މުދައްރިސުންނަށް ލައިސަންސު ދޫކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ -- ސަން ފައިލް ފޮޓޯ

މުދައްރިސުންނަށް ލައިސަންސް ދޫކުރުމާ ގުޅޭ ހުރިހާ ލިޔެކިޔުންތައް މިހާރު ނިމިފައިވާ ކަމަށާއި، މި އަހަރުގެ ތެރޭ އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި މިނިސްޓަރު މިއަދު ދެއްވި ޚިތާބުގައި ވިދާޅުވީ މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސު ދޫކުރުމަކީ ތައުލީމީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅު ކަމަށެވެ.

"މިކަމުގެ ނަތީޖާއެއްގެ ގޮތުން، އުންމީދު ކުރަނީ، މުދައްރިސް ކަމުގެ ތައުލީމު ހަރުދަނާވެ، ހުނަރުވެރި، އަބުރުވެރި މުދައްރިސުން ކުރިމަގުގައި ލިބޭނެކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އައު ތައުލީމީ ގާނޫނަށް އަމަލުކުރަން ފެށިތާ އަހަރެއް ފުރުމަށް ގާތްވެފައިވާއިރު، އެ ގާނޫނާ ގުޅިގެން ހަދަންޖެހޭ ހުރިހާ ގަވާއިދެއް މިހާރު ހަދާ ނިމިފައިވާ ކަމަށެވެ. އަދި މި ފެށޭ ދިރާސީ އަހަރާއެކު އެ ގަވާއިދުތައް ތަންފީޒުކުރަން ފެށޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

އައު ގާނޫނުން އެންމެ ބޮޑު އިސްކަމެއް ދެނީ ދަރިވަރުންގެ ރައްކާތެރި ކަމަށް ކަމަށާއި، އެހެން ކަމުން ދަރިވަރުންނާ ދިމާވާ އެންމެން ވެސް އެ ކަމަށް ސަމާލުކަން ދިނުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

"އެއްވެސް މީހެއްގެ ފަރާތުން ދަރިވަރަކަށް ގެއްލުމެއް ވިޔަ ނުދިނުމަށް ސްކޫލުތަކުގެ އެންމެހާ މުވައްޒަފުންނާއި، ބެލެނިވެރިން ޚާއްސަ ސަމާލުކަމެއް ދެއްވަން ޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ޚިތާބުގައި ވަނީ މި ދިރާސީ އަހަރު ފެށޭއިރު، ކޮވިޑަށް ފަހު، އާންމު ހާލަތުގައި ކިޔެވުމުގެ ހަރަކާތްތަށް ކުރިއަށް ގެންދިޔުމަކީ ލިބުނު ނަސީބެއް ކަމަށް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ދަރިވަރުންނަކީ މުޖުތަމައަށް ފައިދާހުރި ބަޔަކަށްވުމުގެ މުހިއްމު ކަމަށް ވެސް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ.

"ކޮންމެ ކުއްޖެއް ވެސް އެކުއްޖަކު ދިރިއުޅޭ ރަށަށް، އެ ކުއްޖެއްގެ އަވަށަށް، އެ ކުއްޖެއްގެ އާއިލާއަށް، އެ ކުއްޖެއްގެ ވެއްޓަށް މަންފާކުރަނިވި ކަމެއްގައި މަޝްއޫލުވެ އުޅުމަކީ މުހިއްމު ކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.

ދިރިއުޅުމަށް ތައްޔާރުވުމަށް ޓަކައި މަދުވެގެން ދެ އަމަލީ މަސައްކަތް ކޮންމެ ކުއްޖަކު ވެސް ދަސްކުރުން މުހިއްމު ކަމަށް ވެސް ޑރ އާއިޝަތު އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މުދައްރިސުންގެ މުސާރައަށް މިދިޔަ މެއި މަހުން ފެށިގެން އައި ހެޔޮ ބަދަލުގެ ނަތީޖާ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބަހައްޓާ ފަރުވާތެރިކަމުން ފެންނާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޖުމްލަ 92،300 ދަރިވަރުންނާއެކު، ދިރާސީ އައު އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ވަނީ ފަށާފައެވެ.

comment ކޮމެންޓް