މިއަހަރުގެ ލިޔުންތެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކޮށްފި

ޖަލްސާގެ ޝަރަފްވެރި މެހެމާން އައްޝައިޚު އިބްރާހީމް އަހްމަދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ދިވެހި ބަހުގެ އެކެޑެމީ

މިއަހަރުގެ ލިޔުންތެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ، (އެމްއެންޔޫ)ގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ރޭ ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ލީޑް އެގްޒަމިނާ އައްޝައިޚު އިބްރާހީމް އަހްމަދު ޝަރަފުވެރިކޮށްދެއްވި މި ޖަލްސާ ކީރިތި ޤުރުއާނުގެ ބަރަކާތުން ފައްޓަވައިދެއްވީ ކަލާފާނު ސުކޫލްގެ ދަރިވަރު، އަޝަމް ޒިޔާދުއެވެ. އެއަށްފަހު، އިސްކަންދަރު ސުކޫލްގެ ދަރިވަރުން ޖަލްސާ ހުށަހަޅައިދީފައިވާއިރު، އެޖެންޑާގައިވާ ހުރިހާ ބޭފުޅުން ވެސް ވާހަކަ ދެއްކެވިއެވެ.

ލިޔުންތެރީންގެ ދުވަހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ދިވެހި ބަހުގެ އެކެޑެމީ

ޖަލްސާގައި އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި މިނިސްޓާ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓެޖް ޔުމްނާ މައުމޫނު ވަނީ ރޯނުގޭ ހަސަން މަނިކުގެ ތަމްސީލު ފޮތް ނެރެދެއްވާފައެވެ.

ލިޔުންތެރީންގެ ދުވަހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ދިވެހި ބަހުގެ އެކެޑެމީ

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރި މެހެމާން އައްޝައިޚު އިބްރާހީމް އަހްމަދު ވިދާޅުވީ ލިޔުންތެރިކަމަކީ އެންމެ ކުރީޒަމާނުއްސުރެ ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރަމުންއައި ކަމެއްކަމަށެވެ. އަދި ލިޔުންތެރީންނަކީ އިސްލާމްދީނުގައި ވަރަށް ޚާއްސަ ބައެއްކަމަށް އޭނާ ވިދާޅުވިއެވެ.

ލިޔުންތެރިންނަކީ އުންމަތްތަކަށް ބޮޑު ޚިދުމަތެއް ކޮށްދީފައިވާ ބައެއްކަން ކީރިތި ގުރުއާނުންނާއި ހަދީޠްއާއި ތާރީޚީ ހާދިސާތަކުން އެނގޭކަމަށް އައްޝައިޚު އިބްރާހީމް އަހްމަދު ވިދާޅުވިއެވެ.

އެ ޖަލްސާގައި ފުރާ އުމުރުގެ ކުއްޖެއްގެ ޝުޢޫރު ފާޅުކުރުމުގެ ގޮތުން މަރިޔަމް ލީމް އަބޫބަކުރު ވާހަކަދެއްކެވިއެވެ.

ލީމްގެ ވާހަކައިގައި ލިޔުންތެރިންގެ މުހިންމުކަމާއި ޤައުމަށް އެމީހުންގެ ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ. އަދި ލިޔުންތެރިކަމުގެ މައްޗަށް ބިނާކޮށް ދިރިއުޅުމެއް ހޯދިދާނެ ގޮތުގެ މިސާލުތައް ލީމްގެ ވާހަކައިގައި ވަރަށް ތަފްސީލުކޮށް ވަނީ ކިޔައިދީފައެވެ.

ލިޔުންތެރިކަން ނޫން ދާއިރާއަކުން ލީމްގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަން ވިސްނުންހުރި ކަމުގައިވީނަމަ ވެސް ލިޔުންތެރިކަމުން ވެސް ކުރިއަށް ދެވޭނެކަން ލީމްގެ ވާހަކައިން ވަރަށް ރަނގަޅަށް އެނގިގެންދިޔައެވެ.

އެ ޖަލްސާގައި ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ވާހަކަދެއްކެވީ މަރިޔަމް އިޝާ އަޒީޒެވެ. އިޝާގެ ވާހަކައިގައި އަލިއަޅުވާލާފައި ވަނީ އަލްމަރުހޫމް އަމީން ދީދީގެ ލިޔުއްތެރިކަމުގެ މައްޗަށެވެ. އެމަނިކުފާނު ލިޔުއްވި ފޮތްތަކާއި އެ ފޮތްތަކުގެ މައުލޫމާތުތައް އިޝާ ވަރަށް ތަފުސީލުކޮށް ޖަލްސާގެ ބައިވެރީންނާ ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން އިޝާގެ ވާހަކަދެއްކުމުގައި ފާހަގަކުރެވުނީ އިޝާގެ ވާހަކަދެއްކުންތެރިކަމުގެ ބަސްމަގާއި ބަހުރުވަ ގަތަމުން ގެންދިޔަގޮތެވެ. އެގޮތުން އަދަބީ އިބާރާތަކުން ވާހަކަދެއްކެވިއިރު، އަމީން ދީދީގެ ފޮތްތަކުގެ ތެރެއިން މިއަދުގެ ތައުލީމީ މަންހަޖުގައި ބޭނުންކުރެވޭނެ ފޮތްތައް ވެސް އެބަހުރިކަމަށް އިޝާ ވިދާޅުވިއެވެ. ޚާއްސަކޮށް ސިއްހީ ދާއިރާގެ ފޮތްތަކާއި ކެއްކުމުގެ ދާއިރާގެ ފޮތްތައް ލިޔުއްވާފައި ހުރިކަމާއި ބޭސްވެރިކަމާ ބެހޭ ފޮތްތައް ލިޔުއްވާފައިވާކަން އިޝާ ފާހަގަކުރެއްވިއެވެ.

އެމްއެންޔޫ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ޖަލްސާގައި ވާހަކަދެއްކެވީ މަރިއަމް އަފާ ނާޒިމެވެ. އަފާގެ ވާހަކައިގައި ލިޔުންތެރީނަކީ ކޮންބައެއްކަން ވަރަށް ތަފްސީލުކޮށް އޮޅުންފިލުވައިދީފައިވެއެވެ.

މިއަހަރުގެ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ އަލީ ޝާމިން

އެގޮތުން ލިޔުންތެރީންނަކީ ހަމައެކަނި ވާހަކަލިޔާ މީހުން ނޫންކަމަށާއި، ނޫސްވެރިންނާއި، ރިޕޯޓަރުން އަދި ޅެންވެރީންނަކީ ވެސް ލިޔުންތެރިންކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކަޑެމީގެ ރައީސް، ޑރ. އަޝްރަފް އަބްދުއްރަހީމްގެ ވާޙަކަފުޅުގައި ވަނީ ދިވެހި ބަހަށާއި ދިވެހި ލިޔުންތެރިކަމަށް ލޯބި ޖައްސަން ބޭނުންވާ ނަމަ، ސުކޫލު ދަރިވަރުންނަށް އަދަބިއްޔާތު، ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ގޮވާލާފައެވެ.

"ލިޔުންތެރިން ދިވެހި ބަހާއި ބަހުގެ ހަމަ ތަކަށް ސަމާލުކަން ދެއްވުމަށް ގޮވާލަން. އަދި ދިވެހި ބަހަށް، ދިވެހި ލިޔުންތެރިކަމަށް ލޯބި ޖައްސަން ބޭނުންވާ ނަމަ، ސުކޫލު ދަރިވަރުންނަށް އަދަބިއްޔާތު، ވަކި މާއްދާ އެއްގެ ގޮތުގައި ކިޔަވައި ދެވޭނެ ނިޒާމެއް، ގާއިމުކޮށް ދިނުމަށް ވެސް އަޅުގަނޑު ގޮވާލަން،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

ޖަލްސާގެ ބައިވެރީންނާ ވާހަކަދައްކާލުމުން އެނގުނީ ގުރުއާނުގެ އާޔަތްތަކާއިމެދު ނުވިސްނާ ނަޒަރަކުން ރޭގެ ޖަލްސާގައި ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގެ ސަބަބުން ވިސްނުނުކަމަށެވެ.

"ވަރަށް ރަނގަޅުވާހަކަތަކެއް މި ޖަލްސާގައި އަޑުއިވުނީ. މީގެ ކުރިން ނުވިސްނާ ނަޒަރަކުން ވިސްނާލެވުން މިރޭގެ ޝެއިޚްގެ ވާހަކަ އަޑުއިވުމުން،" ޖަލްސާގެ ބައިވެރިއެއް ބުންޏެވެ.

ލިޔުންތެރިންގެ ދުވަހަކީ ޖުލައި އަށްވަނަދުވަހެވެ. ނަމަވެސް އެދުވަސް މިއަހަރު ހައްޖުދުވަހާ ދިމާވުމުން ލިޔުންތެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރީ ރޭގައެވެ. ރޭގެ ޖަލްސާގައި ގިނަ އަދަދެއްގެ ސްކޫލު ދަރިވަރުންނާއި ލިޔުންތެރިންގެ ގުޅުމުން އަދި ސުކޫލުތަކުގެ ޓީޗަރުން ބައިވެރިވިކަން ފާހަގަކުރެވެއެވެ.

comment ކޮމެންޓް