އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު މީޑިއާނެޓުން ހިލޭ ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.
ދުނިޔޭގެ އެންމެ ފޯރިގަދަ ކުލަބް ފުޓުބޯޅަ މުބާރާތް ކަމުގައިވާ އިންގްލިޝް ޕްރިމިއަ ލީގު މާދަމާ ފެށިގެންދާއިރު މިއަހަރުގެ މުބާރާތް ފެށުމުގެ ގޮތުން ފުރަތަމަ ކުޅޭ ކުރިސްޓަލް ޕެލެސް އާއި އާސެނަލް ބައްދަލުކުރާ މެޗު މީޑިއާނެޓުގެ ހުރިހާ ކަސްޓަމަރުންނަށް އައިސް ސްޕޯޓްސް (ޗެނަލް 102) އިން ހިލޭ ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.
އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން މާދަން މެންދަމު 12 ޖަހާއިރެވެ.
މީޑިއާނެޓުން ބުނީ ކުރީގެ ސީޒަންތަކެކޭ އެއްފަދައިން މި ފެށިގެންދާ 22/23 ސީޒަންގެ މެޗުތައް ވެސް ވަގުތުން ބަލާލެވޭނެ ކަމަށެވެ.
މުޅި ދިވެހިރާއްޖެއަށް ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީ ޚިދުމަތް ދެމުން އަންނަ މީޑިއާނެޓަކީ އެހެން ގައުމުތަކުގައި ކުޅޭ ބޮޑެތި ކުޅިވަރު މުބާރާތްތައް ދިވެހިންނަށް ބަލާލުމުގެ ފުރުސަތު ދެމުން އަންނަ ކުންފުންޏެކެވެ.
އެގޮތުން ސްޕެނިޝް ލަ ލީގާ(ސްޕެއިން)، ލީގް 1(ފުރާންސް)، ސެރި އާ(އިޓަލީ) އަދި އިންގްލިޝް ޕުރިމިއަ ލީގް (އިންގްލެންޑް) މީޑިއާނެޓުގެ ކަސްޓަމަރުންނަށް އައިސް ނެޓުވޯކުގެ ޗެނަލްތަކުން ފެންނާނެއެވެ. އަދި އެމްއެސް ޑިޖިޓަލް މޯބައިލް އެޕް މެދުވެރިކޮށް ޑީކޯޑަރަކާއި ނުލައި ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެގެންވެސް މީޑިއާނެޓުގެ ޗެނަލްތައް ބަލާލެވެއެވެ.