އޫރުމަސް އެކުލެވޭ ގްރެވީ ވިއްކުން ހުއްޓާލުމަށް ހެލްތު މިނިސްޓްރީން ރެޑްވޭވަށް އަންގައިފި

ރެޑްވޭވްގައި ވިއްކަންހުރި އޫރުމަސް އެކުލެވޭ ގްރެވީ ޕެކެޓް: އެ ޕެކެޓުތައް ނުވިއްކަން ހެލްތު މިނިސްޓްރީން ވަނީ އަންގާފައި

އޫރު މަސް އެކުލެވޭ ގްރެވީ ވިއްކުން ހުއްޓާލުމަށް ހެލްތު މިނިސްޓްރީން ރެޑްވޭވަށް އަންގައިފިއެވެ.

ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ ޝަފީއު ވިދާޅުވީ ރެޑްވޭވްގައި ވިއްކަން ހުރި އޫރުމަސް އެކުލެވޭ ގްރެވީ ވިއްކުން ހުއްޓާލުމަށް އެ ކުންފުންޏަށް މިހާރު އަންގާފައިވާނެކަމަށެވެ.

"މިކަން ވަނީ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފައި،" އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރެޑްވޭވްގެ މެނޭޖާ އޮފް އޮޕަރޭޝަންސް އަލީ ޝަހީމް "ސަން"އަށް ވިދާޅުވީ އޫރުމަސް އެކުލެވޭ ގްރެވީ އެއް ވިއްކަން ފިހާރަތަކުގައި ބެހެއްޓިފައި ހުރީ އޮޅުމަކުން ކަމަށެވެ.

"އެއްވެސް މީހަކަށް އެ ގްރެވީ ޕެކެޓް ވިއްކާފައެއް ނުވާނެ. އޫރުމަސް އެކުލެވޭކަން އެނގުމުން ވަގުތުން އެ ޕެކެޓުތައް ވާނީ ނަގާފައި،" އޭނާ ވިދާޅުވިއެވެ.

ރެޑްވޭވުން އެހެން ބުންޏަސް އެކަން ގިނަ ބައެއްގެ ސަމާލުކަމަށް އައީ ގްރެވީ ޕެކެޓެއް ގަތުމަށްފަހު މީހަކު ފޭސްބުކުގައި ހިއްސާކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި އެމީހާ ބުނީ އެއީ އޭނާ ރެޑްވޭވުން ގަތް ގްރެވީ ޕެކެޓެއް ކަމަށެވެ.

"މިވަރުން ދަންޏާ ނޭނގި އޫރުމަސް ވެސް ކެވިދާނެ،" ފޭސްބުކުގައި ގްރެވީ ޕެކެޓުގެ ފޮޓޯއާއެކު މީހަކު ބުނެފައިވެއެވެ.

ރެޑްވޭވްގެ މެނޭޖާ އޮފް އޮޕަރޭޝަންސް އަލީ ޝަހީމް ވިދާޅުވީ އެ ކުންފުންޏަކީ 90 ޕަސަންޓު އިމްޕޯޓުކޮށްގެން މުދާ ވިއްކާ ކުންފުންޏެއްކަމަށްވުމުން އެފަދަ ކަމެއް ދިމާވެދާނެކަމަށެވެ.

comment ކޮމެންޓް