ޝިއާއުގެ ހަށިގަނޑު އަދި ޕޯސްޓްމޯޓަމްއަށް ނުފޮނުވާ، ފޮނުވުމުގެ ތައްޔާރީތައް ކުރިއަށް

މިދިޔަ ހޮނިހިރު ދުވަހު އަނިޔާވެރި ގޮތަކަށް ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވާ ފެނުން ގެ ހުންނަ ސަރަޚައްދު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު އަދި ޕޯސްޓްމޯޓަމްއަށް ފޮނުވާފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

ހ. ޝީރީން ވިލާގޭގެ ނުވަ ވަނަ ފަންގިފިލާއަށް ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ދިޔައިރު ޏ. ފުވައްމުލައް، މާދަނޑު، ކުރި، ޝިއާއު މުޙައްމަދު ސަޢީދު، 22، އޮތީ މަރާލާފައެވެ. މަރާލުމުގެ އިތުރުން އޭނާގެ އަތްފަޔާއި ކަރު ވެސް އޮތީ ބުރިކޮށްލާފައެވެ.

އަނިޔާވެރި ގަތުލާއި ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަމަށް ބުނެފައެވެ.

އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ގުޅާލުމުން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ ހުރިހާ ކަމެއް ނިމި ހަށިގަނޑު ޕޯސްޓްމޯޓަމްއަށް ފޮނުވުމުން އެކަމުގެ މައުލޫމާތު މީޑިއާއާ ހިއްސާ ކުރައްވާނެކަމަށެވެ.

"ބުނެފަ ދޯ އޮތީ މިހާރު ނިންމާފަވާ ވާހަކަ ޕޯސްްޓް މޯޓަމް ހަދަން. މިހާރު ދަނީ ތައްޔާރީތައް ކުރެވެމުން. ޕޯސްޓްމޯޓަމްއަށް ބޮޑީ ފޮނުވަން ޖެހޭ ގައުމާއި މިކަންކަން. އެހުރިހާ ކަމެއް ނިމި ޕޯސްޓްމޯޓަމްއަށް ފޮނުވުމުން އޭގެ އަޕްޑޭޓް މީޑިއާ އަށް ހިއްސާކުރެވޭނެ. މިހާރު ދަނީ ތައްޔާރީތައް ކުރިއަށް ހަމަ،" އެނާ ވިދާޅުވިއެވެ.

އަނިޔާވެރިގޮތަކަށް ޝިއާއު މަރާލާފައި އޮއްވާ ފެނުންއިރު، ޝިއާއުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް، 22އެވެ. އެ ހާދިސާ ހިނގި ރޭ އެ ގެއިން ޝާހިލް ނެރެގެން ގެންގޮސްފައިވަނީ އެރޭ ދަންވަރު 1:25 ގައެވެ.

އެ އަނިޔާވެރި ގަތުލާ ގުޅިގެން ޝާހިލްގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ޝާހިލް ހައްޔަރު ކޮށްގެން ހާދިސާ ހިނގި ރޭ އެންމެ ފުރަތަމަ ގެންދިޔައީ ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ. އަދި ފަހުން އޭނާ ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.

ޝިއާއުގެ ހަށިގަނޑު އެރޭ ދަންވަރު ފުލުހުން ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ. ހާދިސާ ހިނގި ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިން އެރޭ މައުލޫމާތު ދިން ގޮތުގައި އެމްބިއުލާންސަށް އެރުވީ ދެ ބޮޑީބޭގެއް ވަކިންނެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިނގި ރަހުމު ކުޑަ އެއް މަރެވެ. މީހަކު މަރާލުމަށް ފަހު އޭނާގެ ގުނަވަންތައް ވަކި ކުރުމަކީ ރާއްޖޭގައި އެހާ އާއްމު ކަމެއް ނޫނެވެ.

comment ކޮމެންޓް