އަމިއްލަ ނަފްސުގެ ދިފާއުގައި ފަލަސްތީނުން އިސްރާއީލަށް 100 އަށްވުރެ ގިނަ ރޮކެޓް ހަމަލާދީފި

ޣައްޒާ (6 އޮގަސްޓް 2022): އިސްރާއީލުން އިއްޔެ ޣައްޒާއަށް ވަރުގަދަ ޙަމަލާތަކެއްދީ ފަލަސްތީނުގެ ދިހަ މީހުން ޝަހީދުކޮށްލުމުން އަމިއްލަ ނަފްސުގެ ދިފާއުގައި ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުން އިސްރާއީލަށް ސަތޭކަ އަށްވުރެ ގިނަ ރޮކެޓް ހަމަލާދީފިއެވެ.

ފަލަސްތީނުގެ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ ހަތަރު މީހަކު ޒަޚަމްވެ ހޮސްޕިޓަލަށް ގެންދަންޖެހުނު ކަމަށާއި އިތުރު 40 މީހުންނަށް އެކިވަރުގެ ގެއްލުންތައް ލިބި އަވަސް ފަރުވާދޭންޖެހުނު ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

އިސްރާއީލުން އިއްޔެ ޣައްޒާއަށް ދިން އުދުވާނީ ހަމަލާތަކުގައި ޝަހީދު ވި ދިހަ މީހުންގެ ތެރޭގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އިސްލާމިކް ޖިހާދު ޖަމާއަތުގެ އަސްކަރީ ކޮމާންޑަރެއްކަމަށްވާ ތައިސީރު އަލްޖަޢްބަރީ އާއި ފަސް އަހަރުގެ އަންހެން ކުއްޖަކު ހިމެނެއެވެ.

މީގެ އިތުރުން އިސްރާއިލުގެ އުދުވާނުގައި ފަލަސްތީނުގެ 40 މީހުން ޒަޚަމްވެފައިވެއެވެ. އިސްރާއީލުގެ ސިފައިން ބުނިގޮތުގައި އެމީހުން ގެންދަނީ ޣައްޒާއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރުމަށް ތައްޔާރުވަމުންނެވެ.

އިސްރާއީލު ސިފައިންގެ އެންމެ މަތީ ކޮމާންޑުންވަނީ ރިޒާވް ސިފައިންގެ 25 ސިފައިން ޚިދުމަތަށް ނުކުތުމަށް އަމުރުކޮށްފައެވެ. ނަމަވެސް އެެމެރިކާ އިސްރާއީލަށް ދީފައިވާ ފައިޓާޖެޓް ބޭނުންކޮށްގެން ވައިގެ މަގުން ޣައްޒާއަށް ހަމަލާދީ ތަންތަން ހަލާކުކުރުން ފިޔަވައި އިސްރާއީލަށް އެހެން ކަމެއް ނުކުރެވޭނެ ކަމަށާ ކުރަންވެސް ނުކެރޭނެކަމަށް ފަލަސްތީނުގެ ޖަމާއަތްތަކުން ބުނެއެވެ.

ދެހާސް ނުވަ ވަނަ އަހަރަށްފަހު އިސްރާއީލުން ވަނީ ފަސް ފަހަރެއްގެ މަތިން ޣައްޒާއަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން ހަމަލާދީ އުދުވާންތައް ހިންގާފައެވެ. މިއިން އެއްފަހަރުވެސް އެއްގަމު މަގުން ޣައްޒާއަށް ވަދެގަންނަން އުޅެގެން އިސްރާއީލު ސިފައިންނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން މި ފަސް ފަހަރުވެސް އިސްރާއީލުން ވަނީ ވައިގެ މަގުން ހަމަލާދީ އާންމުންގެ ގިނަ ބަޔަކު ޝަހީދު ކޮށްލުމަށްފަހު ހަމަލާތައް ހުއްޓާލާފައެވެ.

އިއްޔެ އުދުވާނަށް ރައްދު ދިނުމުގެ ގޮތުންނާއި ފަލަސްތީނު މިނިވަންކުރުމުގެ ގޮތުން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ރޮކެޓް ހަމަލާތައް ދޭނެކަމުގެ އިންޒާރު ފަލަސްތީނުގެ ޖަމާއަތްތަކުންވަނީ ދީފައެވެ. ފަލަސްތީނުގެ ޖަމާއަތްތަކުގެ އަތުގައި 130 ކިލޯމީޓަރަށް ދަތުރުކުރާ ގިނަ އަދަދަކަށް ރޮކެޓް އެބަހުއްޓެވެ.

ފަލަސްތީނުގެ ޖަމާއަތްތަކުން 10 ބާވަތެއްގެ ރޮކެޓް ޣައްޒާގައި އުފައްދައެވެ. އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަކީ ޣައްޒާއާ 110 ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއެކެވެ. މީގެކުރިންވެސް ފަލަސްތީނުގެ މުޖާހިދުން ޓެލްއަވީވަށް ރޮކެޓް ހަމަލާތައް ދީފައިވެއެވެ. އިސްރާއީލުގެ މިސައިލް އައްޑަނައިގެ ނިޒާމު ކަމަށްވާ އަޔަންޑޯމް އަށް ފަލަސްތީނުގެ ގިނަ ރޮކެޓްތަކެއް ވައްޓާލެވުނުނަމަވެސް ވިހި އިންސައްތަަ ރޮކެޓް ވައްޓައެއް ނުލެވެއެވެ.

ވައްޓާނުލެވޭ ރޮކެޓް އޭގެ އަމާޒަށް ވާސިލްވެ އިސްރާއީލުގެ މީހުންވެސް ފަލަސްތީނުގެ މިނިވަންކަމަށްޓަކައާއި އަމިއްލަ ނަފްސުގެ ދިފާއުގައި އިސްރާއީލަށްދޭ ރޮކެޓް ހަމަލާތަކުގައި މަރުވެފައިވެއެވެ.

comment ކޮމެންޓް