ޝިއާއު މަރާލުމުގެ ތުހުމަތުގައި ޝާހިލް ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި: ފުލުހުން

ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާއު --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ހ. ޝީރީންވިލާގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލައް، ކުރި، ޝިއާއު މުޙައްމަދު ސަޢީދުގެ ގާތިލް ކަމަށް ބެލެވޭ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް، 22، ހައްޔަރު ކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާއު ވިދާޅުވީ ޝިއާއުއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ. އަދި ޝިއާއުއަށް ހަމަލާދިން ކަމަށް ބެލެވޭ ހަތިޔާރު ކުށުގެ ވެށިން ފެނިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ޝިއާއު މަރާލި މައްސަލާގައި މިވަގުތު ތުހުމަތު ކުރެވެނީ ޝާހިލް އަށް އެކަނި،" ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ޝިއާއު މަރާލި ސަބަބު ހާމަކުރަން އަދި ދަތި ކަމަށެވެ.

ޝިއާއު މަރާލި ކޮޓަރި އަކީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިލް ދިރިއުޅުނު ކޮޓަރި ކަމަށްވެސް ފުލުހުން ބުންޏެވެ. އެ ބައްދަލުވުމުގައި އެ މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައިނުވެއެވެ. ކޮންމެ ނޫސްވެރިއަކަށް ވެސް ފުރުސަތު ދީފައިވަނީ އެއް ސުވާލު ކުރުމަށެވެ.

ޝާހިލްގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ޝާހިލް ހައްޔަރު ކޮށްގެން ރޭ އެންމެ ފުރަތަމަ ގެންދިޔައީ ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ. އަދި ފަހުން އޭނާ ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.

ޝިއާއުުގެ ހަށިގަނޑު ރޭ ދަންވަރު ފުލުހުން ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ. ހާދިސާ ހިނގި ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިން މައުލޫމާތު ދިން ގޮތުގައި އެމްބިއުލާންސަށް އެރުވީ ދެ ބޮޑީބޭގެއް ވަކިންނެވެ. ފުލުހުން މިހާރު ވަނީ ޝިއާއުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައެވެ.

އެނގިފައިވާ ގޮތުގައި ހަމަލާގައި ޝިއާއުގެ ހަށިގަނޑުގެ ބައިތައް ވަނީ ވަކިކޮށްލާފައެވެ. އެގޮތުން، އޭނާގެ ބޮލާއި އަތާއި، ފައި އެއްކޮށް ބުރިކޮށްލާފައިވާއިރު، ކަރަށް ވެސް ވަނީ ފުން ހަމަލާތަކެއް ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް