މާދަމާ ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަންނަނީ

1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ތެރެއިން-- ސަން ފޮޓޯ/މުހައްމަދު ހައްޔާން

މިއަހަރުގެ ރާއްޖެއަށް ޒިޔާރަތްކުރާ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މާދަމާ މަރުހަބާ ކިޔޭނެކަމަށް އެމްއެމްޕީއާރްސީގެ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓަރި ތޮއްޔިބު މުޙައްމަދު ވިދާޅުވީ ބައިނަލްއަގްވަމީ ގޮތުން ކުރިމަތިވި އެކި ގޮންޖެހުންތަކާއެކު ވެސް މި ކާމިޔާބީ ހަގީގަތަކަށް ހެދުމުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް ތައުރީފު ކުރައްވާ، ޝުކުރުއަދާކުރައްވާ ކަމަށެވެ.

"މިއީ އުފާވެރި މުނާސަބަތެއް، އަޅުގަނޑުމެންނަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް އެއް މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިއުމާ ގާތަށް މިވަނީ އާދެވިފައި. މިއީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނާއި، ސްޓޭކްހޯލްޑަރުން ރެ އާއި ދުވާލު ކުރި ބުރަ މަސައްކަތުގެ ނަތީޖާ." ތޮއްޔިބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ކާމިޔާބީ ފާހަގަކުރާއިރު، ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ދެމިހުރުމަށް، އަދި މި ވާދަވެރި ޒަމާނުގައި މަންޒިލްގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ހިތްވަރާއެކު ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

"އެމްއެމްޕީއާރުސީއިން ހުއްޓުމެއްނެތި މިދަނީ ސަނީ ސައިޑް އޮފް ލައިފް ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރަމުން." އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ 2022 ވަނަ އަހަރު ރާއްޖެއިން 1.6 މިލިއަން ފަތުރުވެރިންނަށް މަރުޙަބާ ކިއުމަށް ލަނޑުދަނޑި ކަޑައަޅާފައިވާކަން އިއުލާން ކުރައްވާފައެވެ.

މި އަހަރުގެ ޖުލައި 31 ގެ ނިޔަލަށް 136،828 ފަތުރުވެރިންނާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. ރާއްޖެއަށް ދެ ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓެއްގެ ގޮތުގައި އޮތީ 109،926 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ.

މި އަހަރު ރާއްޖެއަށް ދެން އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓްތަކުގެ ތެރޭގައި ހިމެނެނީ 101،409 ފަތުރުވެރިންނާއެކު ރަޝިޔާ، 76،224 ފަތުރުވެރިންނާއެކު ޖަރުމަނުވިލާތް އަދި 53،588 ފަތުރުވެރިންނާއެކު އިޓަލީއެވެ. މި އަހަރުގެ މިހާތަނަށް ގަދަ 10 ސޯސް މާކެޓްގެ ލިސްޓުގައި ދެން ތިބި ޤައުމުތަކުގެ ތެރޭގައި އެމެރިކާ، ފަރަންސޭސިވިލާތް، ސައުދީ އަރަބިއްޔާ، ސްވިޒަލޭންޑް، އަދި ސްޕެއިން ހިމެނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ދުނިޔޭގައި ފެތުރެންފެށި ފަހުން، ޚާއްސަކޮށް ބައިނަލްއަގްވާމީ ދަތުރުފަތުރަށް ޗައިނާގެ ބޯޑަރުތައް ބަންދުކުރި ފަހުން، އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ތިން މާކެޓުގެ ލިސްޓުގައި ހިމެނި އެ މަގާމު ދަމަހައްޓާފައިވާ ގައުމެކެވެ. ޗައިނާގެ ބޯޑަރުތައް އަދިވެސް އޮތީ ބައިނަލްއަގްވާމީ ދަތުރުފަތުރަށް ބަންދުކޮށްފައެވެ.

އެމްއެމްޕީއާރްސީއިން ބުނީ ރާއްޖެ ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓްކުރުމަށާއި، މުހިންމު މާކެޓްތަކުގައި ޑެސްޓިނޭޝަން ޕްރެޒެންސް ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ވަނީ ސާބިތުކަމާއެކު މަސައްކަތްކޮށްފައި ކަމަށެވެ. އަދި އިންޑިއާގައި މިހާތަނަށް 16 ކެމްޕޭނެއް ހިންގާފައިވާއިރު، އޭގެ ތެރޭގައި އޯޓީއެމް، ސާޓޭ، ޓީޓީއެފް ޓްރެވަލް އެންޑް ޓޫރިޒަމް ފެއާ، އަދި މިލްޓް ކޮންގްރެސް ފަދަ ލީޑިން ފެއާތަކުގައި ބައިވެރިވެފައިވާ ކަމަށް ވެސް ބުނެއެވެ.

އެމްއެމްޕީއާރްސީ އިން ބުނީ ރޯޑްޝޯއަކާއި މަޝްހޫރު ޕަބްލިކޭޝަންތަކާއި ޓޫރިޒަމް ކުންފުނިތަކާ ގުޅިގެން ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ވެބިނާތަކާއި ޖޮއިންޓް ކެމްޕޭންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާ މި އަހަރު ރާއްޖޭގެ ޓޮޕް ސޯސް މާކެޓްގެ ގޮތުގައި އިންޑިއާ ޕޮޒިޝަން ކުރުމުގައި މި ހަރަކާތްތަކުން ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާކަމަށެވެ.

އިނގިރޭސިވިލާތުގެ މާކެޓަކީ 2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޓޮޕް ސޯސް މާކެޓް ކަން ފާހަގަކޮށް އެމްއެމްޕީއާރުސީ އިން ބުނީ އިނގިރޭސިވިލާތުގައި މި އަހަރު ބޮޑު 7 ކެމްޕޭނެއް ހިންގާފައިވާ ކަމަށެވެ.

އެ ހަރަކާތްތަކުގެ ތެރޭގައި ކުއޯނީ ޔޫކޭ، ނިއުސް ޔޫކޭ، ޑެސްޓިނޭޝަން 2، އިފް އޮންލީ، ބްރިޓިޝް އެއާވޭސް އަދި ބްލޫ ބޭ ޓްރެވަލް އާ ގުޅިގެން ހިންގާފައިވާ ކެމްޕޭންތަކުގެ އިތުރުން ފެމިލިއަލައިޒޭޝަން ދަތުރެއްވެސް ހިމެނޭ ކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އެ މަސައްކަތުގެ ދަށުން އިނގެރޭސިވިލާތުގެ ގައުމީ ފިލްމް އެވޯޑްސްގެ ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެފައިވާ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

ރާއްޖެ އަކީ ރަޝިޔާގެ ރައްޔިތުންގެ މެދުގައި މަޤުބޫލު މަންޒިލަކަށް ވާއިރު ޓޮޕް ސޯސް މާކެޓެއްގެ ގޮތުގައި ރަޝިޔާގެ މަގާމު ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން މިހާތަނަށް 10 ކެމްޕޭން ކުރިއަށް ގެންގޮސްފައިވާ ކަން ފާހަގަކުރެއެވެ.

އެގޮތުން ސޯޝަލް މީޑިއާ މާކެޓިންގ ކެމްޕޭންތަކާއި، ވޯކްޝޮޕްތަކާއި، ޖޮއިންޓް ކެމްޕޭންތައް ހިމެނޭ ކަމަށާ މޮސްކޯ ޑައިވް ޝޯ އާއި އެލްޓީއެމް މޮސްކޯގައި ވެސް ބައިވެރިވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެމްއެމްޕީއާރްސީ އިން ބުނީ ޖަރުމަނުވިލާތަކީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް މުހިންމު މާކެޓަކެއްގެ މަގާމަށް ވާސިލްވެފައިވާ ގައުމެއް ކަމަށެވެ. އަހަރުން އަހަރަށް އެ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންދާއިރު މި އަހަރު މިހާތަނަށް ޖަރުމަނުވިލާތުގެ މާކެޓުގައި ތަފާތު 8 ހަރަކާތެއް ހިންގާފައިވާ ކަމަށެވެ.

ޖަރުމަނުވިލާތައް ޙާއްސަ ފެމިލިއަރައިޒޭޝަން ދަތުރުތަށް ބޭއްވުުމުގެ އިތުރުން މަޝްހޫރު ޕަބްލިކޭޝަންތަކާއެކު ކާމިޔާބު ޖޮއިންޓް ކެމްޕޭންތައްވެސް އެ ކޯޕަރޭޝަނުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި އަހަރުގެ ތެރޭގައި ޖަރުމަނުވިލާތުގެ މަޝްހޫރު ލަގްޒަރީ ޕަބްލިކޭޝަނެއް ކަމަށްވާ ކޮނަސުއާ ސާކަލުން ވަނީ ރާއްޖެއަށް 'ބެސްޓް ލަގްޒަރީ ޑެސްޓިނޭޝަން އޮފް ދަ އިޔަރ' ގެ އެވޯޑު ދީފައެވެ. އެމްއެމްޕީއާރުސީއިން ޖަރުމަނުގައި ބޭއްވި މަޝްހޫރު ޓްރެވަލް އެންޑް ޓޫރިޒަމް ފެއަރއެއް ކަމަށްވާ އައިމެކްސް ފްރެންކްފާޓްގައި ވެސް މި އަހަރު ބައިވެރިވިއެވެ.

ރާއްޖޭގެ ދުވަސްވީ ޓޮޕް ސޯސް މާކެޓްތަކުގެ ތެރޭގައި ހިމެނޭ އިޓަލީއިން ރާއްޖެއަށް މި އަހަރު ދަތުރުކޮށްފައިވާ ފަތުރުވެރިންގެ އަދަދު އިތުރުކަން ފާހަގޮށް އެ ކޯޕަރޭޝަނުން ބުނީ 1972 ވަނަ އަހަރު ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ އައި ފަތުރުވެރިންނަކީ އިޓަލީގެ ގްރޫޕެއް ކަމަށެވެ. އަދި ފާއިތުވެދިޔަ 50 އަހަރުގެ ތެރޭގައިވެސް މި މާކެޓަކީ ރާއްޖެއަށް ގިނަ ފަތުރުވެރިން އަންނަ ނަގާކިޔާލެވޭ މާކެޓެއް ކަމަށެވެ.

އިޓަލީ މާކެޓަކީ މުސްތަޤްބަލުގައި އިތުރަށް ފުޅާވާނެކަމަށް ލަފާކުރެވޭ މާކެޓެއް ކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ. އަދި އިޓަލީ މާކެޓުގައި މިއަހަރު ތަފާތު 8 ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާއިރު އޭގެ ތެރޭގައި އީ-ލާނިން ޕްރޮގްރާމްތަކާއި ޖޮއިންޓް މާކެޓިން ކެމްޕޭންތަށް ހިމެނޭ ކަން އެމްއެމްޕީއާރްސީ އިން ފާހަގަ ކުރެއެވެ.

ގްރީން މީ އާ ގުޅިގެން އިޓަލީއިން ފާހަގަވެފައިވާ އިމާޖިންގ ޓްރެންޑެއްކަމަށްވާ ސަސްޓެއިނަބަލް ޓޫރިޒަމަށް އަޙުލުވެރިވާ ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގާފައިވާ ކެންޕޭނު ފާހަގަކޮށްލެވޭ ކަމަށާ އެމްއެމްޕީއާރުސީއިން މިއަހަރުވެސް ބިޓް މިލާނުގައި ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.

އެ ކޯޕަރޭޝަނުން ވޭތުވެދިޔަ އަހަރު ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް 22 މާކެޓެއްގައި 260 ހަރަކާތެއް ހިންގާފައިވާ ކަން ފާހަގަކުރެއެވެ. އޭގެތެރޭގައި ފެއާތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ.

ވެބިނާތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، އެތަކެއް މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައިވާ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ. އަދި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަން ކަމަށް ފާހަގަކުރެއެވެ.

ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ހާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.

comment ކޮމެންޓް