ޕާކިސްތާނުގެ ސިފައިންނަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއެއްގައި ސިފައިންގެ ބަޔަކު މަރާލައިފި

ޕާކިސްތާން ސިފައިންގެ އުޅަނދެއްގައި ސިފައިން ހަރަކާތްތެރިވަނީ

ވަޒީރުސްތާން (10 އޮގަސްޓް 2022): ޕާކިސްތާނުގެ ސިފައިންނަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއެއްގައި ސިފައިންގެ ހަތަރު މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.

ޕާކިސްތާން ސިފައިންގެ ތަރުޖަމާނަކު ވިދާޅުވިގޮތުގައި މި ހަމަލާދިނީ އެގައުމުގެ ހުޅަނގުގެ ވަޒީރުސްތާނުގައި އުޅޭ ޖަމާޢަތު އަލްއަޙްރާރު ނަމަކަށްކިޔާ ޓެރަރިސްޓް ޖަމާއަތަކުންނެވެ. ޖަމާޢަތު އަލްއަޙްރާރަކީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގު ގުޅޭ ވަޒީރުސްތާނުގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ޖަމާއަތެކެވެ.

ޕާކިސްތާން ސިފައިން ދާދި ފަހުން ވަނީ އެޖަމާއަތުގެ ކޮމާންޑަރެއް ކަމަށްވާ އުމަރު ޚާލިދު ޚުރަސާނީ މަރާލާފައެވެ. ޖަމާޢަތު އަލްއަޙްރާރުން ހަމަލާދިން ޕާކިސްތާން ސިފައިންގެ އުޅަނދު ދަތުރުކުރަމުން ދިޔައީ ވަޒީރުސްތާނުގެ ސަރަހައްދެއް ކަމަށްވާ މީރު ޢަލީގެ ހައިވޭއެއްގައެވެ. ހަމަލާދިނީ ބޮންހަރުކޮށްފައިވާ އުޅަނދު ޕާކިސްތާން ސިފައިންގެ އުޅަނދުގައި ޖައްސައި އެ ދެ އުޅަނދު އެކީގައި ގޮއްވާލައިގެންނެވެ.

ވަޒީރުސްތާނުގައި އުޅޭ ހަނގުރާމަވެރި ޖަމާއަތެއް

މި ހަމަލާއަށްފަހު ޕާކިސްތާން ސިފައިންވަނީ މީރު އަލީ ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ބޭނުމަކީ އެސަރަހައްދުގައި އުޅޭކަމަށް ބެލެވޭ ހަތިޔާރުއެޅި ހަނގުރާމަވެރިން ހިފައި ހައްޔަރު ކުރުމެވެ.

ވަޒީރުސްތާނުގެ ބައެއް ސަރަހައްދުތަކަކީ ހަތިޔާރުއެޅި ހަރުކަށި ޖަމާއަތްތަކުން ކޮންޓްރޯލްކުރާ ގަބީލާ ސަރަހައްދުތަކެވެ. މިފަދަ ބައެއް ސަރަހައްދުތަކުގައި ޕާކިސްތާން ސަރުކާރުގެ ކޮންޓްރޯލެއް ނޯވެއެވެ. އަދި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކަށްވެސް އެތަންތަނަށް ވަނުން ފަސޭހައެއް ނޫނެވެ. ވަންނަން ޖެހެނީ ބާރުގެ ބޭނުންކޮށްގެންނެވެ.

ޖަމާޢަތު އަލްއަޙްރާރަކީ، އަލްގާއިދާއާއި އައިއެސް ޖަމާއަތުން ގެންގުޅޭ ތަކްފީރީ ވިސްނުމުގެ ޓެރެރިސްޓް ޖަމާޢަތެކެވެ. ތަކްފީރީ ވިސްނުމުގެ ޖަމާއަތްތަކަކީ އެމީހުން ދީނީ ގޮތުން ކަންކަމުގައި ގެންގުޅޭ ރައުޔާ ޚިލާފުވާ ކޮންމެ ފަރާތަކީ މުސްލިމެއްކަމަށްވިޔަސް ކާފަރަކަށް ހަަދައި އެމީހެއްގެ ލޭ ހުއްދަކުރާ ހައްދު ފަހަނަޅާފައިވާ ވިސްނުމެވެ.

މިގޮތުން މުސްލިމުންގެ ތެރޭގައި ހިމެނޭ ސުންނަތް ޖަމާއަތުގެ ބައެއް މަޒުހަބުތަކުގެ މީހުންނާއި ސުންނަތް ޖަމާއަތަށް ނިސްބަތްނުވާ ޝިޔައީ މުސްލިމުންނަކީ ކާފަރުން ކަމުގައި ތަކްފީރީ ވިސްނުމުގެ މީހުން ހަދައި އެމީހުން މަރަމުން ގެންދެއެވެ.

ޖަމާއަތުލް އަޙްރާރުގެ ޓެރަރިސްޓް ހަމަލާތައް އަމާޒުކުރާ ފަރާތްތަކުގެ ތެރޭގައި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުގެ އިތުރުން ސޫފީ ފިކުރުގެ މުސްލިމުންނާއި ޝިޔައީ މުސްލިމުން ހިމެނެއެވެ. ޖަމާއަތުލް އަޙްރާރަކީ ޝިޔައީންގެ މިސްކިތްތަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތައް ދޭ ޖަމާއަތެކެވެ. ވަޒީރުސްތާނުގައި މިފަދަ އެތައް ޖަމާއަތެއް އުޅެއެވެ.

comment ކޮމެންޓް