އިސްރާއީލުން ފަލަސްތީނުގެ ހަތަރު ޒުވާނަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ޝަހީދުކޮށްލި 4 ޒުވާނުންގެ ތެރެއިން ޒުވާނެއްގެ ޖަނާޒާ

ހުޅަނގު އައްސޭރި (10 އޮގަސްޓް 2022): ޣައްޒާއަށް ދެމުން ގެންދިޔަ އުދުވާނީ ހަމަލާތައް ހުއްޓާލުމަށްފަހު އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އަނިޔާވެރި ޓެރަރިސްޓް ހަރަކާތްތަކެއް ހިންގައިފިއެވެ.

އިއްޔެ ރޭ އިސްރާއީލުން ހުޅަނގު އައްސޭރީގައި ފެށި ޓެރަރިސްޓް ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ހަތަރު މީހުންވަނީ ޝަހީދުކޮށްލާފައެވެ. އެހަތަރު މީހުން ނިސްބަތްވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ޖަމާއަތް ކަމަށްވާ ފަތްހު ޖަމާއަތުގެ އަސްކަރީ ގޮފި، ޝުހަދާއުލްއަގްސާ (އަލްއަޤްޞާ މާޓިޔަސް ބްރިގޭޑް) އަށެވެ.

އިސްރާއީލުން ބަޑިޖަހައި ޝަހީދުކޮށްލީ ފަތުހު ޖަމާއަތުގެ ހަތަރު ޒުވާނުންނެވެ. މީގެތެރެއިން ދެ ޒުވާނުންގެ އުމުރަކީ 16 އަހަރާއި 17 އަހަރެވެ. އަނެއް ދެ ޒުވާނުންގެ އުމުރުއުޅެނީ 25 އަހަރާއި 30 އަހަރާ ދެމެދުގައެވެ.

އިސްރާއީލުން ޝަހީދުކޮށްލި 4 ޒުވާނުންގެ ތެރެއިން އެކެއްގެ އާއިލާ އޭނާގެ ހަށިގަނޑުގެ ކައިިރީގައި

އިސްރާއީލުގެ ސިފައިން ޓެރަރިޒަމްގެ މިއަމަލުތައް ހިންގާފައިވަނީ ހުޅަނގު އައްސޭރީގެ އެކި ސިޓީތަކުގައެވެ. މީގެތެރޭގައި ގުދްސާއި ޖެނީން އަދި ނާބުލްސް އާއި އަލްޚަލީލު ހިމެނެއެވެ. މިހަތަރު ޒުވާނުންގެ ތެރެއިން 16 އަހަރާއި 17 އަހަރުގެ ޒުވާނުން ޝަހީދުކޮށްލީ ޚަލީލު ސިޓީގައެވެ. މި ދެ ޒުވާނުން ޝަހީދުކޮށްލީ ހުޅަނގުއައްސޭރި އިސްތިއުމާރުކޮށްގެން އުޅޭ އިސްރާއީލުގެ އިސްތިއުމާރީ ސިފައިންނާ ދެކޮޅަށް އޮއްގައު އުކުމުންނެވެ.

އިސްރާއީލު ސިފައިންވަނީ ނާބުލުސްއާއި ޚަލީލުގައި ހިންގި ޓެރަރިސްޓް ހަރަކާތްތަކުގައި 40 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށް އެތައް ބަޔަކު ހައްޔަރުވެސް ކޮށްފައެވެ. އިސްރާއީލުގެ މިޓެރަރިސްޓް ހަމަލާއަށްފަހު ފަލަސްތީނުގެ ރިޔާސަތުންވަނީ އިސްރާއީލަކީ އަދަބު ނުލިބޭ ޓެރަރިސްޓް ގައުމެއްކަމަށް ސިފަކޮށްފައެވެ.

ފަލަސްތީނުގެ ރިޔާސީ ތަރުޖަމާނު ނަބީލު އަބޫރުދައިނާ ވިދާޅުވިގޮތުގައި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ސްޓޭޓް ޓެރަރިޒަމާ ކުރިމަތިލައި މިނިވަންކަމަށް ޖިހާދުކުރުން ނޫންގޮތެއް ފަލަސްތީނަކަށް ނެތެވެ. ފަލަސްތީނުގެ އެންމެ ބާރުގަދަ ޖަމާއަތް ކަމަށްވާ ހަމާސް ޖަމާއަތުންވަނީ އިސްރާއީލުން ޣައްޒާގެ އުދުވާން މެދުކަނޑާލުމަށްފަހު ހުޅަނގު އައްސޭރީގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަންފެށީ ކަމަށް ބުނެ އިންޒާރުދީފައެވެ.

މިދިޔަ ހުކުރު ދުވަހުން ހޯމަ ދުވަހަށް އިސްރާއީލުން ވަނީ ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދީ ފަލަސްތީނުގެ 40އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް 200އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ. ފަލަސްތީނާ ދެކޮޅަށް އިސްރާއީލު ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ޓެރަރިޒަމްގެ އަމަލުތަކަށް އަދަބުދޭނެ ބައިނަލްއަގްވާމީ ފަރާތެއް އަދި މުއައްސަސާއެއް ނެތެވެ.

މީގެބަދަލުގައި އެމެރިކާއާއި ޔޫރަޕުން އިސްރާއީލުގެ ޓެރަރިޒަމާއި އިސްތިއުމާރަށް ދަނީ ވާގިވެރިވަމުންނެވެ. އެހެންކަމުން ފަލަސްތީނާ ދެކޮޅަށް ބޭނުން ކޮންމެ ޖަރީމާއެއް ހިންގައި ބޭނުންވަރަކަށް މީހުން މަރަން އިސްރާއީލު ކުޑަކޮށްވެސް ފަހެއް ނުޖެހެއެވެ.

comment ކޮމެންޓް