ދަރިވަރުންނަށް އަދަބިއްޔާތު، ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ދިވެހި ބަހުގެ އެކެޑަމީން ގޮވާލައިފި

މިއަހަރުގެ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ އަލީ ޝާމިން

ދިވެހި ބަހަށާއި ދިވެހި ލިޔުންތެރިކަމަށް ލޯބި ޖައްސަން ބޭނުންވާ ނަމަ، ސުކޫލު ދަރިވަރުންނަށް އަދަބިއްޔާތު، ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ދިވެހި ބަހުގެ އެކެޑަމީން ގޮވާލައިފިއެވެ.

މިއަހަރުގެ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ، (އެމްއެންޔޫ)ގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި މިކަމަށް ގޮވައިލެއްވީ، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް، ޑރ. އަޝްރަފް އަބްދުއްރަހީމްއެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން މި ޖަލްސާ ފައްޓާ ދިނީ ކަލާފާނު ސުކޫލްގެ ދަރިވަރު، އަޝަމް ޒިޔާދުއެވެ. އެއަށްފަހު، އިސްކަންދަރު ސުކޫލްގެ ދަރިވަރުން ޖަލްސާ ހުށަހަޅައިދީފައިވާއިރު، އެޖެންޑާގައިވާ ހުރިހާ ބޭފުޅުން ވެސް ވާހަކަ ދެއްކެވިއެވެ.

މި ޖަލްސާގައި ޑރ. އަޝްރަފް، ވަނީ ލިޔުންތެރިނަށް، އިބުރަތުން ފުރިގެންވާ، މުހިއްމު މެސެޖެއް ދެއްވާފައެވެ.

އޭނާ ވިދާޅުވީ ދިވެހި ލިޔުންތެރިން، އެކައްޗެއް ކިޔާ، އެއް ވިސްނުމެއްގައި މަސައްކަތް ކުރަން އެބަޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ޚިޔާލު ތަފާތުވުންތަކާއި އަމިއްލަ، ސްޓައިލްތައް ހުންނާނެކަން ގަބޫލު ކުރައްވާ ކަމަށާއި އެހެނަސް، ބަހުގެ ރިވެތި ހަމަތަކާއި ޒަމާންވީ އުސޫލުތައް މުގުރާލައިގެން ނުވާނެ ކަމަށެވެ.

މިއަހަރުގެ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ އަލީ ޝާމިން

"ލިޔުންތެރިން ދިވެހި ބަހާއި ބަހުގެ ހަމަ ތަކަށް ސަމާލުކަން ދެއްވުމަށް ގޮވާލަން. އަދި ދިވެހި ބަހަށް، ދިވެހި ލިޔުންތެރިކަމަށް ލޯބި ޖައްސަން ބޭނުންވާ ނަމަ، ސުކޫލު ދަރިވަރުންނަށް އަދަބިއްޔާތު، ވަކި މާއްދާ އެއްގެ ގޮތުގައި ކިޔަވައި ދެވޭނެ ނިޒާމެއް، ގާއިމުކޮށް ދިނުމަށް ވެސް އަޅުގަނޑު ގޮވާލަން،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

ދިވެހީންގެ ހިތުގައި ލިޔުންތެރިކަމަށް އޮތް ޝައުގުވެރިކަން ނެތެމުންދާކަން ފާހަގަ ކުރައްވައި ޑރ. އަޝްރަފް ވިދާޅުވީ ލިޔުންތެރިކަމަށް ހަގީގީ ލޯބި ޖެހެނީ އަދަބިއްޔާތުގެ ފަންނަށް ކުއްޖާގެ ލޯ ހުޅުވިގެން ކަމަށެވެ.

އެގޮތުން އަދަބިއްޔާތުގައި ހިމެނޭ ބައިތަކުގެ ތެރެއަށް އެ ކުއްޖާގެ ސިކުނޑިއަށް ފުޅާ ދާއިރާއެއްގައި ވަދެވި، އޭގެ ފޮނިމީރުކަން އެ ކުއްޖާއަށް ލިއްބައިދެވިގެން މެނުވީ އެކަން ހާސިލު ނުވާނެކަން ޑރ. އަޝްރަފް ފާހަގަ ކުރެއްވިއެވެ.

"ލިޔުންތެރިކަމަށް ހަގީގީ ލޯބި މި ޖެހެނީ އަދަބިއްޔާތުގައި އެ ހުރި ބައިތަކުގެ ތެރެއަށް އެ ކުއްޖާގެ ސިކުނޑިއަށް ފުޅާ ދާއިރާއެއްގައި ވަދެވި، އޭގެ ފޮނި މީރުކަން އެ ކުއްޖާއަށް ލިއްބައިދީގެން،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

މިއަހަރުގެ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ އަލީ ޝާމިން

ދިވެހި ބަހުގެ އެކެޑަމީން ލިޔުންތެރިންގެ އަގު އަބަދުވެސް ވަޒަން ކުރާނެ ކަމުގެ ޔަގީންކަން ޑރ. އަޝްރަފް ވަނީ ދެއްވާފައެވެ. އޭނާ ވިދާޅުވީ އެގޮތުގެ މަތިން ދެން އަންނަ އަހަރެއްގެ ލިޔުންތެރިންގެ ދުވަހުގެ ޖަލްސާގައި އެ ލިޔުންތެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެ ވެސް ކަމެއް ކުރެއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ޖަލްސާގެ ޝަރަފުވެރި މެހެމާން، އައްޝައިޚު އިބްރާހީމް އަހްމަދު ވަނީ އިލްމީ އަލީގައި ވަރަށް ޝައުގުވެރި، ވާހަކަތަކެއް ދައްކަވާފައެވެ. އޭގެ ތެރޭގައި ކީރިތި ޤުރުއާނާއި ޙަދީސުން، ލިޔުންތެރިކަމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

comment ކޮމެންޓް