އެޑްވަޓޯރިއަލް: އިންޝުއަރަންސެއް ގަތުމަށް ޓިޕްސް ކޮޅެއް

މާލޭގެ އިމާރާތްތަކެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އިންޝުއަރަންސެއް ގަތުމަށް ޓިޕްސް ކޮޅެއް

އިންޝުއަރަންސަކީ ރައްކާވެތިބެ ދަތުރަށް ފުރުމެވެ. ހުން އަންނާނެކަމަށް ރަޖާލާ އެކަމަށް ތައްޔާރުވުމެވެ. ބޮޑު ގެއްލުމެއް ލިބުމުގެ ކުރިން އެކަމާ ކުރިމަތިލުމަށް ހުށިޔާރުވުމެވެ. ކޮންމެވެސް ސަބަބަކާ ހުރެ ތިމާއަށް ލިބެމުންދާ އާމްދަނީ ހުއްޓެން މެދުވެރިވެދާނެތީ، އެ ދުވަހަކަށް ތައްޔާރުވެ ތިމާއާއި އާއިލާގެ މުސްތަގުބަލަށް ޓަކައި ކުރާ އިންވެސްޓްމަންޓެކެވެ. ފައިދާތައް ނުހަނު ބޮޑެވެ. ގެދޮރާއި މުދަލާއި ސިއްހަތާއި އެހެނިހެން ކަންކަމާއި ތަކެއްޗަށް ވެސް ރައްކާތެރިކަން މިއިން ފޯރުކޮށްދެއެވެ.

ތިރީގައި މިވަނީ އިންޝުއަރަންސެއް ގަތުމުގެ ކުރިން ވިސްނާލަން ބޭނުންތެރި ބައެއް ކަންކަމެވެ.

ފައިދާތައް އަޅާކިޔާލާ

ރާއްޖޭގައި އިންޝުއަރަންސްގެ ހިދުމަތް ފޯރުކޮށްދޭ ޕްރޮވައިޑަރުން އެކިއެކި ހާލަތްތަކަށް އަމާޒުކޮށް އެކިއެކި ޕްލޭންތައް ވިއްކައެވެ. މިގޮތުން އިންޝުއަރަންސް ޕްލޭނެއް ގަތުމުގެ ކުރިން، އެކިއެކި ޕްލޭންތަކުގެ ކަވަރޭޖުތައް ބަލާލާ އަޅާކިޔާލުން ވަރަށް ބޭނުންތެރިއެވެ. މިކަމުގެ ބޭނުމަކީ އެންމެ ބޮޑު ފައިދާއެއް ނުވަތަ ކަވަރޭޖެއް ލިބޭ ޕްލޭނަކީ ކޮބާކަން ހޯދުމެވެ. އަބަދު ވެސް ހިޔާރުކުރަން ވާނީ ތިމާގެ ބޭނުންތަކަށް އެންމެ އެކަށޭނަ ޕްލޭނެކެވެ. އިތުރު މައުލޫމާތު ބޭނުންވާނަމަ އިންޝުއަރަންސް ޕްރޮވައިޑަރަށް ގުޅައިގެން ވެސް ކަންކަން ސާފުކުރައްވާށެވެ.

ޑިޑަކްޓިބަލްއަށް ސަމާލުވާތި

އިންޝުއަރަންސްގެ މުއާމަލާތް ހިނގަނީ އިންޝުއަރަންސް ގަންނަ ފަރާތާއި އިންޝުއަރަންސް ޕްރޮވައިޑަރުން ކުރެ ދެ ފަރާތުގެ ޒިންމާ ވެސް ހިމެނޭ ގޮތަށެވެ. އެގޮތުން ޑިޑަކްޓިބަލްއަކީ ގަންނަ ފަރާތުން ޒިންމާވާންޖެހޭ މިންވަރަށް ކިޔާ ނަމެވެ. މިސާލަކަށް، ހެލްތު އިންޝުއަރަންސް ބޭނުންކުރާ ނަމަ ސިއްހީ ފަރުވާއަށް އިންޝުއަރަންސް ޕްރޮވައިޑަރު ދޭ ހަރަދާއެކު ތިމާ ވެސް ކޮންމެވެސް ވަރެއްގެ ކުޑަ ހަރަދެއް ކުރަން ޖެހެއެވެ. އެއީ އެ ހިދުމަތުގެ ޑިޑަކްޓިބަލް ނުވަތަ ހެލްތް އިންޝުއަރަންސް ހިދުމަތުގައި ނަމަ، ކޯ-އިންޝުއަރަންސެވެ.

ކޮންމެ އިންޝުއަރަންސް ޕްލޭނެއްގައި ވެސް ޑިޑަކްޓިބަލްއެއް ހިމެނޭނެއެވެ. އެކަމަކު އެކި އިންޝުއަރަންސް ޕްރޮވައިޑަރުންނާއި އެކި ޕްލޭންތަކުގައި ޑިޑަކްޓިބަލްގެ މިންވަރު ތަފާތުވެދާނެއެވެ. އަގުހެޔޮކޮށް ގަންނަން ލިބޭ އިންޝުއަރަންސް ޕްލޭނެއްގައި ޑިޑަކްޓިބަލްގެ ގޮތުގައި ތިމާ ދައްކަންޖެހޭ މިންވަރު ހީކުރި ވަރަށް ވުރެ ބޮޑު ވެސް ވެދާނެއެވެ. އެހެންކަމުން އިންޝުއަރަންސް ޕްލޭނެއް ގަތުމުގެ ކުރިން މި މައުލޫމާތު ސާފުކޮށްލުން ވަރަށް ބޭނުންތެރިއެވެ.

ސައްހަ މައުލޫމާތު

އިންޝުއަރަންސް ޕްލޭންތަކުގައި ގިނަ ގިންތިތަކެއް ހިމެނުމަކީ އާންމު ކަމެކެވެ. ސަބަބަކީ ކަސްޓަމަރުންގެ ބޭނުންތައް ތަފާތުވުމާއި އެކި ބޭނުންތަކަށް ފެތޭނެ ޕްލޭންތައް ކަސްޓަމަރުންނަށް ހުށަހެޅުމެވެ. ތިމާއަށް އެންމެ އެކަށޭނަ އިންޝުއަރަންސް ޕްލޭނެއް އައިޑެންޓިފައި ކުރުމަށާއި ހިޔާރުކުރުމަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ ސައްހަ މައުލޫމާތެވެ. މިސާލަކަށް، ހޯމް އިންޝުއަރަންސް ޕްލޭނެއް ގަންނަން ބޭނުންވާ ނަމަ އިންޝުއާކުރާ މުދަލުގެ ސައްހަ އަގާއި މައުލޫމާތު ލިޔަން ވާނެއެވެ. ނުރަނގަޅު މައުލޫމާތު ދެވިއްޖެ ނަމަ އެންމެ އެކަށޭނަ ކަވަރޭޖު ނުލިބިދާނެއެވެ. ނުވަތަ ޕްލޭން ގަތުމަށް މާ ބޮޑު އަގެއް (ޕްރީމިއަމްއެއް) ދައްކަން ވެސް ޖެހިދާނެއެވެ. އެހެންކަމުން މިކަމަށް ސަމާލުވުން މުހިންމެވެ.

"ރީޑް ދަ ފައިންޕްރިންޓް"

އިންޝުއަރަންސްގެ ހިދުމަތަކީ ވަރަށް "ސްޕެސިފިކް" ހިދުމަތެކެވެ. ބައްލަވައިގަންނަވާ ޕްލޭނުގައި ހިމެނޭ ފައިދާތަކުގެ އިތުރުން އިތުރު ކަވަރޭޖެއް ނުހިމެނޭނެއެވެ. އިންޝުއަރަންސްގެ ރައްކާތެރިކަން ލިބޭ ހާލަތްތައް ޕްލޭނުގައި ބަޔާންކުރެވިފައި ހުރެއެވެ. އެހެންކަމުން އެ ރައްކާތެރިކަން ލިބޭ ހާލަތްތަކާއި އިސްތިސްނާވާ ކަންތައްތަކަކީ ކޮބާކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. އިންޝުއަރަންސް ޕޮލިސީ ބައްލަވައިގަންނަވާ އިރު އެ ޕޮލިސީގައި ހިމެނޭ ހުރިހާ ކަމެއް ފަރުވާތެރިކަމާއެކު ކިޔުއްވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

comment ކޮމެންޓް