ބަރުލަމާނީ ނިޒާމު ގެނައުމަށް، އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވައިފި

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު --- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އާންމު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

ރައީސް ނަޝީދު މިއަދު ހުށަހެޅުއްވި ގަރާރުގައި ވަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮންނަން ފެނިއްޖެ ނަމަ، ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ.

އެގޮތުން، ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ބޮޑުވަޒީރެއް ކަމުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އެންމެ އިސްވެރިޔާއަކީ އާންމުންގެ ވޯޓަކުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުމަށް ހުށަހަޅާފައިވެއެވެ.

އެމްޑީޕީގެ ނާއިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒުގެ ތާއީދާއެކު ހުށަހެޅި ގަރާރުގައި، މަޖިލިސް އިންތިޚާބުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ބަލައި، ޕާޓީއަށް ހާއްސަކުރެވޭ ނޭޝަނަލް ލިސްޓުގައި މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ހުށަހަޅުއްވާފައިވެއެވެ.

މީގެ އިތުރުން، ސަރުކާރު ހިންގާ ވަޒީރުންގެ މަޖިލީހަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެެއިން އެކުލަވާލެވޭ މަޖިލީހަކަށް ހެދުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށްވުރެ، އިތުރު ނުވާނޭހެން ހިފެހެއްޓުމަށް ވެސް ހުށަހަޅާފައިވެއެވެ.

އެއާއެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ފަހެއް ކަމުގައި ކަނޑައަޅާ، ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ސިފަތައް ގާނޫނުގައި ހިމެނުމަށް ވެސް ހުށަހަޅާފައިވެއެވެ.

އެ ގަރާރު ހުށަހެޅި ސަބަބުތައް ކަމުގައި ބުނެފައިވަނީ ގާނޫނު އަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމު ކަނޑައަޅާފައިވާ ގޮތުން، އެއް ޕާޓީއެއް އެކަނި ވެރިކަމަށް އިންތިޚާބުވެ، މުތުލަގު ބާރުތަކާ އެކު ވެރިކަން ހިންގުމަކީ ނާދިރު ކަމެއް ކަމަށް ވެފައިވާ ކަމަށާއި، އެމްޑީޕީން ވެރިކަމަށް އައުމަށް އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުން، ސަރުކާރާ މެދު އާންމު މެންބަރުންގެ އިތުބާރު ކުޑަވެފައިވުމެވެ.

މީގެ ކުރިން، އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއީދުކުރާ މެންބަރުންގެ ހަރަކާތްތައް އިތުރުކޮށްފަައެވެ. އެގޮތުން، އެ ދުވަސްވަރު ބަރުލަމާނީއަށް ތާއީދުކުރާ މެންބަރުން ވަނީ ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފައެވެ. އެކަމާ ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވެރިކަމުގެ ނިޒާމު ކަނޑައަޅަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ލީޑަރުން ވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

comment ކޮމެންޓް