އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވާނީ ޕްރައިމަރީއަކުން

އެމްޑީޕީގެ ކޮންގްރެސްއާ ބެހޭ މައުލޫމާތު ދިނުމަށް އެ ޕާޓީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ސިޔާސީ ކެންޑިޑޭޓެއް ހޮވާނީ އެ ޕާޓީގެ މެންބަރުންގެ މެދުގައި ބާއްވާ ޕްރައިމެރީއަކުން ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ.

މި މަހުގެ 19ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއާ ބެހޭ މައުލޫމާތު ދިނުމަށް އެ ޕާޓީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެމްޑީޕީ ކޮންގްރެސް ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށެވެ.

މި މަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައި ރިޔާސީ ޓިކެޓާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.

"ޕާޓީގެ އަސާސީ ގަވައިދަށް އިސްލާހު ގެންނަނަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ރިޔާސީ ޓިކެޓާއި ބެހޭ ގޮތުން އެއްވެސް ކަހަލަ އިސްލާހެއް ހުށަަހަޅާފައެއް ނެތް. މިހާރު އިސްލާހު ހުށަހަޅަން ހުޅުވާލި މުއްދަތުވެސް ހަމަވެއްޖެ. ދެން ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއް ކަނޑައެޅޭނެ ހަމައެކަނި ގޮތަކީ މިހާރު ޕާޓީގެ އަސާސީ ގަވާއިދުގައި އޮތް ގޮތަށް، އެއީ ޕްރައިމެރީއެއް ބާއްވައިގެން،" އިބުރޭ ވިދާޅުވިއެވެ.

ޕްރައިމަރީ ބާއްވާނެ ވަކި ދުވަހެއް އަދި ކަނޑައަޅާފައިނުވާ ކަމަށާއި އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން މާ ލަސްތަކެއް ނުވެ ޕްރައިމަރީ ބާއްވާނެ ތާރީހުގެ މަޝްވަރާތައް ޕާޓީގެ ޗެއާޕާސަން ގައުމީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިިދާޅުވިއެވެ.

އެމްޑީޕީ ކޮންގްރެސް ކޮމިޓީގެ މުގައްރިރު އަދި އެޕާޓީގެ ގައުމީ މަޖިލީހުގައި މަތި އުތުރު ޕްރޮވިންސްގެ ރައީސް އިބްރާހީމް ވަހީދު (އިބުރޭ) --- ސަން ފޮޓޯ/ ނާއިލް ހުސައިން

އިބުރޭ ވިދާޅުވީ ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަސް ކަނޑައެޅުމާއެކު ރިޔާސީ ޕްރައިމަރީގެ ކަންކަން ހިންގުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމަކީ ގައުމީ މަޖިލީހުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމުގެ ބާރު ކޮންގްރެސްއަށް އޮންނަ ކަމަށް އިބުރޭ ވިދާޅުވިއެވެ.

ނަމަވެސް އެ ބާރު ގައުމީ މަޖިލީހަށް ލިބިގެން ނުވާ ކަމަށާއި އެހެންކަމުން، ކޮންގްރެސްގައި ރިޔާސީ ޓިކެޓާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައި ނުވާއިރު އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެނޑިޑޭޓަކު ކަނޑައެޅުމަށް މިފަހަރު އޮތް ހަމައެކަނި ގޮތަކީ ރިޔާސީ ޕްރައިމަރީއެއް ބާއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ ދެވަނަ ދައުރަކަށް ވެރިކަމަށް ކުރިމަތިލުމަށް ތައްޔާރަށް ހުންނެވިކަން ފުރަތަމަ ފަހަރަށް އިއުލާނުކުރައްވާފައެވެ.

އެކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއީ އަމިއްލަ އުންމީދު އިސްކޮށް ވެރިކަމަށް ފައިނަންގަވަންވީ ވަގުތެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޞާލިޙަށް, ވަރުގަދަ ރައްދެއް ދެއްވާފައެވެ.

ދާދީ ފަހުން ޕީޕީއެމް/ ޕީއެންސީގެ ސެނެޓުންވެސް ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަން ޕްރައިމަރީއަކާ ނުލާ ނިންމާފައެވެ.

އެމަނިކުފާނަށް ރިޔާސީ ޓިކެޓު ހަވާލުކުރާނީ މި މަހުގެ 19 ވަނަ ދުވަހު އެޕާޓީން އެކަމަށް ބާއްވާ ބޮޑު ޖަލްސާގައެވެ.

comment ކޮމެންޓް