ވާރޭގައި ވީ ހިޔަނިތައް 8

"މުއުމިނުންގެ ހަޔާތުގައި އެކި އިމްތިހާނުތައް ކުރިމަތިވާނެއެވެ. އެކަމަށް އޮތީ ކެތްތެރިވުމެވެ. ބަލިތަކާއި މުސީބާތްތައް ޖައްސަވައިގެން ﷲއަށް ޝުކުރުވެރިވެ ކެތްތެރިވަނީ ކިހާވަރަކަށް ތޯ އިމްތިހާން ކުރައްވައެވެ."

***

"އޭނަ އަހަރެމެން ފަހަތުން އެބަ އާދޭ.........." ޚަލީސީ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. އެހެން ކުދިންނަށްވުރެ ފަހަތުގައި ހުރި އެމާއަށް އެނބުރި ބަލައިލެވުނުއިރު "ހަންޑި" ހުރީ އޭނަގެ ފަހަތުގައި ޖައްސާލާފައެވެ. ބޮޑު މާސިންގާ ދަތްޕިލާ ދިލުވާލައިގެންނެވެ. ކަޅުކަމުން އެންދެރިގަނޑަކަށްވުރެ ކަޅު މީހާގެ ލޯވެސް ރަތްކަމުން ދިއްލިފައެވެ. އެމާގެ ޚަބަރު ހުސްވެގެން ވެއްޓެން ދަނިކޮށް އެ ހަންޑި އޭނައާއި ދިމާލަށް އަތްދިއްކޮށްލިކަން އެނގުނެވެ. އެބިރުވެރި ކަށި އަތުގެ ހިމާޔަތަށް އޭނަ ދިޔައީކަން އެނގިގެން ފޮޅުވައިލަންވެސް މަސައްކަތްކުރެވުނެވެ. އެހެން ކުދިންނަށް ފަސް އެނބުރި ބަލައިލެވުނުއިރު އެމާއާއި ދިމާލަށް ގުދުވެލައިގެން އޮތް ކަޅު އެއްޗެއް ފެނުނެވެ.

"ފެންފޮދެއް......އެމާ ބިރުން ފެއިންޓްވެއްޖެ..." ހަންޑި ވާހަކަދެއްކީ އިންސާނަކު ވާހަކަދައްކާފަދައިންނެވެ.

ހަޒަލްއަށް ދެއުކުޅުގައި އަތް ވިއްދައިލެވުނީ ހަންޑި އޭނަ ދަންނަ މީހެއްގެ އަޑުން ވާހަކަ ދެއްކުމުންނެވެ.ދެވަނަ މިނިޓްގައި ހަޒަލް ފެންތަށްޓެއް ގެނެސްދީފައި "ހަންޑި"ގެ ގަޔަށް ކުޝަންއަކުން ހަމަލާދޭންފެށިއެވެ. އަދި މޫނުގައި އަޅައިގެން ހުރި މާސްކު ދަމައިގަތެވެ. ޚަލީސީވެސް ހީގަނެފައި ކައިރިއަށް ޖެހިލިއެވެ. ހިނދުކޮޅަކަށް ރޫހާނީ އެއްޗަކަށް އީމާންވެވުނީތީ އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ.

"ސަޕްރައިޒެއް މިބުނީ ޝޮކެއް ދޭން އުޅުނީ.....ކުދިންގެ މޫނަށް އެރި ކުލަ. ދެރައީ ވީޑިއޯކޮށް ނުލެވުނީމަ..."ރާހިލް އެމާގެ މޫނުގައި ފެންފޮދެއް އުނގުޅައިލުމުން ލޯ ހުޅުވައިލިއިރު ލޮލުގައި ވީ ސިހުމާއި ބިރެވެ. އޭނަ އާއި އަވަލި ޖިންނީގެ ހިލަމެއްނުވުމުން ސީލިންއާއި އެކި ފަރާތްފަރާތަށް ކަޅި އުކުނެވެ. ވަށައިގެން ތިބީ ދަންނަ މޫނުތަކެވެ.

"އެމާ ތި ހޯދާ ބޮޑު ފުރޭތަ މިއިނީ........" ހަޒަލް ރާހިލްގެ ކަންފަތުގައި ހިފާ ދަަމައިގަތެވެ."މާސްކު ގަނޑެއް އަޅައިގެން އައިގޮތަށް އެމާ އަށް މިނި ހާޓްއެޓޭކެއް ޖައްސައިފި. ޖިންނިކަމަށް ހީކުރެވެނީ އިންސާނުންގެ އަމަލުންކަން ޔަގީން މިވީ. މިވަރުން އަހަރެމެން ކިހިނެއް ޖިންނިން އަހަރެމެންގެ ތެރެއިން ފެންނަ ކަމަށް ގަބޫލުކުރާނީ......."

"ރާހިލްއަކީ ޖިންނިއަކަށް ވާނީ........." އެމާ ތުން ތަޅުވާލިިއިރު އެކީ އެއްޗެއް އެހެން މީހަކަށް ނީވުނެވެ.ކުއްލިއަކަށް ތެދުވެ ދުއްވައިގަތްގޮތުން ރާހިލްގެ އެ ސަމާސާ އޭނައަށް ކަމުނުދިޔައީކަން ހަރަކާތުން އަންގައިލިއެވެ.

"ގޯސްޓް ވީޑިއޯތައް ބަލައިލާއިރުވެސް ދުވަހަކުވެސް ފޭކް އެއްޗެއް ނޫނީ ނުދެކެން. އެހެންވެ މަވެސް ގަބޫލުނުކުރަނީ. ރާހިލް އެކަމަކު މިރޭ ރަގަޅަށްވެސް އަހަރެން ބިރުގަންނަވާލައިފި........"

"ކޮބާ ދޮންބެ؟"

"ދޮންބެ ރޫމްގައި ހެން ހީވޭ....."ހަޒަލް މާސްކު ދީފައި އެދުނީ ހައިސަމްއަށްވެސް އެފަދަ ސަޕްރައިޒެއް ދިނުމަށެވެ. ރާހިލް ދޮރުގައި ވަކިއަޅުވާގޮތަކަށް ނިޔަފަތި ކާއްތަން ފެށުމުން ހައިސަމް ދޮރު ހުޅުވާލައިފިއެވެ. ދެންމެ ފެންވަރާ ތާޒާވެލައިގެން އައި ކަން އެނގެނީ މުޅި ހިސާބު ސެންޓުގެ ލުއިވަހުން ހިސާރުކުރުވިގޮތާއި އިސްތަށިގަނޑު ތެތްކޮށް އޮތުމުންނެވެ. އަނދިރިކޮށްފައިވާ ކޮރިޑޯގެ އެއްފަރާތުގައި ހިމޭންކަމާއެކު ހުއްޓިލައިގެން ހުރި "ޖިންނި" ފެނުމުން ހައިސަމް ކުޑަކޮށް ސިހޭގޮތްވިއެވެ. ވިސްނުންތެރިކަމާއެކު ބަލައިލުމާއެކު ހަނދާންވީ އެމީހުންވެސް ހަލޮވީން ފާހަގަކުރާއިރު މިފަދަ ބިރުވެރި ހެދުންތައް އަޅައިގެން އުޅުނު ކަމެވެ. ރާހިލް ނޫންމީހަކު މިކަހަލަ ކަމެއްނުކުރާނެކަން ވިސްނުނެވެ.

"ހެލޯ........." ރާހިލް ބަރުއަޑަކުން ގޮވައިލިއެވެ.

"ހެލޯ މޮންސްޓަރ.."

"ރާހިލް ހާދަ ބަދަލުވެއްޖެއޭ.ޕްލާސްޓިކް ސާޖަރީ ހަދައިގެން ޖިންނިއަކަށް ބަދަލުވީތަ؟ވަރަށް ޖިންނި ފާޑު އެބަހުރި..އެކަމަކު އެއްވެސް ބިރުވެރިއެއްނޫން..............." ހައިސަމް ރާހިލްގެ ބޮލުގައި މަޑުމަޑުން ފުތްޓައްކެއް ޖަހައިލިއެވެ. ހަޒަލްއާއި ޚަލީސީވެސް ބޭނުންވި ގޮތް ނުވުމުން މާޔޫސްވެފައި އަނދިރީގެ ތެރެއިން ނުކުމެގެން އައެވެ. ހަޒަލް އެމާއަށް ވީގޮތް ކިޔާދީފައި ހުނެވެ. ޚަލީސީ ހައިސަމްގެ އަތުގައި މަޑުމަޑުން ހިފަހައްޓާލިއެވެ.

"ރުޅިއައިސްގެން ހުރެވޭނީ ކިހާ ދުވަހަކަށް ތޯ ބަލާނަން...."

ހައިސަމްގެ ފިނި ނަޒަރުން ޚަލީސީގެ ހިތްވެސް ފިނިވެލިއެވެ. އެދެލޮލުން ފެނުނީ ބީރައްޓެހިކަމެވެ. މަހައިލެވުނު އިނގިލިތައް ނައްޓުވައިލުމުން ޚަލީސީގެ ހިތަށް ނުބައިގޮތެއްވެ ލޮލުން ކަރުނަ އަންނަގޮތްވިއެވެ. ހައިސަމްގެ މި ރުޅިއަކީ އޭނައަށް އާ އެއްޗެކެވެ.

ބޭރުގައި ކުޅެން އިން ސޫފީވެސް އޭނަގެ މަންމައަށް ގޮވަމުން އައިސް ވަކި ހިސާބަކުން މޫނުގައި އަތް އެޅިއެވެ.އަދި ހަޒަލްގެ ފައިގާ އެލިގަތެވެ. ހަޒަލް ސޫފީ އުރައިލިއިރު އެކުޑަ ކުޑަ ހިތް ހުއްޓިދާނެހެން ހީވިއެވެ. ރާހިލް ފެނިފައި ސޫފީ ބިރުގަތްވަރު އެނގުމުން ހަޒަލް ސޫފީ މޭގައި ޖައްސާ ބާރުކޮށްލީ ހުރިހާ ބިރަކުން ދަރިފުޅު ހިމާޔަތްކޮށްދޭފަދަ ގޮތަކަށެވެ.

"ދަރިފުޅު. މިއީ ގޯސްޓެއްނޫން. ބަލައިލަބަލަ...." ހަޒަލް ރާހިލްގެ މޫނުމަތީގައި އަޅާފައިވާ މާސްކު ދަމައިގަތުމުންވެސް ހަޒަލްގެ ކަދުރާއިން ދޫނުކޮށް ސޫފީ ލޯބޮޑުކޮށްގެން ތުންކޮޅު ހަފަމުން ދިޔަގޮތުން އޭނައަށް ބިރެއްފެނިގެން އުޅޭހެން ހީވެއެވެ.

ރާހިލް ސޫފީ އުރާލިއެވެ."ސޮރީ ޕަމްޕްކިން.."

"ހަންޑި....."

ސޫފީ އިޝާރާތްކުރަމުން ދިޔައީ ފާރާއި ދިމާލަށެވެ.

"ވަޓްސް ރޯންގް ވިތް ހިމް؟" ހަޒަލް ކަންބޮޑުވިއެވެ.

"ފާރުން އެއްޗެއް ފެންނަނީކަމަށް ވާނީ..ހިޔަނިތައް. އެކި އަޑުތައް. މިގޭގައި އުޅޭ އެއްޗެހިތައް އަހަރެމެންނަށް ނުފެނުނަސް ކުދިންނަށް ފެންނަނީކަން ޔަގީން. އަހަރެންވެއްޖެ މެޑިސިން ހެދުން ހުއްޓާލާފައި ގޯސްޓް ހަންޓިން ކަހަލަ ކަމެއްކުރަން........................"ރާހިލް ބުނެލިއެވެ.

"ރާހިލް ކުޑަކުދިން ބިރުގަންނަވާލީމަ އެކުދިންނަށް ސިކުނޑިން ނުފެންނާނެ އެއްޗެއްވާނެތަ؟" ހައިސަމްވެސް ސޫފީގެ ކޯތާފަތުގައި ފިރުމައިލީ ނިކަން ލޯބިންނެވެ. ރާހިލްއާއި ހައިސަމް އަދި އެމާވެސް ސޫފީދެކެ ލޯބިވާވަރު އެމީހުންގެ ނަޒަރުވެސް ބުނެދިނެވެ. އެކަމާ ހަޒަލްގެ ހިތަށް އުފާވެރިކަން ލިބުނެވެ. ލޯބިވާ އާއިލާއެއްގެ ނަސީބު ލިބުމަކީ ހަގީގަތުގައި ބުނަން ނޭގޭހާ ބޮޑު އުފަލެކެވެ.

***

އެންމެން މޭޒުދޮށުގައި ކާންތިއްބާ ވާރޭ ބޯކޮށްލައިފިއެވެ. ސޫފީ ބިރުން އުޅޭތީ ހަޒަލް ކުޑަދޮރުގައި ހުރި ފޮތިތައް ދަމާލުމުންވެސް އިނގިލި ދިއްކުރަނީއެވެ. ހަޒަލްގެ މޭގައި މޫނު ފޮރުވައިގެން ހިމޭންކަމާއެކު އިންނަނީ ކޮންފަދަ ބިރެއް ފެނިގެން ކަމެއްވެސް ނޭގެއެވެ.

"މިވަރުން ކިހިނެއް މިގޭގައި ހުރެވޭނީ؟" ހަޒަލް ކަންބޮޑުވިއެވެ.

"ކައިދަންގެ ގާތަށް ދާންވީނު...." ރާހިލް ނުލަފާ ހިންޏެއް އައެވެ.

"އެއީ ކީއްވެ؟ހަޒަލް ފޮނުވަން އުޅެނީ؟ ހަޒަލް ނުދާނެ އެހެން ތަނަކަށް......" ރޯޒަލީ ގެ މޫނު ބަނަވިއެވެ.

"މަންމަގެ މޫނު އުދަރެސްފަދައިން ބަނަވެއްޖެ.ސޮރީ މަންމާ..އެހެން ބުނިއެއްޗެއްނޫން. އަހަރެން ހީކުރަނީ ހަޒަލްއަކީ މަންމަ އިންޑިއާއިން ހޮވައިގެން ގެނައި ކުއްޖެއްކަމަށް................"

"އަގް....."ހަޒަލް ދޫނެރުނެވެ.

"ހައިސަމް ކީއްވެ މަޑުން ތިއިނީ؟" ރޯޒަލީއެހިއެވެ."ނުވެސް ކައި...."

"ބޮލުގައި ރިއްސާތީ.."

"މިގޭގެ އެންމެނާއި ޖިންނި އަވަލައިގެން އެންމެންގެ ގައިތެރޭ ޖިންނި އުޅެންޏާ ކިހިނެއްވާނީ؟"ރާހިލް އެންމެ ގަޔާވާ މައުޟޫއަށް ވާހަކަ ގެންދިޔައެވެ.

"މަންމަމެން ގައި ތެރެއަށް ޖިންނިއަކަށް ނުވަދެވޭނެ. މަންމަމެން ދުވާލު ދެއިރު ޒިކުރުކުރަން. ފަރުޟު ފަސްނަމާދުކޮށް ސުންނަތް ރޯދަ ހިފާ އަޅުކަން ކޮށްގެން މިތިބެނީ.ދަރިފުޅު ނަމާދުކުރަންތަ؟" ރޯޒަލީ އެހިއެވެ.

"އެއީ ހެއްދެވި ފަރާތާއި އޮންނަ ސިއްރު ގުޅުމެއް."

ފަރުޟު ނަމާދު ސިއްރުން ކުރާކަށް ނޯވޭ ޖަގްހެޑް....ޖަމާއަތުގައި ކުރަން އަންގަވާފައިވަނީ........އެހެނެއްނޫން. ކަންނެތްކަމުން ނުކުރާތީ ސިއްރުން ކުރާކަމަށް ހެދެނީ. އޭރުން އެއްޗެއް ބުނެވެން ނޯންނާނެ..."

"ހަޒަލް. ފުރަތަމަ އަހަރެންގެ ނަމަކީ ޖަގްހެޑެއްނޫން.."

"ދެން މާކުންބެ ކީމަ ރީތިތަ؟އެވަރަށް ކަންޏާ އެކަހަލަ މީހެއްގެ މަތިން ހަނދާންވެ ވަނަންވެސް ދެވޭނެއްނު. ތި ކާލަނީ ހަތްވަނަ ރޮށި. އެކަމަކު އަޖައިބުވަނީ އެންމެ ތަންކޮޅެއްވެސް ފަލަ ނުވާތީ......ކޮންތާކަށް ކާ އެއްޗެހި ދަނީ......"ހަޒަލްއާއި ރާހިލް ކުޑައިރުއްސުރެ ދެމީހުން އެއްގަލަކަށް އެރިކަމެއް ނޭގެއެވެ. އަބަދު ކޮންމެވެސް އަރައިރުމަކާއި އެކަކު އަނެކަކަށް ދިމާކުރުމުގައެވެ. އެމާއިނީ ތުން ފިތާލައިގެންނެވެ.

ރާހިލް އަޅާވެސް ނުލާ ވަރަށް ގަޔާވެލާފައި ޕިރިނީތަށިވެސް ކައި ނިންމާލިއެވެ. އަދި ހައިސަމްއަށްވީ ތަށިންވެސް ސަމުސަލެއް ކެޔެވެ."އިފް ޔޫ ޑޯންޓް މައިންޑް......."

"ބިހޭވް ރާހިލް......"

އެކަހަލަ ކޫސަނި އަރައިރުންތަކެއްގައި ކެއުން ނިންމާލާފައި ސޯފާތަކުގައި ޖައްސައިލިއެވެ.ފިނި ރެއެއްކަމުން ވަގުތު ދުއްވާލުމުގެ ބޭނުމުގައި ރާޒުވާއާއި ތާސްކުޅެން ޚިޔާލު ދިނީ ޚަލީސީއެވެ. ސޫފީއަށް ފެނުނު ޖިންނީގެ މަތިން ހަދާންނެތި ސަކަރާތްޖަހާވަރުން ހަޒަލް ލަވާ ހަޅޭކުގެ އަޑު އިވި ހައިސަމްވެސް ހީހެދިއެވެ.

"ސޫފީ. އަވަހަށް ތިތަނުން ފައިބާ. ނޫން ނޫން.... ސޫފީ......." ސޫފީ ސޯފާގެ އަތްގަނޑުމަތިން ވެއްޓެން އުޅެނިކޮށް ތޫނު ހަޅޭކަކާއެކު ހަޒަލްއަށް ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. ބަސްބުނާ ހިނދުކޮޅުގައި ސޫފީ އެކަން ހަދާންނެތި އޭނަގެ އަތުތެރެއިން ސޮއްސާލައިގެން ދުއްވައިގަތީ އެހެން ދިމާލަކަށެވެ. ކުދިން ބަލާބޮޑުކުރުމަކީ ކޮންފަދަ ބޮޑު މަސްއޫލިޔަތެއްކަން ހަޒަލްގެ އަމަލުތަކުން ހާމަވެއެވެ. ޚަލީސީއާއި އެމާ ތާސްކުޅެން ތިބިއިރު ދެންތިބި ތިންކުދިން ރާޒުވާކުޅުމުގެ ފޯރީގައެވެ. ކޮންމެވެސް މީހަކު ދޮރުގައި ޓަކިދޭންފެށުމުން ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ހުރީ ކައިދަންއެވެ. ވާރެއާއި ތެމިލައިގެން ހުރިއިރު މޫނާއި އިސްތަށިގަނޑުގައި ވިދާ ބަބުޅަނީ ވާރޭގެ މުތީތަކެވެ.

"ހަޒަލް ފޯނު ނުނަގާތީ މިއައީ...."

"ކިހިނެއްވީތަ؟" ހަޒަލް ކަންބޮޑުވިއެވެ. ސޫފީއަށް ބައްޕަ ފެނުމާއެކު ދުވެފައި ދިޔައެވެ.

"އެނގޭތަ ސޫފީއަކީ ހަމަ ކުޑަ ރޮކެޓެއް، އެހާ ބާރަށް ދެން ކުއްޖަކަށް ދުވެވޭނީ. ކީއްވެ އެހާ ހައިޕާއީ؟" ރާހިލް ތެދުވެގެންގޮސް ދޮރުމަތީގައި ހުއްޓުނެވެ.

"ކޭޑް..ޝަހާދަތް ކިޔާ.....މިގަޑީގައި ކުއްލިއަކަށް އައީމަ ޝައްކުވެއްޖެ. ދެލޯވެސް ދިއްލިފައި ތިހިރީ......."ރާހިލް ޗޮކްލެޓް އަނގައިގާ ޖަހައިގެން ހުރިއިރު މައުސޫމް އަދި ލާނެތްކަމެއް މޫނުމަތިން ފެނެއެވެ. ޚިޔާލެއް ފިކުރެއްނެތް ކުޑަކުއްޖެއްގެ މޫނުގައި ހުންނާނީ އެފަދަ އަސަރެކެވެ.

"މަގޭ ބްރަދާ މޮޔައިންގެ ހޮސްޕިޓަލަކުން ފިލައިގެން އައިސްފަ އެހެރީ. އެހެންވެ ކުޑަކޮށް ހަމަނުޖެހޭ ވާހަކަދައްކާނެ.ގޯސްޓް އާއި ފުޑްއަކީ ރާހިލްގެ ފެވެރިޓް. މިރޭވެސް މިގޭތެރެއިން ޖިންނިއެއް ފެނިގެން އެމާ ފެއިންޓްވެސް ވި. އެންމެން ހާޓްއެޓޭކް ޖެހޭވަރުވެފައި މިއެނގުނީ އެއީ ރާހިލްކަން........"ހަޒަލް ކިޔާދިނެވެ. ކައިދަން ބުމަ އަރުވައިލުމުން ރާހިލް ކައިދަންގެ އަތުގައި އޮތް ކޮތަޅު އަތުލަން އުޅުނެވެ.

"މާމަ ކެއްކި އެއްޗެއް ހަޒަލްއާއި ދަރިފުޅަށް ނުދީ ނުކެވިގެން މިއޮތް ބޯ ވާރޭގައި ފޮނުވީ........." ކައިދަން ކޮތަޅެއް ދިއްކޮށްލިއެވެ.

"ކޯނޗެއް ބާ....ކައި ނިމުނުތަނާ ތި އާދެވުނީ.."

"ފޮނި އެއްޗެއް. ނަން ހަނދާނެއްނެތް.."

"ރަގަޅުގަޑީގައި ޅިޔަނު ތިއައީ. އެހެން މީހަކަށް ނުކެވުނަސް އަހަންނަށް ކެވިދާނެ..." ކޮތަޅު އަތުލީ ރާހިލްއެވެ.

"ސޮރީ..ކޭޑް.. ފޯނު ކޮޓަރީގައި ބާއްވާފައި މިއުޅެވެނީ. އެކަމަކު ދެން މިއޮތް ވިއްސާރައިގާ ނައިނަމަ...." ހަޒަލް ކައިދަން އަވަހަށް ފޮނުވައިލަން އުޅުނެވެ."މާމަ އެކަނި ބަހައްޓާކަށް ނުވާނެ. ވިއްސާރަ ރެއެއް. އަވަހަށް ދޭ. ރާހިލް ވާރޭ ކޯޓެއްނެތް ތަ؟"

"އިޓްސް އޯކޭ. ރަގަޅުވާނެ. މިއަށްވުރެ އިތުރަށް ނުތެމޭނެ ދޯ..."

ރޯޒަލީ ގޭތެރެއިން ނުކުމެގެން އަންނަތަން ފެނުމާއެކު ކައިދަން އަނެއް ފަރާތަށް އެނބުރުނެވެ. ހަޒަލްގެ މަންމަ އޭނަދެކެ ރުޅިއަންނަވަރު އޭނައަށް އިހުސާސްކުރެވެނީއެވެ. ހަޒަލްގެ ހިތަށް އުދަގޫވިއެވެ. ނަމަވެސް އޭނަ ހުރީ ހިނިތުންވެލައިގެންނެވެ. އޭނައަކީ އުފާވެރި މަޖާ މިޒާޖެއްގެ އަންހެންކުއްޖެކެވެ.

"ހަޒަލް މަންމަގެ ލޮލުން އަލިފާން ތީރުތައް އުކަނީ..."

"ހިތަށް ހެރުނަ ނުދޭތި....މަންމަގެ ރުޅިވެރި ބެލުމަކީ ހަގީގަތުގައި ލޯބި. އަދި ލޯބިވާނެ ފަހުން..ނަފްރަތަކީ ލޯބީގެ ފެށުން. އިންސާނާގެ ހިތް ބަދަލުވާން ސިކުންތުކޮޅެއްވެސް ނުނަގާނެ........." ހަޒަލް ކިޔައިލިއެވެ.

ކައިދަން އިތުރު އެއްޗެކޭ ނުބުނެ ހިނގައިގަތެވެ.

***

ޚާތޫނު ގާގަނޑެއްގެ މަތީގައި ދެފައި ދަމާލައިގެން އިންއިރު ލޯ ހުއްޓިފައިވަނީ ސޫފީގެ ހަރަކާތްތަކަށެވެ. މުނިމާމަ ދަރިފުޅަށްޓަކާ ހިތާއި ފުރާނައިން ގުރުބާންވާވަރުވެއެވެ. އެދަރިފުޅު އުޅޭގޮތްތަކާއި ހުންނަލެއް ލޯބިކަމުން ހިލޭމީހެއްގެ ހިތްވެސް މިލްކުކުރާނެއެވެ. ޚާތޫނުއަށް އެކުއްޖާ މިސާލު ޖެހީ ދޮންދޫންޏެއްގެ ގޮތުގައެވެ. ރަންމަލެއްފަދަ ދަރިއެކެވެ. ދޮން ކުދިންނަށްވެސް އެފަދަ ރަންކުލައިގެ ދޮންކަމެއް ނުލިބޭނެކަމުގައި ޚާތޫނު ދެކުނެވެ. އެތައްފަހަރު ޚާތޫން ދުޢާވެސް ކޮށްފިއެވެ. އެސްފިނާއިން ސަލާމަތްކުރެއްވުމަށާއި ދިގު އުމުރެއް ދެއްވުމަށެވެ. ސާލިހު ދަރިއެއްކަމުގައި ވުމަށެވެ. އިނގިލީގައި އަޅުވާފައިވާ ތަސްބީހައިގެ މިނާތައް ގުނަމުން ދިޔައިރު މޫނުމަތި ނިކަން އައްޔެވެ.

"ޚާތޫނު....ކާކުގެ ދަރިއެއްތަ؟" އަވަށްޓެރިއަކު ޚާތޫނުގެ ގާތުގައި އިށީނެވެ.

"ކައިދަންގެ ދަރި..."

"ނަސީބު ރަގަޅެއްނު. ޑޮކްޓަރަކާއި ކައިދަން ކައިވެނި ކުރީ... ރޯޒަލީ އަދިވެސް ކައިދަންއާއި ގަބޫލުވާކަށް ނޫޅޭތަ؟"

"އަހަންނަށްވެސް ކައިދަންގެ އަންހެނުންނަކީ ރޯޒަލީގެ ދަރިއެއްކަން އެނގުމުން ނުބައިގޮތެއްވި. ރޯޒަލީގެ ދަރިއަކީ ޑޮކްޓަރެއް. އަހަރެމެންގެ ކައިދަން ނުކިޔަވާ ހުރީމަ ރޯޒަލީވެސް ހިތްހަމަނުޖެހުނީ..."

"އަހަރެންގެ ފިރިމީހާ ކައިރިއަށް ފޮނުވާ. ފަންޑިތަވެރިކަން ކިޔަވާދޭންވީނު. މިޒަމާނު ކުދިންނަށް އެބައި ނޭގޭތީ ވަރަށް ހިތާމަކުރަން. ކިހާ ރަގަޅު އިލްމެއް. ދަރިއާއިމެދު ވިސްނާނެކަމެއްނެތް. ފަންޑިތައިގެ އިލްމު އެނގުނީމަ ދުނިޔޭގައި އުޅެން ފަސޭހަވާނެ........."

ޚާތޫނުގެ އިނގިލިތަކުގެ ހަރަކާތް ކުރިއަށްވުރެ އަވަސްވިއެވެ.

***

ރޯޒަލީ ފިހާރައަށް ދިޔައީ ޕާނަކާއި ބިސް ގަތުމަށެވެ. ހެދުނު ސަޔަށް ބިސްނެތިއްޔާ ސައިބޮވުނުކަމަކަށްވެސް ނުވާނެއެވެ. ހިމަފޮދު ވާރޭގެ ތެރޭގައި ކުޑަ ނަގައިގެން މަޑުމަޑުން ހިގަމުން ދަނިކޮށް އެކުވެރިއަކާއި ދިމާވިއެވެ.

"ރޯޒް. އަހަރެން މިހެން ބުނީމަ ރުޅި ނާންނައްޗޭ....."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު