މޫލީއަށް ތިން އަހަރު ފުރުން ފާހަގަކޮށްފި

އީ ކޮމާސް ޕްލެޓްފޯމް މޫލީން ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވާލަދީ، ރާއްޖެއަށް އޮންލައިން ވިޔަފާރިކުރުމުގެ ތަޖުރިބާއެއް ފޯރުކޮށްދޭތާ ތިން އަހަރު ފާހަގަކޮށްފިއެވެ.

މޫލީ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުއެވެ.

ފާއިތުވި ތިން އަހަރު ތެރޭގައި މޫލީން ވަނީ 20،000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދީފައެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް 18 ކެޓެގެރީއަކުން، 50އަށް ވުރެ ގިނަ ކުންފުންޏެއްގެ އެތައް އުފެއްދުމެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އޯޑަރުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބެއެވެ. އޭގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނު، ގެޔަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިންގް ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ހިމެނެއެވެ.

މޫލީގެ އަހަރީ ދުވަހާ ގުޅިގެން އެ ޕްލެޓްފޯމުން ވަނީ ވިޔަފާރި ކުރާ ފަރާތްތަކަށާއި ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި މިމަހުގެ ތެރޭގައި ހާއްސަ ހަދިޔާތަކާއެކު މުނިފޫހިފިލުވުމާއި އިންޓަރެކްޓިވް އޮންލައިން އެންގޭޖްމަންޓް ހަރަކާތްތަކެއް ރާވާފައިވާކަމަށް މޫލީން ވަނީ ފާހަގަކޮށްފައެވެ.

މޫލީން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދަނޑިވަޅުގައި ވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކަސްޓަމަރުންނާ ވިޔަފާރިތައް ގުޅުވާލަދީ، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުން ވާތަކެތި ހޯދުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

އެގޮތުން މޫލީން ވަނީ ކުދި ވިޔަފާރިތަކާ ވެސް ގުޅިގެން މަސައްކަތްކޮށްފައެވެ. އޭގެ ސަބަބުން ކުދި ވިޔަފާރިތަކަށް ވެސް ކައިރީގައާއި ދުރުގައިވާ ކަސްޓަމަރުންނާ އޮންލައިންކޮށް ގުޅުވާލަދީ ލޮކްޑައުންގެ ހާލަތުގައި ވިޔަފާރީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށް މަގުފަހިވިއެވެ.

މީގެ އިތުރުން މޫލީން ވަނީ ރޯދަ މަހާއި، ފިތުރު އީދު އަދި އަހަރު ނިމުމުގެ ސޭލްތައް ފާހަގަކޮށް ހާއްސަ ޑިސްކައުންޓްތަކަކާއެކު ޕްރޮމޯޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. ހަމަ އެފަދައިން މިއަހަރު މޫލީން ވަނީ ނޮވެލްޓީ ބުކްޝޮޕާއެކު ޕާޓްނާވެ، "ބެކް ޓު ސްކޫލް"ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލެނިވެރިންނަށް އޮންލައިންކޮށް ބުކްލިސްޓް ހޯދައި މުޅިން ހިލޭ ޑެލިވަރީ ފުރުސަތު ފަހިކޮށްދީފައެވެ.

މޫލީން އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެއެވެ.

އެ ޚިދުމަތްތަކާއެކު، ވިޔަފާރިތަކުން ރާއްޖޭގެ އެކި ހިސާބުތަކަށް އުފެއްދުންތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. މޫލީން ވަނީ ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިއަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް