އިސްލާމިކް ޖިހާދު ޖަމާއަތް ބަލި ނުކުރެވި ހަމަލާތައް ހުއްޓާލަން އިސްރާއީލު އެއްބަސްވެއްޖެ

އިސްރާއީލުން އިއްޔެ ޝަހީދު ކޮށްލި ފަލަސްތީނުގެ ތުއްތު ކުއްޖެއް

ޣައްޒާ (8 އޮގަސްޓް 2022) : އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ހުއްޓާލުމަށާ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ އިސްލާމިކް ޖިހާދު ޖަމާއަތުގެ ހުރިހާ ޝަރުތުތަކެއް ގަބޫލުކުރަން އެންމެ ފަހުން އިސްރާއީލު އެއްބަސްވެއްޖެއެވެ.

ހަމަލާތައް ހުއްޓާލުމަށް އިސްރާއީލު އެއްބަސްވީ މިސްރާއި ގަތަރު މެދުވެރިއަކަށް ވެގެން ކުރި ގިނަ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. ޣައްޒާގެ އާންމުން މެރުން ފިޔަވައި އެހެން ކަމެއް ކުރަން އިސްރާއީލުގެ އަސްކަރިއްޔާ ނުކުޅެދުމާ ގުޅިގެންނެވެ.

ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި ވަނީ ފަލަސްތީނުގެ ގަނޑިން ރޭ 23:00 ން ފެށިގެންނެވެ. ކުރިން އިސްރާއީލު ނިންމާފައިވަނީ އިސްލާމިކް ޖިހާދު ޖަމާއަތުން އިސްރާއީލަށް ދޭ ރޮކެޓް ޙަމަލާތައް ދިނުމުގެ ގާބިލްކަން އެޖަމާއަތުން އެއްކޮށް ކަނޑުވާލުމަށްފަހުގައި ނޫނީ ހަމަލާތައް ހުއްޓާނުލުމަށެވެ.

ނަމަވެސް ރޭ ހަމަލާތައް ހުއްޓާލަން އިސްރާއީލަށް މަޖުބޫރުވީ މި މަގުސަދު އެއްވެސް ވަރަކަށް ހާސިލް ނުވެއެވެ. މިދިޔަ ހުކުރުދުވަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ދޭންފެށި ހަމަލާތަކުގައި ޣައްޒާގެ އާންމުން ޝަހީދުކޮށް (ޚާއްސަކޮށް ކުޑަކުދިންނާއި އަންހެނުން) މަދަނީ އިމާރާތްތަކަށް ހަމަލާދިނުން ފިޔަވައި މާބޮޑު ކަމެއް އިސްރާއީލަށް ކުރެވިފައެއް ނުވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ޔައީރު ލެބެޑް

މަދަނީ އިމާރާތްތަކަށް ހަމަލާދީ އާންމުން މެރުމަކީ ހަތިޔާރު ހުރެއްޖެނަމަ އެއްވެސް ބަޔަކަށް ކުރަން އުނދަގޫ ކަމެއްނޫނެވެ. އެމެރިކާގެ ހަތިޔާރުން އިސްރާއީލު ހިންގަނީ މިޖަރީމާއެވެ. ކުރަން އެނގެނީ އަދި ކުރަންކެރެނީވެސް މިކަން ތަކެވެ. ފަލަސްތީނު މުޖާހިދުންނާ ކުރުމަތިލާން އިސްރާއީލު ބިރުގަނެއެވެ.

ތިން ދުވަހުގެ ހަމަލާތަކުން އިސްރާއީލަށް ޝަހީދުކޮށްލެވުނީ އިސްލާމިކް ޖިހާދު ޖަމާއަތުގެ އެންމެ މީހެކެވެ. އެއީ އެޖަމާއަތުގެ އިސް ކޮމާންޑަރެއްކަމަށްވާ ތައިސީރުލް ޖަޢްބަރީ އެވެ. މީގެއިތުރުން އެޖަމާއަތުގެ އިތުރު މީހަކު ޝަހީދުކޮށްލިކަމަށް އިސްރާއީލުން އަޑު އެރުވިއެވެ. ނަމަވެސް އެކަން ކަށަވަރު ވެފައެއް ނުވެއެވެ. އިސްލާމިކް ޖިހާދުން އެކަން ދޮގު ކުރެއެވެ.

އިސްރާއީލުން ހަމަލާތައް ހުއްޓާލިއިރުވެސް އިސްލާމިކް ޖިހާދު ޖަމާއަތުގެ ރޮކެޓްތައް ދިޔައީ އިސްރާއީލުގެ އެކި ކަންކޮޅުތަކަށް އޮއްސަމުންނެވެ. އެހަމަލާތަކުގެ ސަބަބުން ޣައްޒާގެ ވަށައިގެންވާ ސަރަހައްދުތަކަށް ވެރިވެގަނެ އެތަންތަނުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިން އުޅެންޖެހިފައިވަނީ ބިން ގަރާސްތަކުގައެވެ. ސްކޫލްތަކާއި އޮފީސްތަކުގެ މަސައްކަތްތައްވަނީ ހުއްޓާލާފައެވެ.

އިސްލާމިކް ޖިހާދު ޖަމާއަތުން ރޮކެޓް އުފައްދާ އެއްވެސް ކާރުޚާނާއެއް އިސްރާއީލަށް ހަލާކުކޮށްލެވިފައެއް ނުވެއެވެ. އެޖަމާއަތުގެ އަސްކަރީ އިންފްރާސްޓްރަކްޗާ އަށް ގެއްލުމެއް ދިނުމުގައި އިސްރާއީލު ގެ ބާރުގަދަ ކަމަށް ބުނާ އަސްކަރިއްޔާ ވަނީ މުޅިން ނާކާމިޔާބު ވެފައެވެ.

ހަނގުރާމަ ފެށުނީ އިސްރާއީލުން މިދިޔަ ހުކުރުދުވަހު ޣައްޒާގެ އެޕާޓްމަންޓް އިމާރާތަކަށް ކުއްލި ގޮތަކަށް ހަމަލާދީ އިސްލާމިކް ޖިހާދު ޖަމާއަތުގެ އިސް ކޮމާންޑަރެއްކަމަށްވާ ތައިސީރުލް ޖަޢްބަރީ ޝަހީދު ކޮށްލުމުންނެވެ. މި ހަމަލާގައި އިސްރާއީލުން ފަލަސްތީނުގެ އިތުރު 9 މީހުން ޝަހީދުކޮށްލިއެވެ. އޭގެތެރޭގައި 5 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ.

އެއަށްފަހުވެސް އިސްރާއީލުން މުޅިންވެސް ހަމަލާތައް ދީފައިވަނީ ޣައްޒާގެ އާންމުންގެ ގެދޮރަށާއި އެޕާޓްމަންޓް އިމާރާތްތަކަށެވެ. އިސްރާއީލުގެ ހަމަލާތަކުގައި 40 އަށް ވުރެ ގިނަ ފަލަސްތީނުގެ އާންމުން ޝަހީދުކޮށްލިއެވެ. މީގެތެރެއިން 49 މީހުންނަކީ އާންމުންނެވެ. ޒަޚަމްކޮށްލި މީހުންގެ އަދަދު 200 އަށްވުރެ ގިނައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްތީނުގެ ތުއްތު ކުއްޖެއް

އިސްރާއީލުން ތިން ދުވަހު ހަމަލާތައް ކުރިޔަށް ގެންދިޔައިރުވެސް އިސްލާމިކް ޖިހާދު ޖަމާއަތުން ރައްދުގައި އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތައް އެއްވެސް ވަރަކަށް ހުއްޓުވިފައެއް ނުވެއެވެ. ރޮކެޓް ހަމަލާތައް ފޮނުވާތަނަކަށް ބޮން އަޅައި ހަލާކުކޮށްލެވިފައެއްވެސް ނުވެއެވެ. އަދި ރޮކެޓްތައް ފޮނުވާތަންތަން އިސްރާއީލަށް ދެނެގަނެވިފައެއްވެސް ނުވެއެވެ.

މި ހަނގުރާމައިގެ ތެރެއަށް ފަލަސްތީނުގެ އެންމެ ބާރުގަދަ ޖަމައަތްކަމަށްވާ ހަމާސް ޖަމާއަތް ވަދެފައެއް ނުވެއެވެ. ހަނގުރާމައިގެ ތެރެއަށް ހަމާސް ވަދެފާނެތީ ހަމާސްގެ އެއްވެސް ތަނަކަށް ހަމަލާދޭން އިސްރާއީލަށް ކެރިފައެއް ނުވެއެވެ. އިސްލާމިކް ޖިހާދު ޖަމާއަތަށްވުރެ ހަމާސްގެ ރޮކެޓް ޓެކްނޮލޮޖީގެ ގާބިލްކަން އެތައް ގުނައެއް ބޮޑެވެ. އެހެން ކަމުން ހަނގުރާމައިގެ ތެރެއަށް ހަމާސް ވަތްނަމަ އިސްރާއީލަށް ކެތް ނުވީހެވެ.

ހަމާސް ހަނގުރާމައަށް ނުވަނީ ހަމާސް އަށް ހަމަލާދިނުމުގައި އިސްރާއީލަށް މާބޮޑު ކަމެއް ނުކުރެވުނު ނަމަވެސް ބަދަލު ހިފުމުގެ ގޮތުން ޣައްޒާގެ އާންމުންގެ ބޮލަށް އިސްރާއީލުން ބޮން އަޅައި އާންމުން މަރާވަރު ޑަބަލް ވެގެންދާނެތީއެވެ. އިސްރާއީލަކީ އެމެރިކާ ދޭ ހަތިޔާރު ފަލަސްތީނުގެ އާންމުންގެ ބޮލަށް އޮއްސަން ފިޔަވައި އެހެން ކަމެއް ކުރަން އެނގޭ ގައުމެއްނޫނެވެ. އީރާން ފަދަ ބާރުގަދަ ގައުމުތަކަށް އިންޒާރު ދިނުން ފިޔަވައި އެހެން ކަމެއް އިސްރާއީލަށް ކުރަން ކެރިފައެއް ނުވެއެވެ. އެންމެ ކުޑަވެގެން ލުބްނާނުގެ ބާރުގަދަ ހިޒްބުﷲ އާވެސް 2006 ވަނަ އަހަރަށްފަހު ކުރިމަތިލާން އިސްރާއީލަށް ކެރިފައެއް ނުވެއެވެ.

ފަލަސްތީނަށް އެމެރިކާގެ ހަތިޔާރު ލިބިއްޖެނަމަ އިސްރާއީލު ނައްތާލައި ފަލަސްތީނުގެ ބިން މިނިވަންކުރަން މަދު ހަފްތާކޮޅެއް ނޫނީ ނުނަގާނެއެވެ. އިސްރާއީލަކީ އެއްގަމު މަގުން ފަލަސްތީނުގެ މުޖާހިދުންނާ ކުރިމަތިލައި ހަނގުރާމަ ކުރަން ކެރޭ ސިފައިން ތިބި ގައުމެއް ނޫނެވެ.

އިސްލާމިކް ޖިހާދު ޖަމާއަތުން 3 ދުވަހުގެ ތެރޭގައި އިސްރާއީލަށް 560 ރޮކެޓް ފޮނުވާލާފައިވާއިރު އޭގެ ތެރެއިން 90 އިންސައްތަ ރޮކެޓް މިސައިލް އައްޑަނަ ބޭނުންކޮށްގެން ވައްޓާލިކަމަށް އިސްރާއީލު ބުނެފައިވެއެވެ. ނަމަވެސް 10 އިންސައްތަ މިސައިލް އިސްރާއީލުގެ އެކި ސަރަހައްދުތަކަށް އަރައި އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. ހަމާސް ގެ ރޮކެޓްތައް ވަރުގަދަ ވުމުން އިސްރާއީލަށް މަތަކުރެވެނީ ހަމާސްގެ ރޮކެޓްގެ 70 އިންސައްތަކަން ހަމާސް އާ ދެކޮޅަށް ކުރި ހަނގުރާމަ ތަކުންވަނީ ހާމަވެފައެވެ. ހިޒްބުﷲ ގެ ރޮކެޓްތައް ހަމާސްގެ ރޮކެޓް ތަކަށްވުރެވެސް މާ ވަރުގަދައެވެ. އެހެންކަމުން ހިޒްބުﷲ ދެކެ އިސްރާއީލު އިންތިހާއަށް ބިރު ގަނެއެވެ.

comment ކޮމެންޓް