ޔޯގާ ހަމަނުޖެހުން: އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތައް ބަޔަކު ވަދެ ހުރަސް އަޅަނީ --- ފޮޓޯ: ރާއްޖެ.އެމްވީ

ޖޫން 21 ވަނަ ދުވަހު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ތެރެއިން ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެ އޭގެތެރެއިން އެކަކަށް ހަތް ދުވަސް އަދި އަނެއް މީހާއަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އެ މައްސަލަގައި ގިނަ ބަޔަކު ހައްޔަރު ކުރިއިރު އޭގެ ތެރެއިން ބައެއް މީހުނާއި ޝެއިޚަކު މިހާރު ވަނީ ދޫކޮށްލާފައެވެ. އެގޮތުން އެ މައްސަލައިގައި ހައްޔަރުކުރި ޝައިޚް ފަޒްލޫން މުޙައްމަދު ވަނީ ދޫކޮށްލާފައެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް