ސޯލް (4 އޮގަސްޓް 2022): އުތުރު ކޮރެޔާ ނިއުކްލިޔާ ބާރަކަށް ވިޔަ ނުދޭނެކަމަށާ އުތުރުކޮރެޔާ ޖެހޭނީ ނިއުކްލިޔާ ހަތިޔާރު އުފެއްދުން އެއްކޮށް ހުއްޓާލުމަށްފަހު ކުރިން އުފައްދާފައިވާ ނިއުކްލިޔާ ހަތިޔާރުތައް ނައްތާލަން ކަމަށް އެމެރިކާްއިން ބުނެފިއެވެ.
އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނޭންސީ ޕެލޯޗީ އޭޝިއާ ޕެސިފިކްގެ ބައެއްގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ދެކުނު ކޮރެއާއަށް ވަޑައިގެން ވިދާޅުވީ އުތުރު ކޮރެޔާ ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ ކޮރެއަން ޕެނިންސިއުލާއަށާއި އަދި މުޅި ދުނިޔެއަށް ވެސް އޮތް ނުރައްކަލެއްކަމުގައެވެ. އުތުރުކޮރެއާ ޖެހޭނީ އެކަން ހުއްޓާލައި ސުލްހައިގެ މަގު ޚިޔާރު ކުރަންކަމަށްވެސް ޕެލޯސީ ވިދާޅުވިއެވެ.
ޕެލޯސީ ވަނީ ދެކުނު ކޮރެއާގެ ޕާލަމެންޓްގެ ރައީސް ކިމް ޖިންޕިޔޯއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވާފައެވެ. މިމަޝްވަރާތައް ބިނާކޮށްފައިވަނީ އުތުރުކޮރެއާއިން ނިއުކްލިޔާ ހަތިޔާރު ނައްތާލުމާއި ދެކޮރެއާ ދެމެދު ސުލްހަ ގާއިމް ކުރުމުގެ މައްޗައްކަން އެދެބޭފުޅުންގެ ބައްދަލުކުރެއްވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައިވެއެވެ. މި ބަޔާނުގައިވަނީ ދެކޮރެއާ ދެމެދު ސުލްހައިގެ ވާހަކަތައް ފެށުމަށްވެސް ގޮވާލާފައެވެ.
ޕެލޯސީ ދެކުނުކޮރެއާއަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމުގެ ކުރިން ދެ ކޮރެޔާގެ ސަރަހައްދީ ރޮނގު ގުޅޭ ހިސާބަށް ޒިޔާރަތް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. ދެކޮރެއާގެ ސަރަޙައްދީ ރޮނގު ބަލަހައްޓަނީ ދެ ކޮރެޔާގެ ސިފައިންނާއި އެމެރިކާ ސިފައިން ހިމެނޭ އދ. ގެ ސުލްހަ ބަލަހައްޓާ ކޮމާންޑަކުންނެވެ.
އެމެރިކާއިން ދެކޮރެއާ ދެމެދުގައި ސުލްހަ ގާއިމްކުރުމުގެ ވާހަކަ ދައްކާއިރު ދެކޮރެއާ ދެމެދުގައި އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ އެމެރިކާ ގެ 30 ހާހަށްވުރެ ގިނަ ސިފައިން ދެކުނު ކޮރެއާގައި ބަރުހަތިޔާރާއެކު ރުކުރުވާލާފައިވާ މައްސަލައެވެ. އަދި އެމެރިކާއިން ދެކުނު ކޮރެއާއަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދޭ މައްސަލައެވެ.
މިކަންކަމާގުޅިގެން އުތުރުކޮރެއާދަނީ ކޮރެއަން ޕެނިންސިއުލާގައި ހަމަނުޖެހުން އުފައްދައި އެސަރަހައްދަށް އަތްގަދަ ކުރަންއުޅޭކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރަމުންނެވެ. އަނެއްކޮޅުން އުތުރު ކޮރެއާގެ ނިއުކްލިޔާ ހަތިޔާރުގެ ވާހަކަ އެމެރިކާ ދައްކާއިރު އެމެރިކާއަކީ އުތުރުކޮރެއާއަށްވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު އުފައްދާ ގައުމެކެވެ. އުތުރުކޮރެއާ އެކޭ އެއްގޮތަށް ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ އެމެރިކާއަށްވެސް ބައިނަލްއަގްވާމީ ގާނޫނުގައި ހުއްދަ ކަމެއްނޫނެވެ.
ނަމަވެސް އެމެރިކާ ގެންގުޅެނީ އެމެރިކާ ނިއުކްލިޔާ ހަތިޔާރު އުފެއްދުން ހުއްދަ ކަމަކަށް ހަދާފައި އެމެރިކާގެ ސިޔާސަތަށް ބޯނުލަނބާ ގައުމަކުން ނިއުކްލިޔާ ހަތިޔާރު އުފެއްދުން ގޯސްކަމަކަށް ހެދުމުގެ ސިޔާސަތެކެވެ.
އެމެރިކާގެ ސިޔާސަތަށް ބޯނުލަނބާ ގައުމަކުން ނިއުކްލިޔާ ހަތިޔާރު އުފައްދާނަމަ އެއީ އެމެރިކާއަށާ އަދި މުޅި ދުނިޔެއަށް އޮތް ނުރައްކަލެއްކަމަށް އެމެރިކާ ސިފަކުރެއެވެ. އަދި އެމެރިކާ ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ ދުނިޔޭގައި ސުލްހައާ ހަމަޖެހުން ގާއިމް ކުރުމަށް ކުރާކަމެއްގެ ގޮތުގައި އެމެރިކާ ސިފަކުރެއެވެ.
ޕެލޯސީ ވަނީ ޗައިނާގެ ހުއްދައަކާ ނުލައި ޗައިނާގެ ސަރަހައްދެއްކަމަށްވާ ތައިވާން އަށް ޒިޔާރަތް ކުރައްވާފައެވެ. ތައިވާނަށް ވަޑައިނުގަތުމަށް ޗައިނާ ދިން އިންޒާރުތަކަށް ބީރު ކަންފަތެއް ދެއްވައި ޗައިނާއަށް ޖެއްސުންކުރާފަދަ ގޮތަކަށް ޕެލޯސީ ތައިވާނަށް ވަޑައިގަތުމުގެ ސަބަބުން ޗައިނާވަނީ ރުޅިގަދަވެފައެވެ. އަދި ޗައިނާއާއި ތައިވާނާ ދެމެދު ނުތަނަވަސްކަން އުފެދި ޗައިނާވަނީ ތައިވާނަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ފަށާފައެވެ.
މިތަމްރީންތަކުގައި ޗައިނާގެ އަސްކަރީ އުޅަނދުތައް ދަނީ ތައިވާންގެ ކަނޑާއި ވައިގެ ސަރަހައްދަށް ތަކުރާރުކޮށް ވަންނަމުންނެވެ. ނަތީޖާއެއްގެ ގޮތުގައި ދެކުނު ޗައިނާ ކަނޑުގައިވަނީ ހަމަނުޖެހުމާއި ނުތަނަވަސްކަން އުފެދިފައެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާއިންވަނީ ޕެލޯސީ ތައިވާނަށް ވަޑައިގަތުމަކީ ޚުދު އެމެރިކާވެސް ގަބޫލުކުރާ ވަންޗައިނާ ޕޮލިސީ (ތައިވާނަކީ ޗައިނާގެ ބައެއްކަމަށް ގަބޫލުކުރާ ޕޮލިސީ) މުގުރާލުންކަމަށް ސިފަކުރައްވައި އެކަމުގެ ރައްދު ވަރަށް ވޭންދެނިވި ގޮތެއްގައި އެމެރިކާއަށް ދޭނެކަމުގެ އިންޒާރު ދީފައެވެ.
ޕެލޯސީގެ މިއަމަލަށް ޗައިނާ ރައްދުދޭނެކަމަށް ބެލެވެނީ ރަޝިއާއާއި އީރާންފަދަ އެމެރިކާއަށް ގޮންޖަހާ ގައުމުތަކަށް އެހީތެރިވުމާއި އެމެރިކާ ޑޮލަރުގެ ބަދަލުގައި ބައިނަލްއަގްވާމީ ރިޒާވް ފައިސާއެއް ވުޖޫދަށް ގެނައުން އަވަސްކުރުންފަދަ އެމެރިކާގެ ބާރާއި ނުފޫޒު ދުނިޔޭގައި ކުޑަވެގެންދާނެ ކަންކަމަށް އިސްކަން ދީގެންކަމަށްވަނީ ބެލެވިފައެވެ.
ޗައިނާއަށް ގޮންޖަހާފައި ތައިވާން ވަޑައިގަތުމުގައި ޕެލޯސީގެ މަގްސަދަކީ ޗައިނާ ތައިވާނާ ދެކޮޅު ހަނގުރާމަ ފެށުމަށް މަގުފަހުކުރުންކަމަށާ ނަމަވެސް އެދަލުގައި ޗައިނާ ނުޖެހުނީ ކެތްތެރިކަން އިސްކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ގިނަ މުހައްލިލުން ދެކެވަޑައިގަންނަވައެވެ.
ތައިވާނަކީ 1949 ވަނަ އަހަރު ޗައިނާއަށް ގެނައި ކޮމިއުނިސްޓް އިންގިލާބާ އިދިކޮޅު ފާރަތްތައް ފިލައިގެންގޮސް ވަކި ސަރުކާރެއް އުފައްދައިގެން ވަކިވެގަންނަން އުޅޭ ޗައިނާގެ ސަރަހައްދެކެވެ. ޗައިނާވަނީ ވަކި ދައުލަތެއްގެ ގޮތުގައި ތައިވާނުން މިނިވަންކަން އިއުލާނުކޮށްފިނަމަ އެސަރަހައްދު ސީދާ ޗައިނާގެ ބާރުގެ ދަށަށް ގެންނާނެކަމުގެ އިންޒާރު އެތަށް ފަހަރަކު ދީފައެވެ.