ޝިއާއުގެ ގާތިލް ކަމަށް ބެލެވޭ ޝާހިލް ޝަރީއަތް ނިމެންދެން ބަންދަށް

ހ.ޝީރީންވިލާގައި ހިނގި މަރުގެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިލް، 22: އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ---

ހ. ޝީރީންވިލާގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ޏ. ފުވައްމުލަތް، ކުރި، ޝިއާއު މުޙައްމަދު ސަޢީދުގެ ގާތިލް ކަމަށް ބެލެވޭ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް، 22،ގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ 00:30 ހާއިރު އެ ހާދިސާ ހިނގި ތަނުންނެވެ. ނަމަވެސް ހައްޔަރު ކުރީ ކާކު ކަމެއް އަދި އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހިއްސާ ކޮށްފައެއް ނުވެއެވެ.

ނަމަވެސް 'ސަން'އަށް ކަށަވަރުވެފައިވާ ގޮތުގައި އެ އަނިޔާވެރި މަރާ ގުޅިގެން ރޭ ފުލުހުން ހައްޔަރު ކޮށްގެން ގެންގޮސްފައިވަނީ ޝާހިލްއެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ބާއްވަން ހަމަޖެހިފައިވާ އަޑުއެހުން, ފުލުހުން އެދިގެން ވަނީ ސިއްރު ކޮށްފައެވެ.

އެ އަޑުއެހުމުގައި ފުލުހުން އެދުނީ ޝަރީއަތް ނިމެންދެން ޝާހިލް ބަންދު ކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށެވެ. އަދި ފުލުހުން އެދުނު ގޮތަށް އެ އަމުރު ކްރިމިނަލް ކޯޓުން ވަނީ ނެރެދީފައެވެ.

ޝާހިލް ހައްޔަރު ކޮށްގެން ރޭ އެންމެ ފުރަތަމަ ގެންދިޔައީ ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ. އަދި ފަހުން އޭނާ ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.

ޝިއާއުުގެ ހަށިގަނޑު ރޭ ދަންވަރު ފުލުހުން ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ. ހާދިސާ ހިނގި ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިން މައުލޫމާތު ދިން ގޮތުން އެމްބިއުލާންސަށް އެރުވީ ދެ ބޮޑީބޭގެއް ވަކިންނެވެ.

އެނގިފައިވާ ގޮތުގައި ހަމަލާގައި ޝިއާއުގެ ހަށިގަނޑުގެ ބައިތައް ވަނީ ވަކިކޮށްލާފައެވެ. އެގޮތުން، އޭނާގެ އަތާއި، ފައި އެއްކޮށް ބުރިކޮށްލާފައިވާއިރު، ކަރަށް ވެސް ވަނީ ފުން ހަމަލާތަކެއް ދީފައެވެ.

comment ކޮމެންޓް