މަންތާއިން އެއްބަސްވިގޮތާ އެއްގޮތަށް އަމަލުކުރޭ: ކުޑަހުވަދޫ ކައުންސިލް

މަންތާ އެއާގެ އެއާކްރާފްޓެއް --- ފޮޓޯ/ މަންތާ އެއާ--- ފޮޓޯ/ މަންތާ އެއާ

ދ. ކުޑަހުވަދޫން މާލެއަށް ބަލި މީހުން ގެނައުމުގެ އުސޫލަށް ބޮޑެތި ލުއިތަކެއް ދިނުމަށް މަންތާ އެއާއިން އެއްބަސްވިގޮތާ އެއްގޮތަށް އަމަލުކުރާ ކަމަށް ގަބޫލުކުރެވޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ހާޓްއެޓޭކެއް ޖެހިގެން ޒުވާނަކު އިތުރު ފަރުވާއަށް މާލެ ގެންނާނެ ގޮތެއް ނެތިގެން އެ ރަށު ރައްޔިތުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން އިހުތިޖާޖު ކޮށްފައެވެ. އެކަމާ ގުޅިގެން މަންތާ އެއާގެ އިސްވެރިން ވަނީ އެރަށު ކައުންސިލާއި ރައްޔިތުންނާ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ބައްދަލު ކޮށްފައެވެ.

ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެން ދިޔަ އެ ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް ނިންމާފައިވާއިރު އެންމެ މުހިއްމު އެއް ނިންމުމަކީ އެމަޖެންސީ ހާލަތުގައި ގެންދަން ޖެހޭ ބަލި މީހުން އިރުއޮއްސި ހައެއްގެ ކުރިން ނަމަ ސީޕްލޭންގައި ގެންދިއުމަށާއި ހައެއްގެ ފަހުން ނަމަ މޯލްޑިވިއަންއާ ގުޅިގެން ބަލިމީހާ ގެންދިއުމަށް ނިންމުމެވެ.

އެ ނިންމުމާ ބެހޭ ގޮތުން ކުޑަހުވަދު ކައުންސިލުގެ ރައީސް އިބްރާހީމް ފިކުރީ މިއަދު "ސަން"އަށް ވިދާޅުވީ، މަންތާއިން އެއްބަސްވިގޮތާ އެއްގޮތަށް އަމަލުކުރާކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ހަވަނަ ދުވަހުގެ ރޭވެސް ކުޑަކުއްޖަކު މާލޭ ފޮނުވާލަންވެގެން އުޅުނިން. އެކަމަށް ވެސް ވީ އެންމެ އަވަހަކަށް އެކުއްޖާ މާލެ ގެންދިއުމަށް މަންތާއިން އޮތީ ތައްޔާރަށް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފިކުރީ ވިދާޅުވީ ބަލިމީހުން އުފުލުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ދައުލަތުން އިންތިޒާމުތައް ހަމަޖައްސާފައި އޮންނަ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަމަށެވެ.

އެގޮތުން އާސަންދަ ލިބުމުގައިވެސް ދަތިތަކާއި ލަސްތަކެއް ކުރިމަތިވާ ކަމަށާއި އޭގެ ސަބަބަކަށް ވަނީ މަންތާ އާއި އާސަންދައާ ދެމެދު އެއްބަސްވުމެއް އަދި ހަދާފައިނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަހުވަދޫގައި މިދިޔަ ހޯމަ ދުވަހު ބޭއްވި އިހުތިޖާޖުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން 17 މީހަކު ހައްޔަރުކުރިއެވެ. އެ އެންމެންވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ދޫކޮށްލާފައެވެ.

އެ ހަމަނުޖެހުންތަކުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 14 މީހަކު ދޫކޮށްލާފައިވަނީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ޝަރުތުތަކަކާއެކުގައެވެ. އެހެން މީހުން ދޫކޮށްލީ ފުލުހުންނެވެ.

comment ކޮމެންޓް