަހު ޑެންގީގެ 322 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 88 ކޭސް ރިޕޯޓު ކޮށްފައިވަނީ މިދިޔަ މަހުގެ ފަހު ހަފުތާގައެވެ.

އެޗްޕީއޭއިން ވަނީ، މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކޮށް، ފަތިސް ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތުގައި ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން މުހިންމު ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.

ޑެންގީ ޖެހިއްޖެ ނަމަ އަރާމު ކުރުމާއި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި ޕެރެސެޓެމޯލް ބޭނުން ކުރުމަކީ ގޭގައި ދެވިދާނެ ފަރުވާތަކެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަރިދަފުސް ރޯގާ ޖެހިގެން މި އަހަރުގެ ޖޫން މަހު ވަނީ މުޅި ޖުމްލަ 21،802 ކޭސް ރިޕޯޓު ކޮށްފައެވެ. އަދި މިދިޔަ ޖުލައި މަހު ވަނީ 27،553 ކޭސް ރިޕޯޓު ކޮށްފައެވެ.

އެޗްޕީއޭއިން ބުނީ އަރުދަފުސް ރޯގާއިން ރައްްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ. އެގޮތުން ކިނބިހި އަޅާއިރު އަނގަ މަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުމާއި އާއްމު ސާފުތާހިރުކަމަށާއި ޚާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން ހިމެނެއެވެ.

މީގެ އިތުރުން ބޭރަށް ހިނގުމާއި ހޮޑުލުމުގެ ބަލި ޖެހިގެން މި އަހަރުގެ ޖޫން މަހު ވަނީ މުޅި ޖުމްލަ 2،376 ކޭސް ރިޕޯޓު ކޮށްފައެވެ. އަދި މިދިޔަ ޖުލައި މަހު ވަނީ 3،103 ކޭސް ރިޕޯޓު ކޮށްފައެވެ.

މި ތިން ބަލިވެސް ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވާތީ އެޗްޕީއޭ އިން ވަނީ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް