ޕީޖީ ޝަމީމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ހުއްޓާލައިފި

ޕީޖީ ހުސައިން ޝަމީމް: އޭނާ މަގާމުން ވަކިކުރަން ކުރަމުން އައި މަސައްކަތް ވަނީ ހުއްޓާލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސިކިއުޓާ ޖެނެރަލް ޙުސައިން ޝަމީމްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، އޭނާ މަގާމުން ވަކި ކުރުމަށް ޓަކައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ކުރަމުން އައި މަސައްކަތް ހުއްޓާލައިފިއެވެ.

ޕީޖީ ޝަމީމް، މަގާމުން ވަކި ކުރަން އެމްޑީޕީގެ 65 މެންބަރުން ތިބޭ ޕާލިމެންޓަރީ ގުރޫޕުން ފާސް ކުރީ މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.

ޕީޖީ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ 65 މެންބަރުން ތިބޭ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.

އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން، އެ ޕާޓީގެ ބައެއް މެންބަރުން ނިންމީ ޕީޖީ އަދާ ކުރަންޖެހޭ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ނުކުރެވޭ ކަމަށް ބުނެއެވެ. އޮގޮތުން ސީރިއަސް މައްސަލަތަކުގައި ދައުވާ ނުކުރެވުމާއި ނުބައިކޮށް މުއްދަތު ގުނުން ފަދަ ކަންކަން ފާހަގަ ކޮށްފައިވެއެވެ.

އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުގެ މެންބަރަކު "ސަން"އަށް މިއަދު ވިދާޅުވީ ޕީޖީ ޝަމީމުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށެވެ.

އެ މެންބަރު ވިދާޅުވީ ޕީޖީ މަގާމުން ވަކި ކުރުމަށް، މީގެ ކުރިން ވަކާލާތު ކުރެއްވި ބޭފުޅުންގެ ޚިޔާލު ވެސް މިހާރު ބަދަލު ވެފައިވާ ކަމަށެވެ.

"ޕީޖީ ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ރައީސް [އިބްރާހީމް މުޙައްމަދު] ޞާލިޙާއި މަޖިލީހުގެ ރައީސް، ނަޝީދު ވެސް ބޭނުންފުޅެއް ނުވޭ،" އެ މެންބަރު ވިދާޅުވިއެވެ.

ވަކި ހިސާބަކުން ޕީޖީ ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަނާޅަން ނިންމީ ކީއްވެ ކަމެއް ސާފެއްނުވެއެވެ.

ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމި ނިންމުމާ ދެކޮޅަށް އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހިމެނޭގޮތަށް އެމަނިކުފާނަށް ތާއީދު ކުރައްވާ 18 މެންބަރަކު ނިކުންނެވިއެވެ.

comment ކޮމެންޓް