ޑެންގީ ޖެހިގެން ހާލު ސީރިއަސްވި ކުއްޖާ ފަސޭހަވެއްޖެ، ނަމަވެސް ވޯޑުގައި އަދިވެސް ހަތަރު ކުދިން

އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދެމުން ދިޔަ އަހަރު ވެސް ނުވާ ކުޑަކުއްޖާ ބަލިން ފަސޭހަވެއްޖެއެވެ.

ޑެންގީ ޖެހިގެން އެ ކުއްޖާއަށް އައިސީޔޫގައި ފަރުވާދީފައިވާއިރު، އެ ކުއްޖާ އޭރު ހޮޑުލާއިރު ލޭ އައުމާ ގުޅިގެން ލޭ ވެސް އަޅަން ޖެހުނެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަޙްމަދު ފައިސަލް މިއަދު "ސަން"އަށް ވިދާޅުވީ އެ ކުއްޖާ މިހާރު ބަލިން ފަސޭހަވެއްޖެ ކަމަށެވެ. އަދި އެ ކުއްޖާ މިހާރު ގެއަށް ދޫކޮށްލާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޑެންގީ ޖެހިގެން މިވަގުތު އެއްވެސް ކުއްޖަކަށް އައިސީޔޫގައި ފަރުވާ ނުދޭ ކަމަށެވެ. ނަމަވެސް ވޯޑުގައި އަދިވެސް ހަތަރު ކުދިން އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަލި ޖެހިގެން މިއަހަރުގެ މިހާތަނަށް އެއް ކުއްޖަކު ވަނީ މަރުވެފައެވެ. އެކަން ފާހަގަކުރައް ޑރ. ފައިސަލް ވަނީ މަދިރި އާލާވިޔަ ނުދިނުމަށާ މަދިރި ހެފިޔަ ނުދިނުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މޭ މަހު ޑެންގީގެ 185 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 73 ކޭސް ރިޕޯޓުކޮށްފައި ވަނީ އެ މަހުގެ ފަހު ހަފުތާގައެވެ. އަދި މިދިޔަ ޖޫން މަހު ޑެންގީގެ 294 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 68 ކޭސް ރިޕޯޓު ކޮށްފައިވަނީ ޖޫން މަހުގެ ފަހު ހަފުތާގައެވެ.

އެޗްޕީއޭއިން ވަނީ، މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކޮށް، ފަތިސް ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތުގައި ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން މުހިންމު ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.

ޑެންގީ ޖެހިއްޖެ ނަމަ އަރާމު ކުރުމާއި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި ޕެރެސެޓެމޯލް ބޭނުން ކުރުމަކީ ގޭގައި ދެވިދާނެ ފަރުވާތަކެވެ.

ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

comment ކޮމެންޓް