މިދިޔަ މަހު މީރާއަށް 2.65 ބިލިއަން ރުފިޔާ، އިންކަމް ޓެކްސްގެ ގޮތުގައި 1.29 ބިލިއަން ރުފިޔާ

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ މަހު މީރާއިން 2.65 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ 48.6 ޕަސެންޓު ނުވަތަ 1.29 ބިލިއަން ރުފިޔާއެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް މީރާއަށް ލިބިފައި ވަނީ ޖީއެސްޓީންނެވެ. އެއީ 21.8 ޕަސެންޓު ނުވަތަ 577.79 މިލިއަން ރުފިޔާއެވެ. އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 537.30 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 61.51 މިލިއަން ރުފިޔާ، އެއަޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 53.92 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 134.31 މިލިއަން ރުފިޔާއެވެ.

މީރާއިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީއަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 311.8 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ. އަދި މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 84.1 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިދިޔަ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ.

މީގެ ސަބަބަކީ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މި އަހަރުގެ ޖުލައި މަހު ހަމަވުން ކަމަށް މީރާއިން ބުންޏެވެ. އެ ސުންގަޑި ވޭތުވެ ދިޔަ އަހަރު ހަމަވީ އޮގަސްޓު މަހުގައެވެ.

ހަމައެއާއެކު، މިދިޔަ އަހަރުގެ ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އީދު ބަންދާ ގުޅިގެން އޮގަސްޓަށް ފަސްކުރިއެވެ. އޭގެ ސަބަބުން، މިދިޔަ މަހު ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އިތުރުވެފައިވާކަމަށް މީރާއިން ބުންޏެވެ.

މީގެ އިތުރުން، މިދިޔަ މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ހަތް ފަރާތަކުން 35 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބިފައިވުމަކީ ޖުލައި 2021ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު މިދިޔަ މަހު ލިބިފައިވާ އާމްދަނީ އިތުރުވި ސަބަބެއްކަން މީރާއިން ފާހަގަކުރިއެވެ. އެ ފީ މިދިޔަ އަހަރުގެ ޖުލައި މަހު ނުލިބެއެވެ.

އޭގެ އިތުރުން، ޖުލައި 2021އާ އަޅާބަލާއިރު މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ މިންވަރު 97.4 ޕަސެންޓު އިތުރުވުމަކީ ވެސް މީރާގެ އާމްދަނީ އިތުރުވި ސަބަބެކެވެ.

މިދިޔަ މަހު މީރާއިން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 79.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

comment ކޮމެންޓް