އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަށް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިދިޔަ ހުކުރު ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި މި ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންގެ އާއިލާތަކުގެ ހިތާމައިގައި ބައިވެރިވާކަމަށް އެ ބަޔާނުގައިވެއެވެ.

މީގެއިތުރުން އެ ބަޔާނުގައި ވަނީ ޣައްޒާގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ހަތިޔާރެއްނެތް ރައްޔިތުންނާދެކޮޅަށް އިޒްރޭލުން އަމަލުކުރާގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި ފަލަސްތީނުގެ ބިންތައް އިޒްރޭލުން ހިފަމުންދަނީ އދ ގެ އާންމު މަޖިލީހުގެ ގަވާއިދުތަކާ ޚިލާފަށްކަމަށާއި، މައްސަލައަށް ހައްލެއްލިބޭނެކަމަށް ގަބޫލުކުރަނީ ދެ ދައުލަތުން ވެސް އެއްބަސްވުމަކަށް އައިސް، 1967 ވަނަ އަހަރުގެ ކުރިއަށް އޮތް ބޯޑަރާ އެއްގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެންކަމަށް އެ ބަޔާނުގައިވެއެވެ.

ސަރުކާރުން ވަނީ ރާއްޖެ އޮތީ ފަލަސްތީނާއެކުކަން ހާމަކޮށް ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތުކުރަނެކަން ކަށަވަރުކޮށްދީފައެވެ.

comment ކޮމެންޓް