މައާފު އެދެމޭ ޔާރާ... 10

"އޮޅިގެންވެސް މެސެޖެއް ފޮނުވިކަން ހާދަ ރަނގަޅޭ..." މިރާން މެސެޖު ފޮނުވައިލީ ހިނި އައިސްފައި އިން އިމޯޖީއަކާއި އެކުގައެވެ. "އަހަރެން މިހުރީ ރުއާ ކައިރީ ވާހަކައެއް އަހާލަން ބޭނުންވެފަ... އެކަމަކު، ރުއާ އެހާ ވާހަކަ ނުދައްކާތީ އަހަން ނުކެރިފަ..."

"ކޮން ވާހަކައެއް؟..." އަހަރެންގެ ހިތް ތެޅިގަތެވެ.

********

"އެޑްވައިސްއެއް ދޭންވެސް ބޭނުން..." މިރާން މެސެޖު ފޮނުވައިލިއެވެ.

"ޔެސް..." އަހަރެން ހުއްދަ ދިނީމެވެ.

"ކީއްވެ ކޮލެޖަށް ނާންނަނީ؟... ބަލީތަ؟..." މިރާން އަހައިލިއެވެ. އޭނާ ވާހަކަ ފެށީ ދުރުދުރުންކަން އަހަންނަށް އެނގުނެވެ.

"ދާހިތް ނުވާތީ..." ދެރަވެފައިވާ އިމޯޖީ އަކާއިއެކު އަހަރެން މެސެޖު ފޮނުވައިލީމެވެ.

"ވައި؟..." މިރާން އަހައިލިއެވެ. "މެރީކުރަންޖެހޭތީތަ؟..."

އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެން ކައިވެނި ކުރަން އުޅޭކަން މިރާންއަށް އެނގުނީ ކިހިނެތް ހެއްޔެވެ؟ ޖީނާއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. މިރާންއަށް އަހަރެންގެ ކަމެއް އެނގުނަސް އެނގޭނީ ޖީނާގެ ފަރާތުންނެވެ. އެކަމަކު ޖީނާއަށްވެސް އަހަރެންގެ ދިރިއުޅުމުގެ ހުރިހާ ވާހަކައެއް ކިޔައެއް ނުދެމެވެ.

"ކިހިނެތް އެނގުނީ؟..." ހާސްވެފައި އަހަންނަށް ސުވާލު ކުރެވުނެވެ.

މިރާން ވަގުތުން ގުޅިއެވެ. ދެފިކުރެއްގައި އިނދެފައި ފޯނު ނެގީމެވެ.

"އަހަރެން އަހަން ބޭނުންވެގެން މިއުޅޭ ވާހަކައަކީ އެއީއޭ... ޔާނިޝްއާ ދޯ މެރީ ކުރަނީ؟..." ޔަގީންކޮށްލާ ފަދައިން މިރާން އަހައިލިއެވެ.

މިރާންގެ އަޑު ޖެހުމުން އަހަރެންގެ މެޔަށް ފިނިވެލިއެވެ. އެ އަޑުގައިވި ނުތަނަވަސްކަން އަހަންނަކަށް ސިއްރެއް ނުވިއެވެ. އެކަމަކު، އަހަރެން ޔާނިޝް އާއި ކައިވެނި ކުރާތީ، އެކަމާއި މިރާން ނުތަނަވަސްވާންޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ.

"ކާކު ބުނީ؟... ޖީނާތަ؟..." އަހަރެން ސުވާލުކުރީމެވެ.

"އަހަންނަށް އެނގުނު ގޮތެއް މުހިއްމެއް ނޫނޭ... މުހިއްމީ، ރުއާގެ ދިރިއުޅުން... އަހަރެން ބޭނުމެއް ނޫން ރުއާއަށް ދެރަގޮތެއް ވާކަށް..." މިރާން ބުނެލިއެވެ.

މިރާންގެ އަޑާއި ރާގުން އަހަންނަކީ އޭނާގެ ގާތް މީހެއް ފަދައެވެ. އަހަންނާއިމެދު އޭނާ ކަންބޮޑު ވާ ވަރު އޭނާގެ އަޑުން ހާމަވިއެވެ. އަހަރެން އިނީ ވިސްނަންވީ ގޮތެއްވެސް ނޭނގިފައެވެ. މިރާންގެ ކުއްލި ގާތްކަމުގެ މާނަ އަހަރެން ނަގާނީ ކޮން ގޮތަކަށް ހެއްޔެވެ؟ ސީދާކޮށްވެސް ނުސީދާކޮށްވެސް އޭގެ ކުރިން ދެމީހުންގެ ދެމެދުގައި އެއްވެސް ކަހަލަ ޒާތީ ވާހަކައެއް ބަދަލުކުރެވިފައެއް ނެތެވެ. ވީއިރު އަހަރެންގެ ކައިވެނީގެ ހަބަރުން މިރާންއަށް އުނދަގޫވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

"ތި ކައިވެނި ނުކުރޭ..." އާދޭހުގެ ރާގަކަށް މިރާން އެދުނެވެ.

"ކީއްވެ؟..." އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގަތެވެ.

"ރުއާޔަށް ދެރަގޮތެއް ވެދާނެ..." މިރާން ބުންޏެވެ.

އަހަރެންގެ ހިތުގައި ޒާތެއްގެ ބިރުވެރިކަމެއް އުފެދުނެވެ. ޖަވާބު ނޭނގޭ ސުވާލުތަކެއްގެ ތެރޭގައި ހިތް ބަނދެވުނެވެ. މިރާންގެ ވާހަކައިން އަހަންނަށް ދޭހަވީ، ޔާނިޝް އާއި އޭނާގެ އާއިލާގެ ކޮންމެވެސް މައްސަލައެއް އުޅޭކަމެވެ. ނޫނީ ލޯ މައްޗަށް ދަޅަ ދައްކައިގެން، ފަރުދާގެ ފުރަގަހުގައި އެމީހުން މޮޅު ރޭވުންގަނޑެއް ރާވަނީއެވެ. އެކަމަކު، ކޮން ކަހަލަ ރޭވުމެއް ހެއްޔެވެ؟ ޔާނިޝްގެ އާއިލާ ތަނަވަހެވެ. ޔާނިޝް އަކީ ކިޔަވައިގެން ހުރި މޮޅު މީހެކެވެ. އަންހެން ކުދިން ހިތް އެދޭ ގިނަ ސިފަތަކެއް އޭނާގެ ގައިގައި އެބަހުއްޓެވެ. ވީއިރު، އޮޅުވާލައިގެން އަހަރެން ކަހަލަ އާދައިގެ މީހަކާ ކައިވެނި ކުރުމުގެ ބޭނުމެއް އޮވެދާނެ ހެއްޔެވެ؟

"ކިހިނެތް މިރާންއަށް އެނގުނީ؟....." އަހަރެންގެ ހިތުގައި އުފެދުނު އެންމެ ބޮޑު ސުވާލު ކުރީމެވެ.

"އަހަންނަށް ވަރަށް ރަނގަޅަށް ޔާނިޝް އެނގޭ..." މިރާން ބުނެލިއެވެ.

"އަހަރެން ބޭނުން ހަގީގަތް އެނގެން... ހުރިހާ ވާހަކައެއް ކިޔާދީ..." އަހަރެން އިނީ ކެތްތެރިކަން ކުޑަވެފައެވެ. ހާސްވެފައި އިންވަރުން މިރާން އާއި ވާހަކަ ދެއްކުނީ އަމުރުވެރި ރާގަކަށް ކަމެއްވެސް ނޭނގުނެވެ.

"ޔާނިޝްއަކީ ރުއާ ތި ހީކުރާ ކަހަލަ މީހެއް ނޫން... އެއީ..." މިރާންއަށް ބުނެވުނީ އެހިސާބަށެވެ.

މަންމަ ކޮޓަރީގެ ދޮރު ހުޅުވައިލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ފޯނު ކަނޑާލީމެވެ. މިރާން ހީކުރާނީ އޭނަ ދެއްކި ވާހަކައިން އަހަރެން ހިތްހަމަނުޖެހުނީ ކަމަށެވެ. އެކަމަކު މިރާން އާއި ވާހަކަ ދެއްކުން އެއީ އަހަރެން އެދިއެދި ހުރި ފުރުސަތެކެވެ. އަމުދުން ޔާނިޝްގެ ވާހަކައެއް ބުނަން މިރާން މަސައްކަތް ކުރަމުން ދަނިކޮށް އެވާހަކަ އަޑުނާހާ ފޯނު ކަނޑާލަން ޖެހުމުން ހިތަށް އުނދަގޫވިއެވެ.

"ކާކު ގުޅީ؟..." ފޯނަށް އިޝާރާތްކުރަމުން މަންމަ އަހައިލިއެވެ.

"ކްލާސް ކުއްޖެއް...." އަހަރެން ބިރުން އިނދެ ޖަވާބު ދިނީމެވެ.

އެކަމާއި ގުޅުވައިގެން މަންމަ އިތުރު ސުވާލެއް ނުކުރުމުން، އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

"މާދަމާ ދަރިފުޅު ކައިވެނި ކުރާ ދުވަސް..." މަންމަ ހަނދާންކޮށްދިނެވެ. "ފޮށްޓަށް އެއްޗެހިތައް އަޅައިފިންތަ؟..."

"ނޫން..." އަހަރެން އިސްޖަހައިލީ ދެލޮލަށް ކަރުނަ ޖަމާވުމުންނެވެ.

"ދަރިފުޅާ... އެކަހަލަ ކަންކަން ލަސްކުރާ އެއްޗެއް ނޫނޭ... ކައިވެންޏަށްފަހު ދަރިފުޅުގެ ގެއަކަށް ވާނީ ފިރިމީހާގެ ގެ... ދަރިފުޅު ވާނެ މަންމަ ދިން ނަސޭހަތާ އެއްގޮތަށް އުޅެވޭތޯ ބަލަން... އިނގޭ..." މަންމަ ވަރަށް ލޯބިން ބުނެލިއެވެ.

"މަންމާ!... ޔާނިޝް ގޯސްވެއްޖެއްޔާ؟... އެގޭ މީހުން އަޅުގަނޑަށް ބޭނުން ގޮތެއް ހަދާލައިފިއްޔާ ކިހިނެތް ހަދާނީ؟... މަންމަމެންވެސް ނުހުންނާނެ..." އަހަންނަށް ރޮވުނެވެ.

"ދަރިފުޅާ!..." މަންމަ ހެމުން އަހަރެންގެ ބޮލުގައި ފިރުމައިލިއެވެ. "ދަރިފުޅު އަދިވެސް ހާދަ ކުޑައޭ... މާ ވަރަކަށޭ ތި ހާސްވަނީ... އެއީ ވަރަށް ރަނގަޅު ބައެއް...."

"ނޫން މަންމާ... ފިލުމުތަކުގަވެސް އެހެން ވެޔެއްނު... މެރީކޮށްގެން ދިޔާމަ އަސްލުގޮތް ހަދާނީ..." އަހަރެންގެ ހިތް ހަމައަކަށް ނޭޅުނެވެ. މަންމަގެ އުނގުގައި ބޯ އަޅައިލީމެވެ.

"މަންމައަށް މާ ކުރިންވެސް އެމީހުން އެނގެޔޭ ދަރިފުޅާ..." މަންމަ ބުނެލިއެވެ. "އެމީހުން ދަރިފުޅަށް ދެރަގޮތެއް ނުހަދާނެކަން މަންމައަށް ޔަގީން..."

ފަހުވަގުތާއި ޖެހެންދެންވެސް އަހަންނަކަށް ގޮތެއް ނުނިންމުނެވެ. ކޮންމެ ގޮތަކުން ވިޔަސް، އަހަރެން މަންމަމެންނާއި ދުރަށް ދާންޖެހެއެވެ. ޔާނިޝް އާއި ކައިވެނި ކުރިޔަސް، ނޫނީ އެކައިވެންޏަށް ފިލަންވިޔަސް މެއެވެ. އެކަމަކު، މަންމަމެން ދޫކޮށްލާފައި ގޮސް އެހެން ތަނެއްގައި އަހަރެން އުޅޭނީ ކިހިނެތް ހެއްޔެވެ؟ ކިތަންމެ މަޖުބޫރީއެއްގައި އުޅެން ޖެހުނަސް، މައިންބަފައިންގެ ކައިރީގައި އިހުސާސްކުރެވޭ ރައްކާތެރިކަން އެހެން ތަނަކުން ލިބިދާނެއޭ އަހަރެންގެ ހިތެއް ނުބުނެއެވެ.

"މަންމަމެން ދާނަމޭ ދަރިފުޅު ކައިރިއަށް... ދުރަކަށް ނޫނެއްނު ދަރިފުޅު ތި ދަނީ... އެއް ރަށެއް މީ... ދަރިފުޅު ބޭނުމިއްޔާ މިގެއަށް އާދެވޭނެއޭ..." އަހަރެންގެ ބުރަކަށީގައި ފިރުމަމުން މަންމަ ވާހަކަ ދެއްކިއެވެ. "ދެ ގެއެއްގަ އުޅުނަސް، އިރާދަކުރެއްވިއްޔާ، މަންމަމެން ދަރިފުޅުދެކެ ވާ ލޯތްބަކަށްވެސް ބަދަލެއް ނާންނާނެ..."

"އެކަމަކު މަންމާ... އަޅުގަނޑު އެބަ ވަރަށް ބިރުގަނޭ..." އަހަރެން ބޯ ހޫރައިލީމެވެ.

އަހަންނަށް ނިދެންދެން މަންމަ އެކި ވާހަކަ ދައްކަން އިނެވެ. އެއިން އެއްވެސް ވާހަކައަކުން އަހަރެންގެ ހިތެއް ހަމައަކަށް ނޭޅުނެވެ.

މެންދަމުގެ ވަގުތެވެ. ކޮޓަރި ތެރޭގައިވީ ފަނޑު އަލިކަމެކެވެ. ހިނގަމުންދިޔަ ގަޑީގެ ކައްޓަށް ބަލަން އޮތްއިރު، އަހަރެންގެ ދެލޮލުގައި ވީ ކަރުނައިގެ އަސަރެވެ. ފިކުރުތަކުން ފުރި ބާރުވެފައިވާ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ހުރިހާ ކަމެއް ނިމެނީއެވެ. އަހަރެންގެ ފޮނި ހުވަފެންތަކުގައި ކުލައެއް ނުޖެހި، ބިލާހަކަށް ވަނީއެވެ.

ކުއްލިއަކަށް އިވުނީ ފޯނު ރިންގްވާން ފެށި އަޑެވެ. އެގަޑީގައި ގުޅާނީ ކާކުބާއޭ ހިތަށް އެރިއެވެ. އިސްކްރީނަށް އަރާފައި އޮތީ މިރާންގެ ނަމެވެ.

"ވަރަށް އަވަހަށް ބޭރަށް ނުކުމެބަލަ..." މިރާން އެދުނެވެ.

"މިގަޑީ؟..." އަހަރެން ހާސްވެފައި ބުނީމެވެ.

"ބޭރު ދޮރު ކައިރީ މިހުރީ..." މިރާން ބުންޏެވެ. "އަހަރެން ބޭނުން ރުއާއަށް ހަގީގަތް އަންގަން..."

"ކޮން ހަގީގަތެއް؟..." އަހަންނަށް އަހައިލެވުނެވެ.

"ޔާނިޝްގެ..." މިރާން ބުންޏެވެ.

އަހަރެން ކުޑަކޮށް ތައްޔާރުވެލައިގެން ދޮރު ކައިރިއަށް ނުކުމެލީމެވެ. އަނދިރިކަން ވެރިވެފައިވާ މަގުމަތިން އިތުރު މީހަކު ފެންނާކަށް ނެތެވެ. މިރާން ހުރީ އެހެން ދުވަސް ދުވަހު އަހަންނަށް ފެންނައިރު އޭނާ ހުންނަ ގޮތަކަށް ނޫނެވެ. ލައިގެން ހުރި އަތްދިގު ޓީޝާޓުގެ ހޫޑް ބޮލުގައި އަޅާލައިގެން ހުރިއިރު، ދެއަތް އޮތީ ޖީންސްގެ ޖީބަށް ކޮއްޕާލާފައެވެ.

"އަހަރެން މިއައީ ރުއާ ބަލާ..." މިރާން އަހަރެންގެ އަތުގައި ހިފައިލިއެވެ.

"ކީއްކުރަން؟..." އަހަރެން އުޅުނީ އަތް ފޮޅުވައިލާށެވެ. އެކަމަކު މިރާން ހިފަހައްޓައިގެން ހުރީ އެއަށްވުރެ ބާރަށެވެ.

"ޔާނިޝްއަކީ ރަނގަޅު މީހެއް ނޫން... ރުއާ ކަހަލަ ރަނގަޅު ކުއްޖަކު އޭނައަށް ލިބިގެން ނުވާނެ..." މިރާން އަހަރެންގެ އަތަށް ދަމައިލިއެވެ.

ހިތް ބުންޏެވެ. މިރާން އާއިއެކުގައި ދާށެވެ. އަހަރެން އެދިއެދި ހުރި ހުރިހާ އުފަލެއް ލިބޭނެއެވެ. ހިތުގެ އެދުންވެސް ފުރިހަމަވާނެއެވެ. އެވަރުންވެސް ހުރިތަނުން ގުޑިއެއް ނުލަމެވެ.

"ރުއާ..." ޝަކުވާގެ ރާގަކަށް މިރާން ގޮވައިލިއެވެ. "ރުއާއަށް އަދި ތިއުޅެނީ ޔާނިޝްގެ ގޮތް ނޭނގިގެން... އެއީ މީހުން މަރާ މީހެއް... ރުއާ ސަލާމަތެއް ނުވާނެ..."

އަހަންނަށް އަނގަމަތީގައި އަތް އަޅައިލެވުނީ މިރާންގެ ފަހަތުން އައި ޔާނިޝް ފެނުމުންނެވެ. ޔާނިޝްގެ އަތުގައި ވަޅިއެއް އޮތެވެ. އެ ނުރައްކާތެރި ނަޒަރު ހުއްޓިފައިވީ ސީދާ އަހަރެންގެ މޫނަށެވެ. ބިރުން ގޮސް އަހަންނަށް ގުޑިލަންވެސް ނޭނގުނެވެ. މިރާންގެ ކައިރީގައި އެ ވާހަކަ ބުނަން ދޫ ހަރަކާތެއް ނުކުރިއެވެ. އޭރުވެސް އަހަރެން ގެންދެވޭތޯ މިރާން މަސައްކަތް ކުރަމުން ދިޔައެވެ. ޔާނިޝް ދާދި ކައިރިވެފައި މިރާން އާއި ދިމާއަށް ވަޅި މަޅައިލިއެވެ. ދެލޯ މަރައި ބާރުކޮށްލަމުން އަހަންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު