ދެކުނު ކޮރެއާގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެ، މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ދެކުނު ކޮރެއާގައި ފެންބޮޑުވެފައި

ސޯލް (11 އޮގަސްޓް 2022): ފަހުގެ ތާރީޚެއްގައި ވާރޭ ނުވެހޭ ވަރަށް ދެކުނު ކޮރެއާއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެގައުމުގައި ފެންބޮޑުވެއްޖެއެވެ.

ދެކުނު ކޮރެއާގެ، މޫސުމާބެހޭ އިދާރާ ބުނާގޮތުން ފާއިތުވި 70 ވަރަކަށް އަހަރުތެރޭގައިވެސް އެގައުމު އޮންނަ ސަރަހައްދަށް މިހާވަރަށް ވާރޭ ވެހިފައެއް ނުވެއެވެ.

ދެ ދުވަސް ވަންދެން ބޯކޮށް ވަރޭވެހުމުގެ ސަބަބުން ދެކުނު ކޮރެއާގެ ވެރިރަށް ސޯލް އާއި އެނޫންވެސް ބައެއް ސިޓީތަކާއި ވިލެޖްތަކާއި ޓައުންތަކުގައިވަނީ ފެންބޮޑުވެ އާންމު ދިރިއުޅުން ހުއްޓުމަކަށް އައިސްފައެވެ.

ވެރިރަށް ސޯލްގެ މަގުތަކުގައި ފެންބޮޑުވެފައިވަނީ ކާރުތަކާއި ބަސްތަކަށް ނުދުއްވޭ ވަރަށެވެ. ބައެއް މަގުތަކުގައި ތިންފޫޓު ބަޔަށް ފެންގަނޑު އަރައެވެ. އަނެއްބައި މަގުތަކުގައި ތިންފޫޓަށް ފެންބޮޑުވެފައިވެއެވެ.

ދެކުނު ކޮރެއާގެ، މޫސުމާބެހޭ އިދާރާ ބުނާގޮތުން އެގައުމުގެ މޫސުން ކުރިއަށްވެސް އޮތީ ގޯސްކޮށެވެ. ލަފާކުރެވޭ ގޮތުން ކުރިއަށް އޮތް ދެ ދުވަހު ވެސް އެގައުމަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ.

ދެކުނު ކޮރެއާގައި ފެންބޮޑުވެފައި

ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް ހަތް މީހަކު މަރުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި ހަ މީހަކު ގެއްލިފައިވާކަމަށް ދެކުނު ކޮރެއާގެ ޑިޒާސްޓާ މެނޭޖްމަންޓްގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ފެންބޮޑުވެގެން އިތުރު މީހުން ގެއްލިދާނެއެވެ. އަދި މަރުވި މީހުންގެ އަދަދުވެސް އިތުރުވުމަކީ ވަރަށް ގާތްކަމެކެވެ. ވިއްސާރައިގެ ސަބަބުން މަރުވާމީހުންނާއި ގެއްލޭ މީހުންގެ މައުލޫމާތު ހޯދުންވެސްވަނީ ދަތިކަމަކަށް ވެފައެވެ. ވިއްސާރައިގެ ސަބަބުން ލިބިފައިވާ މާއްދީ ގެއްލުންތައްވެސް އަދި ރަނގަޅަށް ވަޒަން ނުކުރެވެއެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި 800އަށް ވުރެ ގިނަ ގެ ވަނީ ހަލާކުވެފައެވެ. ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓާއި ފޯނުގެ ޚިދުމަތްތައް ވެސް ކަނޑައިގެން ގޮސްފައެވެ. ކާރުތަކާއި އެނޫން ވެހިކަލްތައް ވެސް ފެނުތެރޭގައި އޮޔާ ދަނީއެވެ. ސަތޭކައަށްވުރެ ގިނަ މަގު ވަނީ ބަންދުވެފައެވެ. ރޭލްތަކާއި މެޓްރޯތައްވަނީ ހުއްޓުމަކަށް އައިސްފައެވެ.

ދެކުނު ކޮރެއާގެ ރައީސް ޔޫން ސްކް ޔިއޯލް ވަނީ ރައްކާތެރިވެ ތިބުމަށާއި ވިއްސާރައިގެ ހާލަތަށް ވިސްނައިގެން މިވަގުތު އުޅުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. ދެކުނު ކޮރެއާގެ ކަމާބެހޭ ފަރާތްތަކުން ގެންދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް