ހުޅަނގުގެ އެހީނެތްނަމަ ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލު ކަފުންކޮށްފައި ވަޅުލަން މާގިނަ ދުވަސްތަކެއް ނުނަގާނެ

އިސްރާއީލުގެ ބޮޑުވަޒީރު ލެބެޑް އެމެރިކާގެ ރައީސް ގެ ކައިރީގައި

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކާއި ފަށާފައިވާ ހަނގުރާމައިގާ ޣައްޒާގެ އާންމުން ދިރިއުޅޭ ތަންތަނަށް ވަރުގަދަ ޙަމަލާތަކެއްދީ ފަލަސްތީނުގެ އިތުރު ނުވަ މީހުން އިއްޔެވަނީ ޝަހީދު ކޮށްލާފައެވެ.

ޝަހީދުކޮށްލި ނުވަ މީހުންގެ ތެރޭގައި 75 އަހަރުގެ އަންހެނަކާއި ހަތަރު ކުޑަކުދިން ހިމެނެއެވެ. އެމެރިކާގައި އުފައްދާ ހަނގުރާމަމަތީ އެންމެ ވަރުގަދަ ފައިޓާ ޖެޓްތަކާއި ޑްރޯންތަކާއި ބޮޑުބަޑިތައް ބޭނުންކޮށްގެން ޣައްޒާގެ އާންމުން ދިރިއުޅޭ ގެތަކާއި އެޕާޓްމަންޓް އިމާރާތްތަކަށް އިސްރާއީލު ދެމުންގެންދާ ހަމަލާތަކުގައި އެތަންތަން ފުނޑުފުނޑުވެ ބިމާހަމަވަމުންދާއިރު އެތަންތަނުގެ ކޮންކްރީޓްތަކާއި ގައުތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ޣައްޒާގެ އާންމުންނާއި ފަލަސްތީނުގެ ރެޑް ކޮރެސެންޓް ޖަމްއިއްޔާއާ އަދި ސިވިލްޑިފެންސް ބާރުތަކުން ގެންދަނީ ކުރަމުންނެވެ.

އިސްރާއީލުގެ ފައިޓާ ޖެޓްތަކާއި ޑްރޯންތަކާ އަދި ބޮޑުބަޑިތަކުން ޣައްޒާއަށް އިއްޔެ ދިން ހަމަލާތަކުގައި ނުވަ މީހުން ޝަހީދުކޮށްލާފައިވާއިރު 80 މީހުން ޒަޚަމްވެފައިވާކަމަށް ޣައްޒާގެ ސިއްހަތާބެހޭ އިދާރާއިން ބުނެއެވެ. ޒަޚަމްވި މީހުންގެ އަދަދު ގިނަކަމުން ޣައްޒާގެ ހޮސްޕިޓަލްތައްވަނީ ފުރިފައެވެ.

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލްކަމަށްވާ އައްޝިފާ ހޮސްޕިޓަލުންވަނީ މިހާ ގިނަބަޔަކަށް ފަރުވާދޭން ޖެހުމުން އެކި ބާވަތުގެ ބޭހާއި ބެންޑޭޖާއި އެނޫންވެސް ތަކެތި ހުސްވަމުންދާކަމަށް ބުނެފައެވެ.

މިދިޔަ ހުކުރުދުވަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށުމަށްޓަކައި އެންމެ ފުރަތަމަ ހަމަލާދިނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތެއްކަމަށްވާ އިސްލާމިކް ޖިހާދު ޖަމާއަތުގެ މަރުކަޒަކަށެވެ. އެއަށްފަހު އެޖަމާއަތުގެ ކޮމާންޑަރެއްކަމަށްވާ ތައިސީރު އަލްޖަޢްބަރީ ދރިއުޅުއްވާ އެޕާޓްމަންޓަށް ޙަމަލާދީ އޭނާ ޝަހީދުކޮށްލިއެވެ. އެހަމަލާގައި ޖަޢްބަރީގެ އިތުރުން ފަލަސްތީނުގެ ފަސް އަހަރުގެ އަންހެން ކުއްޖަކާ އިތުރު އަށް މީހުން ޝަހީދުކޮށްލިއެވެ. އަދި 40 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލިއެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާދެނީ

އެހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިސްލާމިކް ޖިހާދު ޖަމާއަތުންވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވްއަށާއި ޣައްޒާގެ ކައިރީގައި ޣައިރު ގާނޫނީ ގޮތުން އިސްރާއީލު ބިނާކޮށްފައިވާ ޔަހޫދީ އަވަށްތަކަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތައް ދީފައެވެ.

އިސްރާއީލުގެ މިސައިލް އައްޑަނައިގެ ނިޒާމުން މީގެ ގިނަ ރޮކެޓްތައް މަތަކޮށް ވައްޓާލިނަމަވެސް އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ވިއްސަކަށް ރޮކެޓް އަރާފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އިސްރާއީލުގެ މީޑިއާއިންވަނީ ޣައްޒާގެ ކައިރީގައިވާ އިސްރާއީލުގެ ކާރުޚާނާއަކަށާ އަދި ތަންކޮޅެއް ދުރުގައިވާ ރަށެއްކަމަށްވާ ސިދްރޯތުގައިވާ އިސްރާއީލުގެ ބޮޑު އިމާރާތަކަށް ފަލަސްތީނުގެ ރޮކެޓްތަކެއް އަމާޒުވެ އަލިފާން ހިފާފައިވާ ކަމަށް އެއްބަސްވެފައެވެ.

އިސްލާމިކް ޖިހާދު ޖަމާއަތުގެ ރޮކެޓް ހަމަލާތަކާ ގުޅިގެން ޣައްޒާގެ ކައިރީގައިވާ އިސްރާއީލުގެ ޔަހޫދީ އަވަށްތައްވަނީ މުޅިން ފަޅުވެފައެވެ. އެތަންތަނުގައި ދިރިއުޅޭ ޔަހޫދީންވަނީ ބިންގަރާސްތަކަށް ވަދެ ފިލާފައެވެ. ސްކޫލްތަކުގެ ކިޔެވުންވަނީ ހުއްޓާލާފައެވެ. އިގްތިސާދީ އަދި ވިޔަފާރީގެ މުއާމަލާތްތައްވެސްވަނީ ހުއްޓާލާފައެވެ.

އަނެއްކޮޅުން އިއްޔެ އިސްރާއީލުން ޣައްޒާއަށް ހަމަލާދީ ނުވަ މީހުން ޝަހީދުކޮށްލި ޖަރީމާއަށް ބަދަލު ހިފުމުގެ ގޮތުން އިސްލާމިކް ޖިހާދު ޖަމާއަތުންވަނީ ޓެލްއަވީވް އަށާއި އިސްރާއީލުގެ އެންމެ ބޮޑު އެއާޕޯޓްކަމަށްވާ ޓެލްއަވީވުގެ ބެންގޯރިއަން އެއާޕޯޓަށް އަމާޒުކޮށް އިތުރު 60 އަށްވުރެ ގިނަ ރޮކެޓް ހަމަލާދީފައެވެ.

މީގެތެރެއިން ބައެއް ރޮކެޓްތައް ވައްޓާލިނަމަވެސް ވައްޓާނުލެވޭ ރޮކެޓްތައް ބެންގޯރިއަން އެއާޕޯޓާ ކައިރި ހިސާބުތަކަށް ވެއްޓިފައިވެއެވެ. މިއާއެކު ބެންގޯރިއަން އެއާޕޯޓަށް ދަތުރުކުރާ ފްލައިޓްތަކާއި އެތަނުން ނައްޓާލާ ފްލައިޓްތަކުގެ އަދަދުވަނީ ވަރަށްބޮޑަށް މަދުވެފައެވެ. އަދި އިސްރާއީލަށް ދަތުރުކުރާ ހުރިހާ ފްލައިޓްތަކެއްގެ މިސްރާބުވަނީ ބަދަލުކޮށްފައެވެ.

އެމެރިކާއިން އިސްރާއީލަށް އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ހަތިޔާރުތައް ފޯރުކޮށްދޭއިރު ފަލަސްތީނަށް ހަތިޔާރު ފޯރުކޮށްދިނުމާއި ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ޓެރަރިޒަމް ކަމަށް ބުނެ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ގެންދަނީ ފަލަސްތީނަށް އެހީތެރި ނުވުމަށް ގައުމުތަކަށް ބިރު ދައްކަމުންނެވެ.

އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަކީ ރަޝިއާ ޔުކްރެއިންއަށް އަރައިގަތުމުން ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ޔުކްރެއިންއަށް ހަތިޔާރު ފޯރުކޮށްދީ މާލީގޮތުންނާއި އެނޫން ގޮތްގޮތުން ޔުކްރެއިންއަށް އެންމެ ބޮޑަށް އެހީތެރިވާ ގައުމުތަކެވެ. ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ހިންގަނީ އުދުވާން ކަމަށް ބުނެ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައްވެސް އަޅައިފައެވެ.

ނަމަވެސް އިސްރާއީލާ ޖެހުމުން އެމެރިކާއާއި ޔޫރަޕް މުއާމަލާތް ކުރަނީ މުޅިން ތަފާތު ގޮތަކަށެވެ. އިސްރާއީލުން ފަލަސްތީނަށް އަރައިގަނެ ފަލަސްތީނާ ދެކޮޅަށް އުދުވާން ހިންގާ މައްސަލާގައި ހުޅަނގުން ކަން ކުރަމުން ގެންދަނީ މިއާ ދިމާއިދިކޮޅަށެވެ. ފަލަސްތީނަށް ވެރިވެގަނެގެން އުޅޭ އިސްރާއީލަށް އެހީތެރިވެފައި ފަލަސްތީނު މިނިވަންކުރަން މަސައްކަތްކުރާ ކޮންމެ ކަމެއް ޓެރިޒަމް ގެ އަމަލެއްގެ ގޮތުގައި ސިފަކުރަނީއެވެ. ފަލަސްތީނުގެ ރައްޔިތުން ނިކަމެތިކޮށްލަނީއެވެ. އިސްރާއީލުގެ އަނިޔާވެރިކަމާއި އުދުވާނަށް އެހީތެރިވަނީއެވެ.

އިސްރާއީލަށް ހަތިޔާރާއި އިގްތިސާދީ އެހީތެރިކަމާއި ޓެކްނޮލޮޖީ ފޮރުކޮށްދީ ފަލަސްތީނުގެ މިނިވަންކަމަށް ހުރަސްއަޅައި އަނިޔާ ލިބޭ ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދިނުމަށް އިސްރާއީލަށް ވާގިވެރިވަނީއެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގާ އުދުވާނުގައި މިހާތަނަށް އިސްރާއީލަށް ރައްދު ދެނީ ހަމައެކަނި އިސްލާމިކް ޖިހާދު ޖަމާއަތުންނެވެ. ފަލަސްތީނުގެ އެންމެ ބާރުގަދަ ޖަމާއަތްކަމަށްވާ ހަމާސް ޖަމާއަތް މިހަނގުރާމައިގެ ތެރެއަށް އަދި ނުވަދެއެވެ. ނަމަވެސް ހަމާސް ގެންދަނީ އިސްލާމިކް ޖިހާދު ޖަމާއަތަށް އެހީތެރިވަމުންނެވެ. ބެލެވޭގޮތުގައި ހަމާސް އަދި ހަނގުރާމައަށް ނުވަންނަނީ އިސްރާއީލުން ހަނގުރާމަ އިތުރަށް ފުޅާކޮށްފާނެތީއެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި އިސްރާއީލުން ޣައްޒާއަށް ވައިގެ މަގުން ހަމަލާދީ އާންމުންގެ ގިނަ ބަޔަކު ޝަހީދު ކޮށްލުމަށްފަހު ހަފްތާއެއް ނޫނީ ދެހަފްތާ ތެރޭގައި ހަމަލާތައް ހުއްޓާލާނެއެވެ. އެއީ ޣައްޒާއަށް އެއްގަމު މަގުން އަރައި ހަނގުރާމަ ކުރުމުގެ ގާބިލްކަން އިސްރާއީލު ސިފައިންގެ ކިބާގައި ނުހުންނާނެތީއެވެ. އެވަރުގެ މޭންޕަވާއާއި ހިއްވަރު އިސްރާއީލުގެ ޔަހޫދީންގެ ކިބާގައި ނެތެވެ.

މީގެކުރިން އިސްރާއީލު ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމަ ތަކުގައިވެސް އެއްގަމުން ޣައްޒާއަށް އަރައިގަންނަން ކުރި ހުރިހާ މަސައްކަތެއްވަނީ ނާކާމިޔާބުވެފައެވެ. އިސްރާއީލު ސިފައިންނަކީ ދުރުގައި ތިބެފައި އެމެރިކާގެ ޒަމާނީ މަތިންދާބޯޓުތައް ފޮނުވައިގެން ބޮން އެޅުންނޫން އެހެންކަމަކަށް ގާބިލް ބައެއްނޫނެވެ. ބާރުހުރި ފަރާތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަކީވެސް އެމެރިކާ ގޮތަށް އިސްރާއީލަށްވެސް ކުރަން ކެރޭ ކަމެއްނޫނެވެ.

ފަލަސްތީނާއި ލުބްނާން އަދި ސޫރިޔާގައި އިސްރާއީލު ކުރި ހަނގުރާމަތަކުންވަނީ މިކަން ސާބިތުވެފައެވެ. ދެކުނު ލުބްނާން ހިފައިގެން އިސްރާއީލު އޮތް އޮތުން ނިމުމަކަށް ގެނައީ ހިޒްބުﷲ ގެ މުޖާހިދުންނެވެ. އީރާނުން ދިން ހަތިޔާރާއެކު ހިޒްބުﷲ ގެ މުޖާހިދުންނާ އެއްގަމު މަގުން ދެކުނު ލުންބާނުގައި އިސްރާއީލު ސިފައިންނާ ކުރިމަތިލުމުން އިސްރާއީލު ސިފައިން ގިނަ އަދަދަކަށް މަރުވާން ފެށުމުން ލަސްތަކެއް ނުވެ އެތަނުން އިސްރާއީލުވަނީ ފައިބާފައެވެ.

އިސްރާއީލަށް ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ސޫރިޔާގެ ގޯލާން ފަދަ ބިންތައް ހިފުނީވެސް ހަނގުރާމައަކާ ނުލައެވެ. 1976 ގެ ހަނގުރާމައިގާ އަރަބި ލަޝްކަރުތަކުގެ ރޭވުންތެރިކަން ނެތުމާއި ޚިޔާނާތްތެރިން ޚިޔާނާތްތެެރި ވުމުންނެވެ.

އިސްރާއީލުން މިހާތަނަށް ޣައްޒާއާ ދެކޮޅަށް 6 ފަހަރު ހަނގުރާމަ ކުރިއިރުވެސް އެއިން އެއްވެސް ހަނގުރާމައެއްގެ މަގްސަދު ހާސިލް ވެފައެއް ނުވެއެވެ. އެއީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތައް ބަލިކޮށްލުމެވެ. މިފަހަރުވެސް އެކަމެއް ނުވާނެއެވެ. އެއީ ޣައްޒާއަށް އެއްގަމު މަގުން އަރަން އިސްރާއީލަށް ނުކެރޭނެތީއެވެ. އަރައިފިނަމަ އިސްރާއީލު ސިފައިންގެ އެތަށް ސަތޭކަ ބަޔަކު މަރުވެ އިތުރުބަޔަކު ފަލަސްތީނުގެ ޖަމާއަތްތަކުގެ އަތްދަށުގައި އަސީރުންގެ ގޮތުގައި ހައްޔަރު ވާނެތީއެވެ.

ހަނގުރާމަކުރަ ކޮންމެ ފަހަރަކުވެސް ހަނގުރާމަ ހުއްޓާލަން އިސްރާއީލަށް ޖެހިފައިވަނީ ފަލަސްތީނުގެ ޖަމާއަތްތަކުން ދޭ ރޮކެޓް ހަމަލާތައްވެސް ހުއްޓުވުމުގައި ނާކާމިޔާބު ވެގެންނެވެ. ނަމަވެސް ހަނގުރާމަ ފަށަނީ ފަލަސްތީނުގެ ޖަމާއަތްތައް ބަލިކުރާނެކަމުގެ އަޑުތައް އެރުވުމަށްފަހުއެވެ. މިފަހަރުވެސް ވާނީ މިހެންނެވެ.

އެމެރިކާއާއި ޔޫރަޕްގެ އެހީ ނެތްނަމަ އިސްރާއީލެވެކިޔާ ޔަހޫދީ އިސްތިއުމާރީ ޣައިރު ގާނޫނީ އެންޓިޓީ ކަފުންކޮށްފައި ވަޅުލައި ފަލަސްތީނު މިނވަން ކުރުމަކީ ފަލަސްތީނުގެ ޖަމާއަތްތަކަށް އުނދަގޫ ކަމެއް ނޫނެވެ. އިސްރާއީލުގެ އަނިޔާވެރިކަމާއި ޓެރަރިޒަމާ އަދި އިސްތިއުމާރުގެ ފަހަތުގައި އޮތީ ހުޅަނގެވެ. އެމެރިކާއާއި ހުޅަނގު ޔޫރަޕްގެ ގައުމުތަކެވެ.

comment ކޮމެންޓް