މަހިބަދޫގެ މައްޗަށް ވިކްޓްރީން ކުރި ހޯދައިފި

އެފްއޭއެމް ދެވަނަ ޑިވިޝަންގައި ވިކްޓްރީ ސްޕޯޓްސް ކުލަބް އަދި މަހިބަދޫ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެފްއޭއެމް ސެކަންޑް ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މަހިބަދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް ވިކްޓްރީ ސްޕޯޓްސް ކުލަބުން ކުރި ހޯދައިފިއެވެ.

މިރޭ ގަލޮޅުދަނޑުގައި ކުޅުނު ގްރޫޕް ދޭއްގެ އެ މެޗު ވިކްޓްރީން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗު ފަށައިގެން ވެސް މެޗު ކޮންޓްރޯލްކޮށް ރަނގަޅު ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކޮށްފައި ވަނީ ވިކްޓްރީންނެވެ.

އެގޮތުން އެ ޓީމުން ވަނީ މެޗުގެ 38 ވަނަ މިނެޓުގައި މެޗުގެ ލީޑުނަގައިފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު އައިމަން މުހައްމަދު ބަދްރަންއެވެ.

އެފްއޭއެމް ދެވަނަ ޑިވިޝަންގައި ވިކްޓްރީ ސްޕޯޓްސް ކުލަބް އަދި މަހިބަދޫ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީގެއިތުރުން ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ވިކްޓްރީން ވަނީ އިތުރު ގޯލެއްޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ނާއިމްއެވެ.

މެޗުގެ 61 ވަނަ މިނެޓުގައި މުހައްމަަދު ޝާން ވަނީ ވިކްޓްރީއަށް އެ ޓީމުގެ ތިންވަނަ ގޯލު ޖަހައިދީފައެވެ.

ރޭގަ ވަނީ އެފްއޭމް ސެކަންޑް ޑިވިޝަންގެ ގްރޫޕް 1ގެ މެޗެއް ކުޅެފައެވެ. އެ މެޗު ބިސްބުރު ސްޕޯޓްސް ކަލަބާ ވާދަކޮށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޓެންޓު ސްޕޯޓްސް ކުލަބުންނެވެ.

މާދާމާ ހަވީރު ވެސް ސެކަންޑު ޑިވިޝަންގެ މެޗެއް ކުޅެން ހަމަޖެހިފައިވެއެވެ. ގްރޫޕް ދޭއްގެ އެ މެޗުގައި ބައްދަލުކުރަނީ އެލްޓީ ސްޕޯޓްސްކުލަބު އަދި ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބެވެ.

comment ކޮމެންޓް