ޓެނިސް ލެޖެންޑު ސެރީނާ ރިޓަޔާ ކުރަނީ

ސެރީނާ ވިލިއަމްސް---

ދުނިޔޭގައި އުފެދުނު އެންމެ މޮޅުއެއް އަންހެން ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް, ކުރިއަށް އޮތް ޔޫއެސް އޯޕަން އަށް ފަހު ރިޓަޔާވާން ނިންމައިފިއެވެ.

ސެރީނާ އެކަން ހާމަކުރީ އޭނާގެ ފޮޓޯއެއް ހިމެނޭ ވޯގް މެގަޒިންގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރުމަށް ފަހުގައެވެ.

އެ ފޮޓޯއާއެކު ސެރީނާ ބުނެފައިވަނީ ހަޔާތުގައި އެހެން ދިމާލަކަށް ދާން އަބަދުވެސް ވިސްނަންޖެހޭނެކަމަށެވެ. އަދި އެ މީހަކު ގަޔާވާ ކަމެއް ދޫކޮށްލުމަކީ އުނދަގޫވާނެ ކަމެއް ކަމަށާއި، ނަމަވެސް ޓެނިސް ކުޅެން ހުއްޓާލުމުގެ ވަގުތު ޖެހިއްޖެކަމަށް އޭނާ ބުނެފައިވެއެވެ.

"ޓެނިސް ކުޅުން ހުއްޓާލުމަށްފަހު ފުރިހަމަ މަންމައެއްގެ ރޯލުން އަހަރެން ފެންނާނެ. ރިޓަޔާވުމަށްފަހު އަމާޒަކީ އާއިލާއަށް ދޭންޖެހޭ ވަގުތު ދިނުން،" ސެރީނާ ބުންޏެވެ.

ކުޅުން ހުއްޓާލާނީ ކުރިއަށް އޮތް ޔޫއެސް އޯޕަން މުބާރާތުގައި ކުޅުމަށް ފަހުގައި ކަމަށް ވެސް ސެރީނާ ބުންޏެވެ.

އުމުރުން 40 އަހަރުގެ ސެރީނާ ވަނީ 23 ގްރޭންޑް ސްލޭމް ތަށި އުފުލާލާފައެވެ. އުމުރުން އެންމެ 17 އަހަރުގައި އޭނާ ވަނީ ޔޫއެސް އޯޕަން މުބާރާތެއް ކާމިޔާބުކޮށްފައެވެ.

ސެރީނާ ދުނިޔޭގެ އެންމެ ގިނަ ސްލޭމް ތަށި ހޯދައިފައިވާ ކުޅުންތެރިޔާއަށް ވުމަށް އޭނާ އަށް މަދުވަނީ އެންމެ ތައްޓެކެވެ. އެންމެ ގިނައިން ސްލޭމް ތަށި ކާމިޔާބުކޮށްފައިވާ އޮސްޓްރޭލިއާގެ މާގަރެޓް ކޯޓް ވަނީ 24 ސްލޭމް ތަށި ހޯދައިފައެވެ. ސެރީނާއަށް ލިބިފައިވަނީ 23 ސްލޭމް ތައްޓެވެ.

comment ކޮމެންޓް