ތައިލެންޑުގައި ހުންނެވުމަށް ޓަކައި ގޮތަބަޔައަށް 90 ދުވަހުގެ ވިސާ ދޭނެ: ތައި ޚާރިޖީ ވުޒާރާ

ގޮތަބަޔަ ރާޖަޕަކްސަ

ބެންކޮކް (11 އޮގަސްޓް 2022): ރައްޔިތުންގެ އުތުރިއެރުމާ ގުޅިގެން ސްރީލަންކާއިން ފިއްލެވުމަށްފަހު މަގާމުން އިސްތިއުފާ ދެއްވާފައިވާ އެގައުމުގެ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ތައިލެންޑަށް ވަޑައިގަންނަވަން ބޭނުންފުޅު ވެގެން ވިސާއަށް އެދިފައިވާކަމަށް ތައި ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން ބުނީ ގޮތަބަޔަ ވަނީ ތައިލެންޑަށް ވަޑައިގަންނަވަން ބޭނުންވާ ވިސާއަށް އެދި ހުށަހަޅުއްވާފައި ކަމަށާއި ގޮތަބަޔައަށް ވިސާ ދޭން ނިންމާފައިވާ ކަމުގައެވެ. ނަމަވެސް ވިސާދޭނެ ދުވަހެއް ތައި ޚާރިޖީ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ ޖުލައިމަހުގެ މެދެއްހާ ހިސާބު ސްރީލަންކާއިން ފިއްލެވުމަށްފަހު ގޮތަބަޔަ ސިއްރިޔާތުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ރެއެއްގެ ދަންވަރުގެ ވަގުތެއްގައި އަސްކަރީ މަތިންދާ ބޯޓެއްގައި ކުއްލި ގޮތަކަށް ދިވެހިރާއްޖެއަށެވެ. އެއަށްފަހު ދެން ވަޑައިގެންނެވީ ސިންގަޕޫރަށެވެ.

ސިންގަޕޫރުން ގޮތަބަޔައަށް ދިން 14 ދުވަހުގެ ވިސާ ހަމަވުމަށްފަހު އަނެއްކާވަނީ އިތުރު 14 ދުވަހުގެ ވިސާއެއް ދީފައެވެ. އެ ވިސާގެ މުއްދަތު މިއަދު ހަމަވުމުގެ ކުރިން ގޮތަބަޔަ ސިންގަޕޫރުން ބޭރުވެވަޑައިގަންނަވަން ޖެހޭނެއެވެ.

ސިންގަޕޫރު ބުނާގޮތުން އެގައުމުން ގޮތަބަޔައަށް ސިޔާސީ ހިމާޔަތް ނުދޭނެއެވެ. ގޮތަބަޔަ ސިންގަޕޫރަށް ވަޑައިގެންނެވީ އަމިއްލަފުޅު ދަތުރެއްގައި ވަގުތީ ގޮތުން ކަމަށްވެސް ސިންގަޕޫރުން ބުނެފައިވެއެވެ.

މިއަދު ގޮތަބަޔަ ތައިލެންޑަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަން ނަން ހާމަކުރަން ބޭނުންނުވާ ސްރީލަންކާގެ ދެ މަސްއޫލުވެރިއަކު ރޮއިޓާސްއަށް މަޢުލޫމާތު ދެއްވި ނަމަވެސް، ސްރީލަންކާ ސަރުކާރުން ރަސްމީ ސިފައެއްގައި ގޮތަބަޔަ ދިރިއުޅުއްވާ ގޮތާބެހޭގޮތުންނާއި އޭނާ ވަޑައިގަންނަވާނެ ގައުމަކާބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ގޮތަބަޔައަށް 90 ދުވަހުގެ ވިސާ ދޭނެކަން ތައި ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިއެއް ކަމަށްވާ ތަނީ ސަންގްރަޓް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެހެންކަމުން ވިސާ ލިބިގެން މިއަދުގެ ވަގުތެއްގައި ގޮތަބަޔަ ސިންގަޕޫރުން ފުރާވަޑައިގެން ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ވަޑައިގަންނަވާނެ ކަމަށްވަނީ ބެލެވިފައެވެ.

comment ކޮމެންޓް