ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރާއިގައި އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 552 މީހަކު މަރުވެއްޖެއެވެ.
ޕާކިސްތާނުގެ ނެޝަނަލް ޑިޒާސްޓާ މެނޭޖެމްނެޓް އޮތޯރިޓީ (އެންޑީއެމްއޭ)އާ ހަވާލާދީ އެގައުމުގެ ޑޯން ނޫހުގައިވާ ގޮތުން ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 500އަށް ވުރެ ގިނަ މީހުން މަރުވުމުގެ އިތުރުން 628 މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި އެގައުމުގެ އެކި ސަރަހައްދުތަކުން 46،200އަށް ވުރެ ގިނަ ގެޔަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި މިދިޔަ މަހަކީ ފާއިތުވި 30 އަހަރު ތެރޭގައި ޕާކިސްތާނަށް އެންމެ ގިނައިން ވާރޭ ވެހުނު މަހެވެ. އެގޮތުން މިދިޔަ 30 އަހަރު ކޮންމެ މަހަކު އެވަރެޖުކޮށް ވާރޭ ވެހޭ މިންވަރާ އަޅާ ބަލާއިރު މިދިޔަ މަހު 133 ޕަސެންޓު އިތުރަށް ވާރޭ ވެހުނު ކަމަށް އެ އިދާރާއިން ބުންޏެވެ.
ޕާކިސްތާނުން އެންމެ ބޮޑަށް ވާރޭ ވެހުނު ސަރަހައްދުތަކުގެ ތެރޭގައި ބަލޮޗިސްތާން ހިމެނެއެވެ. އެގޮތުން އެ ސަރަހައްދަށް އަހަރަކު އެވަރެޖުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ 305 ޕަސެންޓު އިތުރަށް މި ދުވަސްވަރު ވާރޭ ވެހުނު ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ބައެއް ސަރަހައްދުތަކަށް ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ޒިޔާރަތްކުރައްވާފައެވެ. އެމަނިކުފާނު ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ބެލުމަށް ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައްވާފައެވެ.
ޕާކިސްތާނުގެ ސަރުކާރުގެ އިދާރާތަކާއި ސިފައިން ގުޅިގެން މިހާރު ވަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި އަވަސް އެހީ ފޯރުކޮށްދޭ ކޭމްޕުތައް ހަދާފައެވެ. އަދި ހާލުގައި ޖެހިފައިވާ އާއިލާތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމާއި ކާނާއާއި ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ސިފައިން ދަނީ ކުރަމުންނެވެ.