ދައުރުވަމުންދާ ވީޑިއޯއަކީ މިދިޔަ އަހަރުގެ ވީޑިއޯއެއް، އޭނައާ މެދު ވަނީ ފިޔަވަޅު އަޅާފައި: މޯލްޑިވިއަން

މޯލްޑިވިއަންގެ ސީޕްލޭނެއް ވައިގެ ތެރޭގައި އިންޖީނު ނިއްވާލާ ވީޑިއޯގެ ސްކްރީން ޝޮޓެއް

ސޯޝަލް މީޑިއާގައި މިފަހުން އާންމުވެފައިވާ, މޯލްޑިވިއަންގެ ސީޕްލޭނެއް ވައިގެ ތެރޭގައި އިންޖީނު ނިއްވާލާ ވީޑިއޯއަކީ މިދިޔަ އަހަރުގެ ވީޑިއޯއެއް ކަމަށާއި އެ ވީޑިއޯގައި ފެންނަ ކެޕްޓަންއާމެދު ފިޔަވަޅު އަޅާފައިވާކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢާއިޝަތު ޖެނީފާ ވިދާޅުވެއްޖެއެވެ.

ޓްވިޓާގައި ދައުރުވާ ވީޑިއޯގައި ފެންނަނީ ދަތުރުކުރަމުން ދިޔަ މޯލްޑިވިއަންގެ ސީޕްލޭނެއްގެ ވާތްފަޅީގެ އިންޖީނު އެ ފްލައިޓުގެ ކެޕްޓަން ނިވާލާ މަންޒަރެވެ. އެއީ އޭވިއޭޝަންގެ ގަވާއިދާ ޚިލާފުކަމެކެވެ.

އެ ވީޑިއޯ ހިއްސާކުރި މީހާވަނީ މިކަމުގެ ސަބަބުން ބަޔަކަށް ގެއްލުމެއް ވެއްޖެނަމަ ޒިންމާ ވާނީ ކާކުތޯ ސުވާލުކޮށްފައެވެ. މީގެ ކުރިން މޯލްޑިވިއަންގެ ސީޕްލޭނެއްގެތެރޭ އޭގެ ކެޕްޓަން ސިނގިރޭޓު ބޯ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ޖެނީފާ ވިދާޅުވީ އެއީ ނިމިފައިވާ މައްސަލައެއް ކަމަށެވެ. އަދި މޯލްޑިވިއަންއަކީ ސިވިލް އޭވިއޭޝަންގެ ގަވާއިދާ އެއްގޮތަށް ހިންގަމުންދާ ކުންފުންޏެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް ބަލާނީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް. ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއް އެއްވެސް މުވައްޒަފެއްގެ ފަރާތުން ފެނިއްޖެނަމަ އެ މައްސަލަ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވެސް ބަލާ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް